​އިނގިރޭސި ޝާހީ އާއިލާއަކީ މުޅި ދުނިޔޭގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އާއިލާއެކެވެ. ޝާހީ އާއިލާއާ ގުޅުން ހުރި ކިތަންމެ ކުޑަ ނަމަވެސް ކަމަކަށް މުޅި ދުނިޔޭގެ ލޯ ހުއްޓެއެވެ. ރާނީ އެލިޒަބެތުގެ ދަރިފުޅު ޕްރިންސް ޗާލްސްގެ ކުރީގެ އަނބިމީހާ އަދި ޕްރިންސް ވިލިއަމްސްއާއި ޕްރިންސް ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާއަކީ މުޅި ދުނިޔޭގެ ލޯބި ހޯދާފައިވާ ބޭކަނބަލެކެވެ. އެކަމަނާގެ ހިތް ތިރިކަމާއި އޯގާވެރިކަމާއި ކެތްތެރިކަމަކީ ގިނަބަޔަކު މިއަދު ވެސް މިސާލު ނަގަމުންދާކަންކަމެވެ. އެހެންނަމަވެސް އެކަމަނާއަކީ ލޯބީގެ ދުނިޔޭގައި ކާމިޔާބު ކަނބަލެއް ނޫނެވެ. މުޅި ދުނިޔެ ބަލަން އޮތް ކުލަގަދަ ޝާހީ ކައިވެންޏަކުން ޕްރިންސް ޗާލްސްއާއި ކައިވެނި ބައްލަވައިގަތީ 29 ޖުލައި 1981 ގައެވެ. އެހެންނަމަވެސް އެކައިވެނި ވެގެން ގޮސްފައިވަނީ މާ އުފާވެރި ކައިވެންޏަކަށް ނޫނެވެ. އެތައް ސަބަބުތަކަކާ ހުރެ އެކައިވެނި ވަނީ 1996 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ރޫޅިފައެވެ.

ކައިވެނި ރޫޅެން ދިމާވި މައިގަނޑު ސަބަބަކަށް ވެފައިވަނީ ޕްރިންސް ޗާލްގެ މިހާރުގެ އަނބިމީހާ ކެމީލާ ކަމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި މީގެ އިތުރުން އެކަމާ ބެހޭގޮތުން ޕްރިންސެސް ޑަޔާނާ ވަނީ ވާހަކަފުޅު ދައްކާފައެވެ. 

ޑަޔާނާ ވިދާޅުވެފައިވާ ގޮތުގައި ޗާލްސްގެ ހިތުގައި އެކަމަނާއާ މެދު ލޯބި އޮތްކަމާ މެދު ފުރަތަމަ ދުވަހުވެސް ސުވާލު އުފެދުނެވެ. އޭރުވެސް ޕްރިންސް ޗާލްސްއާއި ކެމީލާއާ ދެމެދު ގާތް ގުޅުމެއް އޮތެވެ. ކައިވެނީގެ ފުރަމަކޮޅުވެސް ކައިވެނި “ނޯމަލް” ނޫކަމުގެ އިޙްސާސްކުރެވިފައިވާކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ. 

“ޕްރިންސް ޗާލްސްގެ ދިރިއުޅުމުގެ ހުރިހާ ޚާއްސަކަމެއް ހިނގާއިރު އެތަނެއްގައި ކެމީލާ ހާޒިރުވެ ހުރޭ. ޗާލްސް އަހަންނާ އިންނަށް އެހިއިރުވެސް ކެމީލާ ހުރި..” ޑަޔާނާ ވިދާޅުވެފައިވެއެވެ. 

ޕްރިންސް ޗާލްސްއާއި ކެމީލާގެ ލޯބީގެ ގުޅުމެއް ހިނގާކަމުގެ އަޑުތަކެއް މީޑިޔާތަކުގެ ފަލަ ސުރުޚީތަކަށް އެރުން ވެގެން ގޮސްފައިވަނީ ޕްރިންސެސް ޑަޔާނާއަށް ކެތްކުރެއްވޭ ވަރުގެ ކަމަކަށް ނޫނެވެ. 

އެންމެފަހުން އެކަމާމެދު ސުވާލު ކުރެއްވުމަށް ސީދާ ކެމީލާ ގާތަށް ވަޑައިގެންނެވީވެސް ޑަޔާނާކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އެއީ ކެމީލާގެ ކޮއްކޮގެ އުފަންދުވަހުގެ ޕާޓީއެއްގައިކަމަށާއި އެވަގުތުކޮޅު ކެމީލާއާއި އެކުގައި އެކަނިވެލައި ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެއްވުމަށް ޗާލްސްގެ އަރިހުން އެދުނުކަމަށްވެސް ޑަޔާނާ ވިދާޅުވިއެވެ. ޖެހިލުންވެ ހުރެނަމަވެސް އެކަންތައް ނިންމާލެއްވުމަށާއި އެކަމަނާގެ ކައިވެނި ސަލާމަތް ކުރައްވަން އެކަމަނާ ބޭނުންވެ ވަޑައިގެން ހުންނެވުމުން އެންމެފަހު ފަހަރަށް ނަމަވެސް ކެމީލާ ގާތަށް ވަޑައިގެންނެވީކަމަށް ޑަޔާނާވަނީ ވިދާޅުވެފައެވެ. 

“އަހަރެން ކެމީލާ ގާތު އެހިން ކޮން ގުޅުމެއްހޭ އޮތީ.. އަހަންނަށް އަހާއިރުވެސް އެނގެއޭ.. ކޮންގުޅުމެއްކަން އޮތީވެސް.. އެކަމަކު އަހަރެން ބޭނުމީ ކެމީލާ ބުނާށޭ.. އެކަމަކު ކެމީލާ ހެދީ އެއްވެސް ކަމެއް ނޭނގޭކަމަށް. އަހަރެން ބުނިން.. އަހަރެންގެ ފިރިމީހާ ބޭނުމޭ.. އެކަމަކުވެސް ކަމީލާ އެއްވެސް ކަމެއް އެދެމީހުންގެ މެދުގައި ހިނގާކަމަކަށް އެއްބަހެއް ނުވި. އަހަންނަށް އިހުސާސް ކުރެވުނީ އަހަރެން އެދެމީހުންގެ ދެމެދަށް ވަނީއޭ.. އައި ފީލް ސޮރީ ފޯ ދެމް..” މާޔޫސް ކަމާއެކު ޑަޔާނާ ބުނެފައިވެއެވެ.

ކެތްކުރެވޭނީ ވަކިވަރަކަށޭ ބުނެއުޅޭހެން ޑަޔާނާއަށްވެސް ކެތްކުރެވުނީ ވަކިވަރަކަށެވެ. އެންމެފަހުން ކެތްނުވެގެން ކައިވެނި ރޫޅާލީ އިތުރު އެހެން ގޮތެއް ނެތުމުންކަމަށްވެސް އެކަމަނާވަނީ ވިދާޅުވެފައެވެ.

ކައިވެނި ރޫޅާލިތާ މާގިނަ ދުވަހެއް ނުވެ ކެމީލާއާ ގުޅުން އޮންނަކަމަށް ޗާލްސްވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. އަދި ފަހުންވަނީ ކެމީލާއާއި ކައިވެނި ބައްލަވައިވަޑައިގަންނަވާފައެވެ. އެހެންނަމަވެސް ޑަޔާނާ އިތުރު ކައިވެންޏެއްބައްލަވައި ގަންނަވާފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.