ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަޑުކުރުމަށް ކަމާބެހޭ އެންމެހާ އިދާރާތަކުން އަންގަމުންދާ މި ދަނޑިވަޅުގައި ގޭގައި ތިބުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، ރާއްޖޭގެ ފުރަތަމަ އަދި އެންމެ ކާމިޔާބު ވެބްސީރީޒް “ހުވާ” ދެއްކުން ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ނަހޫ ބުނެފިއެވެ.

“މީހުން އެބަ ގުޅާ އަލަށް “ހުވާ” ބަލާފަ. ގޭގަ ތިބެން ޖެހުނީމާ ސީރީޒް އެކީގަ ބެލިކަމަށްވެސް އެބަ ބުނޭ ވަރަށް ތަޢުރީފުކޮށްފަ. މިއީ ބިޒީކަމުން ސީރީޒް ނުބެލުނު ބޭފުޅުން މި ސީރީޒް ބަލައިލަން ލިބޭ ވަގުތެއް.” ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ސީރީޒްތަކުގެ އައު އެޕިސޯޑްތައް ދެއްކުން މިހާރު މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި “ހުވާ-02” މެދު ކެނޑުމެއް ނެތި ދެއްކުމަށް މަސައްކަތްކުރަމުން އަންނަކަން ހާމަކުރަމުން، ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތުމާތު ނަހުލާ ބުންނެވެ.

“ބައެއް މީހުން ބުނޭ ކުރިން “ހުވާ” ސީރީޒްގެ އަޑު އިވުނަސް ބަލައިލާކަށް ނޫޅެވޭ، އެކަމަކު ބަލަން ފެށީމާ މިހާރު މި ތިބެނީ އާ އެޕިސޯޑް ނުނިކުމެގެންނޭ.” ދިވެހި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިން އެޕް ބައިސްކޯފުގެ ވެސް ފުރަތަ ސީރީޒާ މެދު ނަހޫ އިތުރަށް ބުންޏެވެ.

“ހުވާ” ވެބް ސީރީޒަކީ ޤައުމުގެ ހާލަތާ ގުޅޭގޮތަށް ޖަޒުބާތާއި އަސަރު އެކުލެވޭހެން ކޮށްފައިވާ ވަރަށް މޮޅު އަދި ބުރަ މަސައްކަތެއް ކަން ޑްރާމާ ބަލަމުންދިޔައިރު ފާހަގަކުރެވުނު.” އަލަށް މި ސީރީޒް ބެލި ފަރާތަކުން ފާހަގަކުރިއެވެ.

ރާއްޖޭގެ މަޤްބޫލު ގިނަ ތަރިންތަކެއް ހިމަނައިގެން، ނަހޫ، އަދި ފައިސަލް ޑައިރެކްޓްކޮށްފައިވާ “ހުވާ” ސީޒަން އެކެއްގެ 83 އެޕިސޯޑް ދައްކާފައިވަނީ 2018 ނޮވެމްބަރުން 2019 ސެޕްޓެމްބަރު ގެ ނިޔަލަށެވެ.

ބެލުންތެރިންގެ ފަރާތުން ލިބިގެންދިޔަ ބޮޑު ތަރުހީބުގެ ސަބަބުން ސީރީޒްގެ ދެވަނަ ސީޒަން އުފައްދައި މި ސީޒަންގެ ފުރަތަމަ އެޕިސޯޑް ދެއްކީ މި އަހަރު ޖެނުއަރީ މަހު 30 ގައެވެ. “ހުވާ-02″ގެ 08 އެޕިސޯޑް މިހާރު ވަނީ ބައިސްކޯފަށް ލާފައެވެ. ދެވަނަ ސީޒަންގެ ޑައިރެކްޝަން ހަދަނީ ނަހޫ، ޔޫއްޕެ އަދި ފައިސަލް އެވެ.

ވެބް ސީރީޒް “ހުވާ-02” ގައި ފައިސަލް، ޝީލާ، ރިޝްފާ – ފޮޓޯ: ހުވާ ޓީމް

“ހުވާ”ގެ ސީޒަން އެކެއްގައި އެޕިސޯޑެއްގައި އެންމެ 10 މިނެޓް ހިމެނުނު އިރުވެސް އެ ސީރީޒަށް ހީވެސް ނުކުރާފަދަ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ 10 މިނެޓްގެ އެޕިސޯޑް ނިމުމާއެކު އަންނަން އޮތް އެޕިސޯޑާ މެދު ބެލުންތެރިން އިންތިޒާރުކުރަމުން ދިޔައީ ކެތްތެރިކަމެއް ނެތިކަން ފާހަގަކޮށްލެވެއެވެ.

