އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ފަހަތުން އަރައި އާސެނަލްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ލަންޑަން ޑާބީ ޗެލްސީ އިން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލު ފުރަތަމަ ހާފުގެ ކުރީކޮޅުގައި ކާމިޔާބުކުރީ އާސެނަލް އިންނެވެ. 13 ވަނަ މިނެޓުގައި ކެލުމް ޗެމްބަރސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑު އޮބަމަޔަންގް އެވެ. ގިނަ އަދަދެއްގެ ރީނދޫ ކާޑު ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޗެލްސީ އިން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ގޯލުޖެހުމަށްފަހު އޮބަމަޔަންގް އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ޗެލްސީ އިން ދެވަނަ ހާފު ފެށީ ކުރިއަށްވުރެން ވަރުގަދަކޮށެވެ. މެޗުގައި ގިނަ ހަމަލާތައް އުފެއްދި ޗެލްސީ އިން ގޯލެއް ޖެހުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފަހުކޮޅުގައި އެޓީމުން ގޯލެއް ކާމިޔާބުކުރުމެވެ. 83 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ މި ގޯލު ކާމިޔާބުކުރުމުގެ އިރުކޮޅެއް ކުރިން އޭނާ ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކާޑެއް ދައްކަން ޖެހޭކަމަށް ބުނެ، އާސެނަލް ކުޅުންތެރިން ރެފްރީ ކައިރީގައި ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވެއެވެ. ޗެލްސީ މޮޅުކޮށްދިން ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ވިލިއަން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑު ޓެމީ އަބްރަހަމް އެވެ.

ޓެމީ އަބްރަހަމް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

އާސެނަލްގެ ކޯޗުކަމާއި އަލަށް ހަވާލުވި މިކޭލް އާޓެޓާ ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަަމަ މެޗުން އެއްވަރުވިއިރު، ދެވަނަ މެޗުން މިވަނީ ބަލިވެފައެވެ. 1959 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން މިއީ އާސެނަލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އެންމެ ގިނަ ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ މެޗުން ބަލިވުމާއެކު، ހުރިހާ މުބާރާތެއްގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ކުޅުނު ހަތަރު މެޗުން އާސެނަލް މިވަނީ ބަލިވެފައެވެ.

މިއަދުގެ މެޗުން ބަލިވުމާއެކު އާސެނަލް މިވަނީ ކުޅުނު 20 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ އަށް ވެއްޓިފައެވެ. 35 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.