ކަންކުން (ސައިންޓިފިކް ނަން: އައިޕޯމިއާ އެކުއާޓިކާ، އިނގިރޭސި ބަހުން ކަންގްކޮންގް ނުވަތަ ވޯޓަރ ސްޕިނޭޗް ) އަކީ ފަތްޕިލާވެލީގެ ބާވަތެކެވެ. މިއީ ދިވެހިން ކާން ބޭނުންކުރާ ފަތެކެވެ. މިއީ އޭޝިއާ ސަރަޙައްދަށް ޚާއްޞަ ތަރުކާރީ ފަތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކަންކުން ފަތަށް ތަފާތު ނަންނަމުން ކިޔައި އުޅެއެވެ.

ކަންކުން ފެނުގައި ވެސް ހެދެއެވެ. އަދި ބިމުގައި ހައްދާނަމަ އާންމުކޮށް ހައްދަނީ ތެތް ވެލިގަނޑު ހުންނަ ހިސާބުތަކުގައެވެ. ކަންކުން ފަތުގެ ތަނޑީގައި 3-2 މިލިމީޓަރު ހުރެއެވެ.

ކަންކުން ފަތުގެ ދިގުމިނުގައި 15-5 ސެންޓިމީޓަރު ވަރުހުރެއެވެ. އަދި ފުޅާ މިނުގައި 8-2 ސެންޓި މީޓަރު ވަރުހުރެއެވެ. އަދި ކަންކުންފަތުގެ މަލުގެ ވަށަމިނުގައި 5-3 ސެންޓިމީޓަރު ވަރު ހުރެއެވެ.

ކަންކުން ފަތަކީ އެއިން ތަފާތު ބާވަތްބާވަތުގެ ރަހަމީރު ކާނާ ތައްޔާރުކޮށްލެވިދާނެ ފަތެކެވެ. އެގޮތުން ކަންކުން ޑެވިލް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، ބަތާއިއެކުގައި ނުވަތަ ރޮއްޓާއިއެކުގައި ކެއުމަށް އެހާމެ މީރު ލައިގެންކާ އެއްޗެކެވެ.

ކަންކުން ފަތަކީ ސިއްޙީ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ. އެގޮތުން ވިޓަމިންގެ ބާވަތެއް ކަމަށްވަ ކެރޮޓިނޮއިޑްސްގެ ލޫޓިއަން އާއި ޕްރޯ-ވިޓަމިން އޭ ލިއްބައިދެއެވެ. އަދި ފާހަގަ ކޮށްލެވޭ މިންވަރަކަށް ކެލްސިއަމް، ވިޓަމިން ބީ، ސީ އަދި އެމައިނޯ އެސިޑްސް އާއި ދަގަނޑުގެބައި ހިމެނެއެވެ. ގިނައިން ކަންކުން ފަތް ކާނަމަ ބޮޑުކަމުދާން ފަސޭހަ ވާނެއެވެ.

ކަންކުން އަކީ ފަސޭހައިން ފެނުގައިވެސް ހެދޭ ވެޔޮގަނޑަކަށް ހެދޭ ގަހެކެވެ. ތެތް ބިމުގައި ވަރަށް ފަސޭހައިން ހައްދާލެވޭނެއެވެ. މި ގަސް ޕޮޓްގައި ހައްދާގޮތުގެ ވީޑިއޯ އެއް ބައްލަވާލައްވާށެވެ.

މި ލިޔުމުގައި ކަންކުން ފަތުން ތައްޔާރުކޮށްލެވިދާނެ ދެ ރެސިޕީއެއް ހިމަނާލާނަމެވެ.

ކަންކުން ޑެވިލް

ބޭނުންވާނެ ތަކެތި:

2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ އިނގުރު

2 ސައިސަމުސާ ގާނާފައި ނުވަތަ ޗަސްކޮށްފައިވާ ލޮނުމެދު

2 ސައިސަމުސާ މިރުސް، ކުދިކޮށް ކޮށާފައި

2 ސައިސަމުސާ ތެޔޮ

3 ސައިސަމުސާ ޓޯމާޓޯ ސޯސް

4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

ރަހަލާވަރަށް ލޮނު

50 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)

30 ގްރާމް ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

200 ގްރާމް ކަންކުން ފަތް (5 އިންޗި އަށް ބުރިކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި ތެޔޮފޮދު ހޫނުކޮށްލައި، އެއަށް އިނގުރުކޮޅާއި ލޮނުމެދުކޮޅު އަޅައި މުށިކުލަ އަރަންދެން ރަތްކޮށްލާށެވެ. ދެން ފިޔާ އަޅާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅައި 5 މިނެޓްވާންދޭން މަޑު ގިނީގައި ކައްކާށެވެ. (ކަންކުން ފަތުގެ ފެހިކުލަ ނުކެނޑޭވަރަށް ކެއްކުން މުހިންމެވެ.) ދެން ބާކީ ހުރި ތަކެތި އަޅައި ރަނގަޅަށް އެއްކޮށްލައި އުނދުން ނިވާލައި އުނދުނުގެ ހޫނުގައި 2 މިނެޓް ވަންދެން ކައްކާށެވެ. ބަތާއިއެކުގައި ކެއުމަށް ވަރަށް މީރުވާނެއެވެ.

ސްރީލަންކަން ކަންކުން ސްޓަޔަރ ފްރައި

ބޭނުންވާނެ ތަކެތި:

ކަންކުންފަތް ބޮނޑިއެއް

ހެޔޮވަރުގެ ފިޔައެއް ތުނިކޮށް ކޮށާފައި

1-2 މޭޒުމަތީ ސަމުސަލުގެ ދަޅުމަސް

1 ސައިސަމުސާ މިރުސް (ކޮށާފައި)

1 ލޮނުމެދު ޗަސްކޮށްފައި

ރަހަލާވަރަށް ލޮނު

2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެގޮތް:

ކަންކުން ތުނިކޮށް ކޮށާށެވެ. އެއްފަރާތެއްގައި ބެހެއްޓުމަށްފަހު، ތަވާގައި ތެޔޮފޮދު ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ލޮނުމެދުކޮޅު އަޅައި ވަޅޯކޮށްލާށެވެ. ވަޅޯވުމުން ފިޔާކޮޅު އަޅާށެވެ. ފިޔާކޮޅު ރަތްވުމުން މަސްކޮޅު އަޅާށެވެ. އެއަށްފަހު މިރުސް އަޅާށެވެ. ރަނގަޅަށް އެއްކޮށްލާ ލޮނުހެޔޮވަރު ކުރާށެވެ. އެއަށްފަހު ކަންކުން ފަތްކޮޅު އަޅާށެވެ. އުނދުން ނިވާލާ ތަވާގެ ހޫނުކަމުގައި ކަންކުން ފަތްކޮޅު މޯޅިވާންދެން ކައްކާށެވެ. މިއީ ލަންކާ ސްޓައިލްގައި ކަންކުން ސްޓަޔަރ ފްރައި ހަދާގޮތެވެ. ހުސް ބަތާއެކު ވަރަށް މީރުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.