އެފަދަ ދެވަނަ އެހެން ޕާކެއް ނޯންނަ ‘މުޙައްމަދު ބިން ރާޝިދު އަލް-މަޚްޠޫމް ސޯލާ ޕާކް’ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހު ފަށަން ތައްޔާރުވެފައި ވާކަމަށް ދުބާއީގެ ކަރަންޓާ ފެނާ ބެހޭ އިދާރާ ‘ދުބާއީ އިލެކްޓްރިސިޓީ އެންޑް ވޯޓަރ އޮތޯރިޓީ (ޑ.ީއީ.ޑަބަލިޔު.އޭ)’ގެ މެނޭޖިން ޑިރެކްޓަރ ސަޢީދު މުޙައްމަދު އަލް-ތާއީ ވިދާޅުވެއްޖެއެވެ.

ދުބާއީގައި ހަދާފައިވާ 50ބިލިޔަން އަރަބް އިމާރާތު ދިރްހަމްގެ އަގުހުރި ސޯލާ ޕާކް (އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ޕާކް) އަކީ މިނިވަން ހަކަތަ އުފައްދާ ޕްރޮޑިއުސަރ (އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރ) މޮޑެލް އެއްގެ ދަށުން ފަރުމާކޮށްފައިވާ ޕާކެކެވެ. މި ޕާކުގެ ހުރިހައި ފިޔަވައްސެއް 2030 ވަނަ އަހަރަށް ނިންމައިލެވުމުން، އެއްފަހަރާ 5000 މެގަވޮޓްސްގެ ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

‘ދުބާއީ އިލެކްޓްރިސިޓީ އެންޑް ވޯޓަރ އޮތޯރިޓީ (ޑ.ީއީ.ޑަބަލިޔު.އޭ)’ އިން މި ޕްރޮޖެކްޓްގެ ކުރިއަށް ގެންދަނީ އަބޫދާބީ ފިއުޗަރ އެނަރޖީ ކުންފުނީގެ ކޮންސޯޓިއަމް އެނާޖީގެ އެހީގެ ދަށުންނެވެ. މިހާރު މި ޕްރޮޖެކްޓް ކުރިއަށްގޮސްފައިވާ މިންވަރަށް ބަލައިލާއިރު، ޕްރޮޖެކްޓްގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށި، ޖުމްލަކޮށް 800 މެގަވޮޓްސްގެ ހަކަތަ އުފައްދަން ފެށޭނެއެވެ. އޭޕްރީލް މަސް ނިމޭއިރު ‘މުޙައްމަދު ބިން ރާޝިދު އަލް-މަޚްޠޫމް ސޯލާ ޕާކް’ގައި 1013 މެގަވޮޓްސްގެ ކަރަންޓު ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.

‘މުޙައްމަދު ބިން ރާޝިދު އަލް-މަޚްޠޫމް ސޯލާ ޕާކް’ – ފޮޓޯ: ގަލްފު ބިޒްނަސް

މި ޕްރޮޖެކްޓަކީ އެކުވެރި އަރަބް އިމާރާތުން 2050 ވަނަ އަހަރާއި ހަމައަށް އަންނަން ވާއިރަށް ހާސިލްކުރަން ކަނޑައަޅާފައިވާ ކްލީން އެނާރޖީ ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ބައެކެވެ. އެގޮތުން އެ ގައުމުގެ ތިންބައިކުޅަ އެއްބަޔަކީ ސާފު ހަކަތަ (ތިމާވެށްޓާއި ރައްޓެހި ހަކަތަ) ބޭނުންކުރާ ގައުމަކަށް ވެގެންދާނެއެވެ. މި ސޯލާ ޕާކް އެއްކޮށް ނިމި، އޭގެ ޚިދުމަތް ދޭން ފެށުމުން ދުބާއީ އިން ދޫކުރާ ކަރަންޓުގެ 75 އިންސައްތަ ވެގެންދާނީ ސާފު ހަކަތައަށެވެ. ނަތީޖާއެއްގެ ގޮތުން އެކުވެރި އަރަބް އިމާރާތު ސިޓީ ވެގެންދާނީ ދުނިޔޭގައި އެންމެ މަދުން ކާބަން ބޭރުކުރާ ޤައުމުގެ ގޮތުގައެވެ.

މި ޕްރޮޖްކްޓްގެ ފުރަތަމަ ފިޔަވަހި ފެށުނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގައެވެ. މި ޕާކުން މިހާރުވެސް ދުބާއީގެ 50000 ރައްޔިތުންނަށް ހަކަތަ ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މަސްދަރު: ސްކޫޕްއެމްޕަޔަރ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.