2019ވަނަ އަހަރުގެ ބޮޑު ކައިވެނީގެ ގޮތުގައި މީޑިއާތަކުގެ ފަލަ ސުރުޚީއަށް އެރި ރިޝްމީ އާއި ރަވީގެ ކައިވެނީގެ ގުޅުމަށް ނިމުން ގެނެސްފައިވާކަން ރޭގެ ވަގުތެއްގައި ރިޝްމީ ހާމަކޮށްފިއެވެ. ރިޝްމީގެ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައިވާ ކުރު ބަޔާނެއްގައި މިކަމުގެ ސަބަބުވެސް ބަޔާންކޮށްފައި ވެއެވެ.

25 މާރިޗް 2019ގައި ރިޝްމީ އާއި ރަވީ ކުރި ކައިވެންޏަށް ނިމުން ގެނެސްފައިވާކަން ބަޔާންކުރަމުން ރިޝްމީ ބުނީ، އެހެން ގުޅުންތަކެކޭ އެއްގޮތަށް އެ ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކަކީ އަޑިގަނޑުތަކާއި އުސްގަނޑުތައް ގިރާ ކުރަންޖެހުނަސް، އުފާވެރި ދަތުރެއް ކަމަށެވެ. އަދި އެ މުއްދަތުގައި ދެމީހުންގެ ފުރާނައަށް ނުރައްކާވި ދެ ހާދިސާއާ ކުރިމަތިވި ނަމަވެސް، އެކަމުން އަރައިގަތީ ދެމީހުން އެކުގައި ކަން ވެސް ރިޝްމީ ފާހަގަކޮށްފައި ވެއެވެ.

“ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި އެތައް ކަމަކާ ކުރިމަތިވެ، އެހެން މީހުންނެކޭ އެއްގޮތަށް ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރަވީއާ ދެމީހުންނަށް ބޮޑެތި ބަދަލުތަކެއް އައިސް، ދެމީހުންގެ ޚިޔާލާއި އިސްކަންދޭ ކަންކަމަށް ބަދަލުތަކެއް އައިސްފައިވޭ. އެ ބަދަލުތަކާ ގުޅިގެން، އެކުގައި އުޅެވެން ނެތުމުން، ދެމީހުންނަށްވެސް ރަނގަޅު ގޮތަކީ ވަކިވުން ކަމަށް ފެންނާތީ ވަރިވާން ނިންމީ. ނަމަވެސް ރައްޓެހިކަމާއި މަސައްކަތުގެ ދާއިރާގައި ގުޅުން އޮތުމަށް އުއްމީދު ކުރަން.” ރިޝްމީ އާާއްމުކުރި ބަޔާނުގައި ބުނެފައި ވެއެވެ.

ރިޝްމީ އާއި ރަވީގެ މި ނިންމުމަށް އެންމެން އިހްތިރާމްކޮށް އެ ބަދަލާ އެކު ކުރިއަށް ދިއުމުގައި އެހީތެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ރިޝްމީ ބުނެފައި ވެއެވެ.

މީގެކުރިން ރިޝްމީ ފިލްމީ ތަރީ އަޒްމީލް (އަޒޭ) އާއި ކައިވެނި ކޮށް ފިރިހެން ދަރިއެއް ލިބިފައިވެއެވެ. ރަވީ އާއި ރިޝްމީ ކުރި ކައިވެންޏަކީ އޭނާގެ ދެވަނަ ކައިވެންޏެވެ. ރޫޅިގެން މި ދިޔަ ކައިވެންޏަކީ ރަވީގެ ތިންވަނަ ކައިވެންޏެވެ. ކުރީގެ ކައިވެންޏަށް ރަވީއަށް ދެ ދަރިން ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.