މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އއ. ރަސްދޫ އަށް ފަތުރުވެރިން ނުގެންދިޔުމަށް ނިންމައިފި އެވެ.
ރަސްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސްދޫ އަށް ފަތުރުވެރިން ގެނައުން މަނާ ކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާ ގުޅިގެން ރަސްދޫގައި އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތައް ހިންގަމުންދާ ފަރާތްތަކުން މި ނުރައްކާތެރި ބަލިން ރަސްދޫގައި ދިރިއުޅޭ ރައްޔިތުން ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މާޗް 31 ގެ ނިޔަލަށް އެއްވެސް ފަތުރުވެރިޔަކު ރަސްދޫ އަށް ނުގެންދިއުމަށް ކައުންސިލުގެ ބަޔާނުގައިވެއެވެ.
ރަސްދޫގެ އިތުރުން އެ އަތޮޅު ތޮއްޑޫ އިން ވެސް ވަނީ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މެދުކަނޑާލައިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
