އިނގިރޭސި ވަލީއަހްދު އަމީރު ޗާލްސް ގެ ފުރަތަމަ އަނބިކަނބަލުން އަމީރާ ޑަޔާނާ ދުނިޔޭގައި ހުންނެވިއިރު، ދުނިޔޭގެ ގިނަ ބައެއްގެ ހިތްތައް ވަނީ އަތުލައްވާފައެވެ. ދިރިއުޅުއްވުމުގައި ގެންގުޅުއްވީ ސާދާކަމާއި އަނެކުންނަށް އަޅާލުމުގެ ރިވެތި އުޞޫލެވެ. ގަނޑުވަރުތެރޭގެ ޝާހީ އާދަތައް އެކަމަނާއެއް ނުގެންގުޅުއްވައެވެ.

އަމީރު ޗާލްސް އާއި ކައިވެނިބައްލަވައިގެންނެވުމަށްފަހު އަމީރާ ޑަޔާނާ އަށް ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާއި ގޮންޖެހުންތަކާބެހޭ ވާހަކަތައް ވަރަށް ގިނައިން މީޑިޔާ ތަކާއި ފޮތްތަކުގައިވެސް ވަނީ ގެނެސްދީފައެވެ. ކަންކަން ކުރަންވީ ގޮތްގޮތާއި މެދު އެކަމަނާގެ ޚިޔާލާއި ފިކުރު ވަރަށް ތަފާތެވެ. ޝާހީ އާއިލާގެ ބޭފުޅުން އެދިލައްވާ ޝާހީ ގޮތްތަކަކަށް އެކަމަނާ ފަރުވާލެއް ނުބަހައްޓަވައެވެ. އަމީރު ޗާލްސް އާއި އުމުރުގެ ގޮތުން ހުރި ބޮޑުތަފާތާއި އަމީރާ ޑަޔާނާގެ އާދައިގެ ދިރިއުޅުއްވުމުގެ ސަބަބުން ޗާލްސް އާއި އެކަމަނާއާއި ދެމެދުގައިވެސް އޮތީ ހީނަރު ގުޅުމެކެވެ. އެންމެފަހުން މި ގުޅުން ނިމުމަކަށް އައީ މުޅި ދުނިޔެ ސަމާލުކަމަށް ގެނައި ވަރިއަކުންނެވެ.

ޑަޔާނާ އަށް އުފުއްލަވަން ޖެހިވަޑައިގެންނެވި ބުރައާއި ކުރެއްވެވި ހިތާމަ ކިތަންމެ ބޮޑުނަމަވެސް، އެއްކަމެއް އެއްގޮތަކަށް އޮތެވެ. އެކަމަނާގެ ދެ ފިރިހެން ބޭފުޅުން ކަމަށްވާ ވިލިއަމް އާއި ހެރީ އަށް އޮތް ލޯތްބެވެ.

ޝާހީ ޢާއިލާގެ އެހެން މަންމައިން ދަރިން ބެއްލެވުމުގައި ގެންގުޅުއްވަމުން އަންނަ ގޮތާއި ޑަޔާނާ ޢަމަލުކުރެއްވި ގޮތްތައްވެސް ވަރަށް ތަފާތެވެ. ދަރިންނާއިދެމެދު ބޭއްވެވީ ވަރަށް ގާތް ގުޅުމެކެވެ. ހިޔަހާސް ވަރަށް އެކުދިންނަށް ލޯބި ދެއްވިއެވެ. މިއަދު ޑަޔާނާ އަދި ޗާލްސް ގެ ދެ ދަރިކަލުންގެ ފަރާތްޕުޅުންވެސް ފެނިގެންދަނީ ޑަޔާނާ ގެންގުޅުއްވިފަދަ އޯގާތެރި، ލޯތްބާއި ކުލުނު އެކުލެވޭ މިޒާޖެކެވެ. ޑަޔާނާގެ ރަނގަޅު އަދާތަކާއި އޯގާތެރިކަން އެކުދިންގެ ފަރާތްޕުޅުން މިއަދުވެސް ފެންނަމުންދެއެވެ.

