‏މުޅި ދުނިޔެއަށް ސިހުން ގެނުވި، ކޮވިޑް19 ގެ ބިރުވެރިކަމުން އެތައް ފުރާނައެއް މިފަނާވަނިވި ދުނިޔެއިން އަލްވަދާޢު ކިޔައިފިއެވެ. ފަރުވާއެއް ހޯދިފައި ނުވާ، ބިރުވެރިކަން ކޮޅުނެތްކޮޅަށް އޮތް، މިވަބާ މުޅި ދުނިޔެ މާޔޫސްކޮށްލައިފިއެވެ. ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތައް ހަދާނެ ނުހަދާނެ ގޮތެއް ނޭނގި، ނުތަވަސްކަމެއްގެ ތެރޭގައި ވަނީ ހިފެހެއްޓިފައެވެ. މި ނާޒުކު ފައްތަރުގައި، މިވައިރަހާއި އެންމެ ގާތުގައި މަސައްކަތް ކުރަމުން ގެންދާނެ އެއްބަޔަކަށް ޝައްކެއް ނެތް ގޮތުގައި ޞިއްޙީ ޚިދުމަތްތެރިން ވާނެ ކަން ކަށަވަރެވެ.

ދުނިޔޭގެ ހާލަތަށް ކަޅިއެއް އެއްލާކަމުގައި ވަނީނަަމަ، ފެންނަނީ މޭޖެހޭ ފަދަ މަންޒަރެކެވެ. ވައިރަހުގެ އެންމެ ގާތުގައި، ވަރިހާއި ހަނގުރާމަ ކުރަމުންދާ ފުރާނަތައް ސަލާމަތްކޮށް ދިނުމަށް، ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުން ދަނީ ޑޮކްޓަރުންނާއި ނަރުހުންނެވެ. ޞިއްޙީ ޚިދުމަތްތެރިންނެވެ. ކޮރޯނާ އާއި ހަނގުރާމަ ކޮށްގެން މަރުވަމުންދާ ބަލިމީހުން، އަމިއްލަ ލޮލަށް ފެންނަ ބަޔަކަށް ވެސް ވާނީ ހަމަ ޞިއްޙީ ޚިދުމަތްތެރިންނެވެ. 

މިއީ ކިހާ އަސަރުގަދަ މަންޒަރެއް ތޯއެވެ. ދުނިޔޭގެ މިސާލުން މިކަން މިގޮތަށް އޮތްއިރު، ދިވެހި ޑޮކްޓަރުން ވެސް ތިބީ އެފަދަ، ވަރުގަދަ ޢަޒުމެއްގައެވެ. ނަރުހުންވެސް، އެމީހުންގެ ލޯބިވާ ޢާއިލާތައް ދޫކޮށްލާފައި ހޮސްޕިޓަލްގެ ބިރުވެރު މާޙައުލުގައި އެހޭދަ ކުރަނީ، ތިމާގެ އަމިއްލަ ފުރާނައަށް ވިސްނުމެއް ނެތިއެވެ. އެހެންމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް، ވައިރަހާއި އެކު އެއް ސަފަކަށް އަރައިގެން، ވައިރަހާއި ހަނގުރާމަ ކުރަނީއެވެ. މިއީ ކިހާ ބިރުވެރި ކަމެއް ތޯއެވެ. 

ދުނިޔޭގެ އެތައް ޤައުމަކުން އެތައް ޞިއްޙީ ޚިދުމަތްތެރިން ތަކެއް މަރުވެގެން ގޮސްފިއެވެ. އެންމެ ފަހު ނޭވާ ދޫކޮށްލީ، ބަލި މީހުން ސަލާމަތް ކުރުމުގައެވެ. ދިވެހި ޞިއްޙީ ބޭފުޅުންވެސް، މިއަދު ނުކުމެ ތިއްބެވީ، މި ޤައުމުގެ ސަލާމަތުގައެވެ. މުޅި ޢާއިލާ އާއި ލޯބިލޯބި ތުއްތު ދަރިން ދޫކޮށްފައި ތޫފާނުގެ ތުންފަތް މައްޗަށް އަރުއްވައި އެ ތިއްބެވީ މި މާތް ފަސްގަނޑުގެ އަހުލުވެރިން ރައްކާތެރި ކުރުމަށެވެ. 

ޞިއްޙީ ޚިދުމަތްތެރިންނޭވެ! ތިއީ ހަޤީޤީ ކެރުންތެރިންނެވެ. މި ޤައުމު އަބަދުވެސް ތިޔަ ދަރިންނަށް ޝުކުރު ވެރިވާނެއެވެ. ތިޔަ ކޮށްދެއްވަމުން ގެންދަވާ، ބުރަ، މިންނެތް މަސައްކަތް އަޅުގަނޑުމެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަޅުގަނޑުގެ ދުޢާ އަކީ ހުރިހާ ޞިއްޙީ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތް ލެއްވުމެވެ. މާތްﷲ ތިޔަ އެންމެހާ ބޭފުޅުންގެ ފުރާނަ ރައްކާތެރި ކޮށްދެއްވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.