ކޮރޯނާވައިރަސް ސިއްރު ކުރުމުގެ ގޮތުން ސިއްހީ މައުލޫމާތާއި ދަތުރު ކުރި ތަންތަނާ ބެހޭ މައުލޫމާތު ހާމަނުކުރާ ފަސިންޖަރުން 500،000 ރިޔާލް (133،000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރަން ސައުދީން ނިންމައިފި އެވެ.
ސައުދީން ކޮރޯނާވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އިރުމަތީގެ ގަތީފް ޕްރޮވިންސް މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ. އެ ޕްރޮވިންސުން އީރާނަށް ދަތުރުކުރި މީހުން ވަނީ އެ މައުލޫމާތު ސިއްރުކޮށްފަ އެވެ. ޝިއައީންގެ އާބާދީ ބޮޑު ގަތީފް އިން އީރާނަށް ދަތުރުކޮށްފައި ވަނީ ގަލްފުގެ އެހެން ގައުމުތައް މެދުވެރިކޮށެވެ. ސައުދީގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރުނީ އީރާނުން ދިޔަ މީހުންގެ ފަރާތުންނެވެ.
ސައުދީން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ވަނީ އީރާނަށް ދަތުރުކުރިކަން ސިއްރުކޮށްފަ އެވެ. އޭނާ އީރާނަށް ދިޔައީ ބަހުރޭނު މަގުންނެވެ. ސައުދީން ވަނީ 20 މީހުން ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