ޗާލްސް އާއި ޑަޔާނާ ވަރިވެވަޑައިގެންނެވުމަށްފަހު، ޑަޔާނާގެ ކިބައިން ‘އެޗްއާރްއެޗް’ (ހަރ ރޯޔަލް ހައިނެސް) ގެ ލަގަބު ނިގުޅައިގަނެވުނެވެ. މިކަން ވެގެންދިޔައީ ޑަޔާނާގެ ހިތާމައާއި ހިތްދަތިކަމުގެ ޙަޔާތަށް ލިބިގެންދިޔަ ހިތްދަތި ނިމުމަކަށެވެ. އޭރު އަމީރު ވިލިއަމްގެ އުމުރުފުޅަކީ 14 އަހަރެވެ. އެފަދަ ޅަ އުމުރުފުޅުގައި މަންމާފުޅަށް ވިލިއަމް ދެންނެވި ބަސްފުޅަކުން ވިލިއަމްގެ ހިތްހެޔޮކަމާއި އެ ހިތުގައި ޑަޔާނާ އަށްޓަކައި ލޯތްބާއި ކުލުނުވެރިކަން އޮތްވަރު ކިތަންމެހާވެސް ރަނގަޅަށް ހާމަވެގެން ދިޔައެވެ.

“ކަންބޮޑުވެ ނުލައްވާ، މަންމާ.” ވިލިއަމް ވިދާޅުވިއެވެ. “އަޅުގަނޑު ރަސްކަލަކަށް ވި ދުވަހަކުން މަންމަގެ ކިބައިން ނިގުޅައިގެނެވުނު ޝަރަފް އަލުން އަނބުރާ ހޯދަދޭނަން.”

ދޮށީ ފިރިހެން ދަރިފުޅު ރަސްކަލަކަށް ވާތަން ނުފެނި ޑަޔާނާ މިދުނިޔެ ދޫކުރެއްވި ނަމަވެސް، އަމީރު ވިލިއަމްގެ ހަށިގަނޑުތެރޭގައި ޑަޔާނާ ދިރިހުންނެވި ކަހަލައެވެ. ވިލިއަމް މަސައްކަތް ކުރައްވަނީވެސް އެގޮތަށެވެ. ލޯބިވާ މަންމަގެ ހަނދާންތައް އަބަދުވެސް އޭނާއާއި އެކުގައި ބެހެއްޓެވުމަށް ވެވަޑައިގެންނެވި ވަރަކުން މަސައްކަތް ކުރައްވައެވެ. އެގޮތުން ޑަޔާނާގެ އެންގޭޖްމެންޓް އަނގޮޓި ދެއްވީ މިހާރު ވިލިއަމްގެ އަނބިކަނބަލުން ކެތުރިން އަށެވެ. ބައެއް މީހުން ދެކޭގޮތުން އެ އަނގޮޓި އަކީ ހިތާމައާއި ބަދުނަސީބު ރަމްޒުކޮށްދޭ އަނގޮޓިއެއް ކަމަށްވިޔަސް، ވިލިއަމް ދެކެވަޑައިގަންނަވާ ގޮތުން އެއީ އެއަށްވުރެން މާ ތަފާތު ކަމެއް ރަމްޒުކޮށްދޭ އަނގޮޓިއެކެވެ.

“އެއީ އަހަންނަށް ވަރަށް ޚާއްޞަ އެއްޗެއް،” ކެތުރިން އަށް އަނގޮޓި ދެއްވުމަށްފަހު ވިލިއަމް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. “އެއީ އަހަރެންގެ މި ޚާއްޞަ ދުވަސް މަންމައަށް މިސްވެގެން ނުދާނެ ކަމާއި އަހަރެމެން އެކުގައި (ބައިވެރިޔާ ކެތުރީން އާއެކުގައި) އުމުރުގެ ބާކީ އޮތްބައި ހޭދަކުރާ ހޭދަކުރުން މިސްވެގެން ނުދާނެކަން ޔަޤީން ކުރުމަށް އަހަރެން އިޚްތިޔާރުކުރި ގޮތް. މިއީ މަންމަ މި ހުރިހައި ކަމަކާއި ކައިރީ ބެހެއްޓުމަށް އަހަރެން އިޚްތިޔާރުކުރި ގޮތް.”

ތެދެކެވެ. ޑަޔާނާގެ ފިރިހެން ދަރިން ފުރާފުރިހަމަވެ މިއަދު ދިރިއުޅުއްވަމުން ގެންދަވާތަން ޑަޔާނާއަށް ދުށުމުގެ ނަސީބު ލިބިފައިނެތަސް، މިއަދު އެކުދިންނާއި މެދު ޑަޔާނާ ދުނިޔޭގައި ހުންނެވި ނަމަ ވަރަށް ބޮޑަށްވެސް ފަޚްރުވެރި ވާނެ އެވެ. ޑަޔާނާގެ ދަރިންގެ ހަށިގަނޑުގައި ޑަޔާނާގެ ވުޖޫދު ވާފަދައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.