2020 ގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ޚާއްސަކޮށްގެން އެއްތަނުން އަނެއްތަނަށް ދުއްވާފައި ގެންދެވޭ މިސްކިތްތަކެއް ޖަޕާނުން ތައާރަފް ކޮށްފިއެވެ.
މީގެ މިސްކިތް ތަކުގައި، މިސްކިތެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ހުރެއެވެ. އަރަބިބަހުން ލިޔެފައިވާ ނަންބޯޑުތަކެއް ހަރުކޮށް ވުޟޫކުރާނެ އިސްކުރުބަރިއެއް ބޭރުގައި ހަރުކޮށްފައި ހުރެއެވެ. މީގެ މިސްކިތެއް ހުންނަންވީތަނަށް ގެންގޮސް ހުޅުވާލުމުން، އެއްފަހަރާ 50 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮވެއެވެ.

މޮބައިލް މިސްތެރޭގައި ބަޔަކު ނަމާދުކުރަނީ
މިއީ މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގައި އޮންނަ އޮލިމްޕިކްސް މުބާރާތަށް ދާ މުސްލިމް އެތުލީޓުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި ހަދާފައިވާ ދުއްވޭ މިސްކިތްތަކެކެވެ.
ޔަސޫ ޕްރޮޖެކްޓްގެ ދަށުން އިންތިޒާމުކޮށް އުފެއްދި މިއިން ކޮންމެ މިސްކިތް ޓްރަކެއްގެ ފަހަތް ހުޅުވާލުމުން 48 އަކަ މީޓަރުގެ ބޮޑު ޖާގައެއް ހެދެއެވެ.
ޔަސޫ ޕްރޮޖެކްޓްގެ ސީއީއޯ ޔަސުހަރު އިނޮއުއެ އުންމީދު ކުރަނީ މި މިސްކިތްތަކުގެ ސަބަބުން އޮލިމްޕިކް ގޭމްސްއަށް ދާ މުސްލިމް އެތުލީޓުންނަށާއި ޒިޔާރަތްކުރާ މެހެމާނުންނަށާއި ޖަޕާނުގެ އަހުލުވެރިންނަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ.

“އަހަރެން ބޭނުންވަނީ އެތުލީޓުންނަށް މިކަމުގެ ސަބަބުން ހިތްވަރުލިބި، ޓޯކިޔޯ އޮލިމްޕިކްސް އަކީ ކާމިޔާބު މުބާރާތަކަށްވުން. އަހަރެން މި މިސްކިތްތައް މިހެދީ މީގެ ސަބަބުން ހޭލުންތެރިކަން އުފެދި، ދުނިޔޭގެ ތަފާތު ނަސްލުތަކުގެ މެދުގައި ތަފާތުކުރުމެއްނެތި ސުލްހަވެރިކަމާއެކު އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސް ކުރިއެރުވުމުގެ ބޭނުމުގައި” ސީއީއޯ ބުންޏެވެ.
ވަސެޑާ ޔުނިވަރސިޓީން މައުލޫމާތު ދޭގޮތުގައި ޖަޕާނުގައި ޖުމްލަ 105 މިސްކިތް ހުރެއެވެ. ނަމަވެސް މިހުރިހާ މިސްކިތްތަކަކީވެސް ކުދި މިސްކިތްތަކަކަށް ވެފައި ސިޓީތަކާ ދުރުގައި ހުރި މިސްކިތްތަކެކެވެ.
ޓޯކިޔޯ އޮލިމްޕިކްސްއަށް 206 ގައުމުން 11،000 އެތުލީޓުން އަންނާނެއެވެ. ޖަޕާނުން ބޭނުންވަނީ މިހުރިހާ އެތުލީޓުންވެސް ޖަޕާނުގައި ހޭދަކުރާ ދުވަސްކޮޅަކީ އުފާވެރި ހިތްހަމަޖެހޭ ދުވަސްކޮޅަކަށް ހަދައިދިނުމަށެވެ.
