ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެ ބަލި ފެތުރިގެން ހިނގައްޖެއެވެ. ނުރައްކާތެރި ބިރުވެރި ބަލިމަޑުކަމެކެވެ. ފަރުވާއެއް ހޯދިފައިނުވާ، ނާއުއްމީދުން ފުރިގެންވާ ބަލިމަޑުކަމެކެވެ. އާނއެކެވެ. ކޮވިޑް19 މުޅި ދުނިޔެ ހާސްކޮށްލައިފިއެވެ. ކަންބޮޑުވުމުން ފުރިފައިވާ ފުން ކަނޑަކަށް މުޅި ދުނިޔެ ގަންބުވާލައިފިއެވެ. މުޅި ދުނިޔެ އެ ނުރައްކާގައި، ރޯނާކޮށްލައިފިއެވެ.

ދުނިޔޭގައި ފެތުރިފައިވާ މި އިންތިހާ ބިރުވެރިކަން، އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގައި ވަކި ހިއްޕާލައިފިއެވެ. ލޮލަށް ނުފެންނަ، އަޑު ނީވޭ، ވަހެއްނެތް، އެކުޑަކުޑަ ވައިރަސް އަޅުގަނޑުމެން އިންސާނުން ބަލިކަށި ކޮށްލައިފިއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!

މި ކުޑަކުޑަ މުޖުތަމަޢުގައި އަޅުގަނޑުމެން އެންމެން މިވަނީ އެކައްޗަކަށް ވެފައެވެ. ދިރިއުޅެމުން މިދަނީ އެތައް ބަޔަކާއި އެކުގައެވެ. މުޅި މާލޭގައި، ތޮއްޖެހިފައިވާ ކުޑަ ފޮށިގަނޑެއްގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅެމުން ދާއިރު، މިއަދު މުޅި މާލެ މިވަނީ ފުރަބަންދުކޮށްފައެވެ. ބޭރަށް ނުކުތުން މިވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް، ސުވާލަކީ ޞިއްޙީ މާހިރުން ދެއްވި އިރުޝާދުތައް އަޑު އިވުނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟

ފުރަބަންދުގެ މި މުއްދަތުގައި ބޭރު ބަލައިލަމުން އަޅުގަނޑު ހިތަށް އެރިއެވެ. މީ ކޮންކަހަލަ ފުރަބަންދެއް ހެއްޔެވެ؟ މުޅި މަގުމަތި ވަނީ ފުރި ބާރުވެފައެވެ. ފިހާރަތައް ވަނީ ތޮށްޖެހިފައެވެ. އިޖުތިމާޢީ ގައިދުރުކަން އެއްވެސް ވަަރަކަށް ހަނދާނަކު ނެތްކަހަލައެވެ. އެކެއް އަނެކެއް ގައި ޖެހި ފިތި ބާރުވެގެން، ބާޒާރު ކުރަމުން ދިޔައީ ވިސްްނުމެއް ނެތިއެވެ.

ދެން މީގެ ރައްދުގައި އެމީހުން ބުނެފާނެއެވެ. ނުކައި ހުންނަންވީ ހެއްޔެވެ؟ ޑެލިވަރީ ކުރާ ތަންތަނުން ފޯނު ނުނަގާތީ ނުވަތަ ޑެލިވަރީ ލަސްވެގެން ވެސް ޝަކުވާ ކޮށްފާނެއެވެ. ނުކައި ނުހުންނަން ފިހާރައަށް ދާމީހާ، އަނެއްމީހާގެ ގައިގައި ޖެހިގެން ސަފުގައި އިނުމުން ބަނޑު ފުރެނީހެއްޔެވެ؟ ބަނޑު ފުރަން ކާއެއްޗެހި ހިފައިގެން އެނބުރި ގެއަށް ދާއިރު، ވައިރަސް މިތުރަކަށް ހަދައިގެން ދެވިދާނެ ކަމުގެ ބިރުގެ ކަންފުޅެއް ވެސް ނެތީހެއްޔެވެ؟

ލޯބިވާ ދިވެހީންނެވެ!  މި ދަނޑިވަޅުގައި ތިބާ އެންމެ ބޭނުންވާ ގޮތަށް، އެންމެ ފުރިހަމައަށް ކަމެއް ނުވެދާނެއެވެ. ޑެލިވަރީ ލަސްވެސް ވެދާނެއެވެ. ގުޅާ ކޮންމެ ފަހަރަކު ފިހާރަތަކުން ފޯނުވެސް ނުނެގިދާނެއެވެ. ނަމަވެސް، ކެތްތެރިކަން އަޅުގަނޑުމެން ޚިޔާރުކޮށްފިނަމަ، ފައިދާ ވާނީ ވެސް ހަމަ އަޅުގަނޑުމެންނަށެވެ. އަޅުގަނޑުމެން މިދުވަސްކޮޅު ވިސްނަންވީ، މި ބިރުވެރި ކޮރޯނާ ވައިރަހުން އަމިއްލަ ޟަމީރާއި، ތިމާގެ އާއިލާ ސަލާމަތް ކުރެވޭތޯއެވެ.

ހޮޔޮނުވާނެވެ! އާދޭސްކޮށްފައި ބުނަމެވެ. ކޮންމެހެން ބޭރަށް ދާން ނުޖެހޭނަމަ، ގޭގައި މަޑުކޮށްލާށެވެ! އިޖުތިމާޢީ ގައިދުރުކަމަށް ބޯލަނބާށެވެ! ގޭގައި ހުރެ ހޫނުވުމުން، ފިނިކޮށްލަން ގޭގެ ތިރިއަށް ވެސް ނުފައިބާށެވެ! ގޭގެ ތިރީގައި ހުރެ ލިބޭ ކުޑަ ފިނި ކޮޅަކުން ތިބާ އަދި ތިބާގެ މުޅި އާއިލާ ރޮއްވައި ނުލާށެވެ! ހުރިހާ ކަމަކަށް ވެސް މާތްﷲ ބާރުގަދައެވެ. އެކަލާނގެއަށް ވަކީލުކޮށްލާށެވެ. ގިނަގިނައިން ހެޔޮ ދުޢާ ކުރާށެވެ. މި ނުރައްކަލުން އަޅުގަނޑުމެން ސަލާމަތް ކުރަން އަބަދުވެސް ދުޢާ ކުރާށެވެ. މި ޤައުމާއި، މުޅި ދުނިޔެ އިންޝާﷲ މާތް ﷲ ސަލާމަތް ކޮށްދެއްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.