ލިބުނު ބޮޑު ތަރުހީބާއި ބެލުންތެރިން އެދެމުން އައި އެދުމުގެ މަތިން 02ވަނަ ސީޒަން ފަށާފައިވަނީ ފުރަތަމަ ސީޒަން ނިންމައިލި ހިސާބުންނެވެ. ދެވަނަ ސީޒަންގައި “ހުވާ’ގެ ވާހަކައިގެ ކުރިތައް ފަޅަމުން އަންނަނީ ހީވެސް ނުކުރާފަދަ ޝަޢުޤުވެރި ގޮތަކަށެވެ. އުއްމީދު ނުކުރާ ގިނަ ‘ޓްވިސްޓް’ތަކެއް ހިމެނޭ އިރު، ރެއަކަށް ވުރެ ރެޔެއް އަންނަނީ ޝަޢުޤުވެރިކަން ބޮޑުވަމުންނެވެ. މީގެ އިތުރުން ވެސް ދެން ތިބި ކެރެކްޓަރ ތަކުގެ ބައިތައްވެސް ދުވަހެއް ދުވަހަކަށް ޝަޢުޤުވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ސީރީޒަށް އިތުރު ކެރެކްޓަރތަކެއް ގެނެސްފައިވާއިރު، ސީޒަން އެކެއްގައި ދެތިން މަންޒަރަކުން ފެނިގެން ދިޔަ ނާޝިދާ މުޙައްމަދު (ނާއްކޮ)ގެ ރޯލު ފާހަގަވެގެން ދެއެވެ. ނަފުސާނީ ބަލިމަޑުކަމެއް ހުންނަ ކެރެކްޓަރއެއް ދައްކަމުން އަންނަ ނާއްކޮ މިހާރު ވެފައިވަނީ “ހުވާ”ގެ ސަޕޯޓަރުން “ހުވާ” އިން އެންމެ ދެކެލަން އުއްމީދުކުރާ އެކަކަށް ވެފައެވެ. އެ ރޯލު އޭނާ ކުޅެފައިވާލެއް މޮޅުކަން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ވެބް ސީރީޒް “ހުވާ-02” ގައި ނާއްކޮ އަދި ޝީލާ – ފޮޓޯ: ހުވާ ޓީމް

“ހުވާ-02” އަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އެޕިސޯޑްގެ ދިގުމިން 20 މިނެޓަށް އިތުރުކޮށް ހަފުތާއަކު އެއް ރޭ ދައްކާ ގޮތަށް ހަމަޖެއްސުމެވެ. ކުރިން ބައިސްކޯފަށް ވަދެލަން ވަގުތު ނުލިބުނު ފަރާތްތަކުން އަޖުމަ ބަލައިލަން “ހުވާ” ބަލަން ފެށުމާއެކު މިހާރު އެ ސީރީޒަށް ދެވިހިފަމުން އަންނަކަން އަލަށް ސީރީޒް ބަލަން ފެށި މީހުންގެ ވާހަކަތަކުން އެނގެއެވެ.

ބައިސްކޯފުން ހިލޭ ބެލޭ ކޮންޓެންޓްގެ އިތުރުން، ޕްރީމިއަމް ކޮންޓެންޓްތައް ބެލޭނީ ސަބްސްކްރައިބް ކޮށްގެންނެވެ. އެގޮތުން “ހުވާ” ބަލައިލެވޭނީވެސް ސަބްސްކްރައިބް ކޮށްގެންނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެ ދިވެހިންގެ އުފެއްދުންތައް ބަލައިލެވޭ ބައިސްކޯފުން ފާތުމަތު ނަހުލާގެ އިތުރު އުފެއްދުންތައްވެސް ބަލައިލެވެން މިހާރު އެބަހުއްޓެވެ. މީގެ އިތުރުން އެހެން ޕްރޮޑަކްޝަންތަކުގެ އުފެއްދުންތައް ވެސް ބަލައިލެވޭނެއެވެ.

ވެބް ސީރީޒް “ހުވާ-02” ގައި އެރޫ އާއި ދޮން އައްޔަ – ފޮޓޯ: ހުވާ ޓީމް

ބައިސްކޯފުގެ ވެބްސައިޓް މެދުވެރިކޮށް ގޫގްލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް ޕްލޭ ސްޓޯރުން އެޕް އަޅައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.