ދުނިޔެ އެ ބަައްޔަކާ މިވަގުތު ހަނގުރާމަކޮށް އިނދަޖެހެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މި ވަނީ ދުނިޔެއަށް ބަނަ ވިލާގަނޑެއް ގެނެސްފައެވެ. އެޔަށް ތަބާވެ އެ ވައިރަސް ހެއްދިހައި ގޮތެއް އިންސާނުން ހަދަން މިއަދު މި ވަނީ މަޖުބޫރު ވެފައެވެ. ވީއިރު މި ކުޑަ ކުޑަ ދިރުމުގެ ކުރިމަތީގައި އަޅުގަނޑުމެން އިންސާނުން ގަމީހަކަށް ވެސް ނުވޭ ނޫންތޯއެވެ.

އިންސާނުންނަށް ލިބިގެންވާ ވިސްނުމާއި ބުއްދިވެރިކަމަކީ ކިހައި މަތިވެރި ނިޢުމަތެއް ހެއްޔެވެ؟ ދުނިޔޭގައި ލެއްވި މަޚްލޫގުންގެ ތެރެއިން ވެސް އިންސާނުން އެންމެ މާތް ކުރައްވާފައި ވަނީ މިފަދަ ހިކުމަތްތަކަށެވެ. ވީއިރު މި މަތިވެރި ނިޢުމަތްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި އިންސާނުންނަށް ހިފޭކަމާމެދު އަމިއްލަ ނަފްސާ ސުވާލުކޮށް ޖަވާބު ހޯދީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟

މި ޢާލަމަށް މިއަދު ވެރިވެފައި މިވަނީ ކިހައި ނާމާން އަނދިރި ވިލާތަކެއް ހެއްޔެވެ؟ އެންމެންގެ ހިތްތަކަށް ވެސް ބިރުވެރިކަމާ ނުތަނަވަސްކަން ވެރިވެފައިވާ ނާޒުކު ދަނޑިވަޅެއްގައި ބައެއް އިންސާނުންގެ ހަމަ ބުއްދި ނެތީ ހެއްޔެވެ؟ އެއްބަޔަކު މި ވަބާއިން ރައްކާތެރިވުމަށް ޓަކައި ރެއާއި ދުވާލު ޖާނާއިމާލުން ޤުރުބާންވާއިރު އަނެއްބައެއްގެ ހިތުގައި ހަމްދަރުދީގެ ކަންފުޅެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ އާދޭހެވެ. މި ދައްކަނީ މުޖުތަމަޢުގައި ފިތުނައާއި ފަސާދަ އުފައްދާ ނާތަހުޒީބު މީހުންގެ ވާހަކައެވެ.

މީޑިއާތަކުންނާއި އެހެނިހެން ވަޞީލަތްތަކުން އެންމެ ސިކުންތެއް ވެސް މެދުނުކެނޑި ގޮވާހައި ވާހަކަތަކަށް ތިބާ ކޮޅުފައިން ޖެހުމުގެ މައިގަނޑު އަސާސަކީ ކޮބާ ހެއްޔެވެ؟ ތިމާމެންގެ މޮޅުކަމާއި ގަދަކަން ދެއްކުމުގައި އެއްޗެކޭ ހީނުކުރާ ޙާލު ލަދުގެ ކަންފުޅެއް ވެސް ނެތީހެއްޔެވެ؟ މާނަ ފުން ބަސްތަކާއި ފަށުވި ޢިބާރާތްތައް ބޭނުންކުރުމުގައި ބިރުގެ ކަންފުޅެއް ވެސް ނުހެއްދެވި ތާކު ދުލުގެ ޢާފާތްތައް ވެސް ނޭގެނީ ހެއްޔެވެ؟

އަނެކާއާއިމެދު ވިސްނާށެވެ. ދުނިޔެއަކީ އަބަދު ތިބާ ބޭނުންވާހާ ގޮތަކަށް ދައުރުވާ މަންޒިލެއް ނޫނެވެ. އެކަން މިހާރުގެ ހާލަތުން ވެސް ނިކަން ރަނގަޅަށް ތަސައްވަރު ކުރެވޭނެ އެވެ. އަޅުގަނޑުގެ އެހެން ލިޔުމެއްގައި ކުރިން ވެސް ދެންނެވުން ގޮތަށް ދުނިޔޭގައި އުޅޭނީ ހަމަ އެކަނި ތިބާ ނުވަތަ ތިބާމެން ނޫންކަން ވިސްނާލާށެވެ. އެހެން މީހުންގެ އަމާންކަމާއި ރައްކާތެރިކަން ތިމާ ކިތަންމެ ސުންޕާކޮށް އުޅުނުކަމުގައި ވިޔަސް ލިބެންޖެހެއެވެ. ހަމަ ބުއްދި ލިބިގެންވާ ޙާލުގައި ވެސް މޮޔައެކޭ ބުނެވެނީ މިހައި ހިސާބުންނެވެ.

އޭ އިންސާނާއެވެ. އަނެކުންގެ ތެރޭގައި ފިތުނަ އާއި ބިރާސްކަން އުފައްދައި ތިމާއަށް ވަކި ލިބޭ މަތީ ފެންވަރުގެ ސަނަދެއް އޮތީ ހެއްޔެވެ؟ ނޫންނަމަ އެކަމުން ތިމާގެ އަބުރާއި ޢިއްޒަތް މަތިވެރިވަނީ ހެއްޔެވެ؟

ވިސްނައި ފިކުރު ކުރާށެވެ. ބަޔަކު އެ ޤުރުބާންވަނީ ހަމަ ތިބާގެ ދިފާޢުގައިކަން ހާދާންކުރާށެވެ. ތިޔަ ކުރާ ހަޑި ޢަމަލުތައް ދޫކޮށް އެ ފަރާތްތަކަށް އެއްބާރުލުން ދިނުން ނޫން ގޮތެއް މި ވަގުތުގައި ނެތެވެ. އެ ބޭފުޅުންގެ އާދޭސްތަކަށް އެއްފަހަރު ވެސް އިޙްތިރާމްކޮށްލުން ތިބާ އާއި މުޅި މުޖުތަމަޢަށްވެސް މޮޅު އިތުރުވެގެންވެއެވެ. އެއީ ހަމަ ތިބާގެ ފުރާނަ މި ބިންމަތީގައި ދެމެހެއްޓުމަށް ކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. އާދެ، ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަ ނޫން އެއްޗަކަށް ނޫނީ ނުމެވާނެކަން ހަނދާންކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.