އިނގެރޭސި ޕްރިމިއަރ ލީގުގައި މިރޭ ލެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. މެޗުގެ ފުރަތަަމަ ގޯލު ދެވަނަ ހާފު ފެށުނުތަނާ ޗެލްސީ އަށް ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ. ޗެލްސީން ކާމިޔާބުކުރި މި ގޯލާއެކު، ލެސްޓާ ގެ ކުޅުން ކުރިއަށްވުރެން ވަރުގަދަކުރިތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޔޫރީ ޓިލެމެންސް ތަނަވަސްކޮށްދިން ފުރުސަތަކުން ހާވީ ބާންސް ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ދިހަ މިނެޓު ފަހުން ޓިލެމެންސް ނަގައިދިން ހުރަހަކުން ބެން ޗިލްވެލް ވަނީ ގޯލެއްޖަހާ ލެސްޓާ އަށް ލީޑު ނަގައިދީފައެވެ.

ޗެލްސީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ރޫޑިގާ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ހިލޭ ޖެހުމެއް މޭސަން މައުންޓް އޭރިއާ އެތެރެއަށް ހުރަސްކޮށްލުމުން ރޫޑިގާ ވަނީ އެ ބޯޅަ ބޮލުން ޖަހައި ގޯލުގެ އެތެރެއަށް ވައްދާލާފައެވެ. މިއީ ރޫޑިގާ ޗެލްސީ އަށް ކުޅެދިން 100 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ބެން ޗިލްވެލް ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

އިނގެރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި، ހަތަރުވަނައިގައި އޮތް ޗެލްސީ ބައްދަލުކުރި މި މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް 8 ޕޮއިންޓުގެ ތަފާތަކުން އަދިވެސް ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. މިހާތަނަށް ކުޅުނު 25 މެޗުން 49 ޕޮއިންޓު ލެސްޓާ އަށް ލިބިފައިވާއިރު، ޗެލްސީ އަށް ލިބިފައިވަނީ 41 ޕޮއިންޓު ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.