ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ އެގާރަވަނަ މެޗުގައި އަހުލީއާއި ރިއަލް ސްޓާރސް ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗު ފުރަތަމަ ފަނަރަ ވަރަކަށް މިނެޓު ރިއަލް ސްޓާރސް އިން މޮޅަށް ކުޅުނު ނަަމަވެސް ފުރަތަމަ ހާފުގެ ބޮޑުބައިގައި ފެނިގެން ދިޔައީ ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ މާ ތަނަވަސް ފުރުޞަތުތަކެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލިބިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވަނީ ރިއަލް ސްޓާރސްގެ ފަރާތުންނެވެ. އަހުލީގެ ހާފު ތެރޭގައި ހުރެ ރިއަލް ސްޓާރސްގެ ޖޯޒީ ނަންބަރު 57 މޫސާ ކައުޔަޝް ފޮނުވާލި ބާރު ބޯޅަ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެފައި ވަނީ ރިއަލް ސްޓާރސްއިންނެވެ. މި ހާފުގައި ލަނޑު ޖަހާނެ މަދު ފުރުޞަތުތަކެއް ދެ ޓީމަށް ލިބިގެން ދިޔަ ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި މެޗަކީ މި މުބާރާތުގައި އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.
މި މެޗު އެއްވަރު ވެގެން ނިމުމާއި ގުޅިގެން ޝީލްޑަށް ވަނީ މާދަމާ ރޫހާއި ވާދަކުރާ މެޗުން މޮޅުވެގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރުމުގެ ފުރުޞަތު ތަނަވަސް ވެގެން ގޮސްފައެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަހުލީ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ޖޯޒީ ނަންބަރު 16 މުހައްމަދު ރިޝްފާނެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށް ދެއްވީ އިއްޔެ މެޗުގެ ޝަރަފުވެރި މެހެމާނު އަލްފާޟިލް މުހައްމަދު ނިޔާޒުއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ޓީމު ޝީލްޑާއި ޓީމު ރޫހެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.
