އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ވޮލްވަހޭމްޓަން އާއި، މެންޗެސްޓަރ ސިޓީ ބައްދަލުކުރި ފޯރިގަދަ މެޗުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވޮލްވަހޭމްޓަން ކާމިޔާބުކުރުމުން، މެންޗެސްޓަރ ސިޓީ އިން ޕްރިމިއަރ ލީގު ހޯދުމަށް ކުރަމުން އަންނަ އުންމީދުތައް ފުނޑުފުނޑު ވެއްޖެއެވެ.

ވުލްވްސް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ވުލްވްސް ގެ ފޯވާޑް ޑިއޯގޯ ޖޮޓާ އަށް ކުރި ފައުލަކާއި ގުޅިގެން ސިޓީ ގެ ކީޕަރު އެޑަސަން އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި ސިޓީގެ މިޑްފިލްޑަރ ރިޔާދް މާރޭޒް އަށް ވުލްވްސް ޕެނެލްޓީ އޭރިއާ އެތެރެއިން އެޓީމުގެ ޑިފެންޑަރެއް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ބެލުމަށް ފަހު، ރެފްރީ ވަނީ ސިޓީ އަށް ޕެނަލްޓީ އެއް ދީފައެވެ. ނަމަވެސް ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ ވުލްވްސް ގެ ކީޕަރު ރުއި ޕެޓްރީސިއޯ ދިފާއުކުރަން އުޅުމުގެ ތެރޭގައި އަތުގައި ޖެހިފައި ބޯޅަ ނުކުތް ވަގުތު، ލިބުނު ދެވަނަ ފުރުސަތުގެ ބޭނުން ހިފައި ސްޓާލިން ވަނީ އެ ބޯޅަ ގޯލުގެ އެތެރެއަށް ވައްދާލާފައެވެ. މި ގޯލާއެކީ ދިހަ މީހުންނާއެކު ކުޅެމުންދިޔަ ސިޓީ އިން ފުރަތަަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މެންޗެސްޓަރ ސިޓީ ގެ ކީޕަރު އެޑަސަން އަށް ރަތް ކާޑު ދައްކަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ދެވަނަ ހާފު ފެށިގެން ފަސް މިނެޓް ފަހުން މެޗުގެ 50 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓާލިން ވަނީ އިތުރު ގޯލެއް ޖަހައި ސިޓީ ގެ ލީޑު ފުޅާކޮށްދީފައެވެ. މުޅި މެޗުގައި ގައި މޮޅަށް ކުޅެ އަދި، ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ވުލްވްސް ގެ ފުރަތަަމަ ގޯލު ފެނިގެން ދިޔައީ 55 ވަނަ މިނެޓުގައެވެ. ރުބެން ނެވެސް ތަނަވަސްކޮށްދިން ފުރުސަތަކުން ވުލްވްސް އަށް މި ގޯލު ކާމިޔާބުކޮށްދިނީ އެޑާމާ ޓްރައޯރޭ އެވެ. 82 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވުލްވްސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޓްރައޯރޭ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ފޯވާޑު ރައުލް ޖިމިނޭޒް އެވެ. ވުލްވްސް މޮޅުވި ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް ޖިމިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މެޓް ޑޮހާޓީ އެވެ.

ގޯލުޖެހުމަށްފަހު ވޮލްވަހޭމްޓަން ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މިއީ ސިޓީ ގެ ކޯޗު ޕެޕް ގާޑިއޯލާ ގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް އެންމެ މަދުން ބޯޅަ ހިފަހައްޓައިގެން ކުޅުނު މެޗުކަން ފާހަގަކޮށްލެވެއެވެ. އިނގެރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި ސިޓީ އާއި ބައްދަލުކުރި ދެ މެޗު ވެސް ވުލްވްސް ވަނީ ކާމިޔާބުކޮށްފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ 2016/2017 ވަނަ ސީޒަނުގައި އެންޓޯނިއޯ ކޮންޓޭ ގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީ އިން ލީގުގެ ދެ ކުރިމަތިލުމުގައި ވެސް ޕެޕް ގާޑިއޯލާ ގެ ސިޓީ ބަލިކޮށްފައިވެއެވެ.

މި މެޗުން ބަލިވުމާއެކު ތާވަލުގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު މެންޗެސްޓަރ ސިޓީ އިން ވަނީ ނަގާލާފައެވެ. ކުޅުނު 19 މެޗުން ލިބުނު 38 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ ތާވަލުގެ ތިންވަނައިގައި އޮތްއިރު، 39 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. އަދި، އެއް މެޗު މަދުން ކުޅެ 52 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.