ފަހުގެ ތާރީޚެއްގައި، މިފަދަ ހިތްނުތަނަވަސް ދުވަސްތަކެއް ދުށިން ހެއްޔެވެ؟ ކަންބޮޑުވެގެން، ސިކުނޑި ސުމަކަށް ދާން ޖެހުނުހެއްޔެވެ؟ މިއަދު ތިބާގެ ދިރިއުޅުުމުގެ ހާލަތު ތިހުރީ، ތިބާ އުއްމީދު ކުރި ގޮތަށް ހެއްޔެވެ؟ މި ސުވާލުތައް މިއަދު ކޮންމެ ދިވެއްސަކަށް ކޮށްލިޔަސް ކުރާނީ ފުން އަސަރުތަކެވެ. ހިތަށް ލިބޭނީ ހިތި، ހިތްދަތި ކަމެކެވެ. އެ އިޙްސާސްތަކުން އަޅުގަނޑުމެންނަށް މި ސުވާލުތަކުގެ ޖަވާބު ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައް މިއަދު މިވަނީ ނިކަމެތި ވެފައެވެ. ތަރައްޤީގެ ގޮތުން، އުފުލިފައިވާ ބޮޑެތި މާސިންގާ ޤައުމުތަކުގެ ކުރިއެރުމުގައި މިއަދު ދަނީ ސިއްކަޖެހެމުންނެވެ. އެ ޤައުމުތަކުގެ ވެރިންގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސް ކަމާއި، ކޮޅުނެތްކޮޅަށް މޮޅިވެރިކަމެވެ. އެ ޤައުމުތަކުގެ ހާލަތު އެގޮތަށް ހުރި އިރު، ދުނިޔޭގެ ޗާޓުގައި އުކާލެވިފައިވާ ތިކިތަކެއްގެ ތެރޭގައި އުޅެމުންދާ އަޅުގަނޑުމެންގެ ހާލަތު އަމިއްލަފުޅަށް ވަޒަންކޮށްލައްވާށެވެ.

އަޅުގަނޑުމެން ގިނަ ދިވެހީން މިތިބީ އަތްމަތި ހުސްވެގެން ހަދާނެ ގޮތް ނޭނގިފައެވެ. ރޯދަމަހުގައި ގެއަށް ރަނގަޅު މީރު ކާއެއްޗެއް ވެސް ނުލިބިފައި އެތައް ބަޔަކު އެބަ އުޅެއެވެ. މިހާ ހިތްދަތި ހާލަތަކަށް ދިވެހިން ހުށަހެޅިގެން މިދިޔައީ ހީވެސް ނުކޮށް ހުއްޓައެވެ.

އެތައް ދިވެހިީންގެ ވަޒީފާ ގެއްލިއްޖެއެވެ. އެތައް ބަޔަކު އުޖޫރަ ނުލިބޭ ގޮތަށް، ގެއަށް ފޮނުވައިލައިފިއެވެ. ބޮޑެތި ޢާއިލާތައް ބަލަން ޖެހޭ މީހުންގެ ޖީބުތައް މުޅިން ހުސްވެއްޖެއެވެ. އެމީހުން ތިބީ ހަދާނެ ނުހަދާނެ ގޮތެއް ނޭގިފައެވެ. ޢާއިލާ ހިންގޭނެ ކަމުގެ ޔަޤީންކަން ނެތިފައެވެ. އެހެން މީހުންގެ އެހީތެރިކަމަށް ނުހަނު ބޭނުން ވެފައެވެ.

“މި މަހުގެ ގޭގެ ކުލި ދެއްކޭނެ ގޮތެއްވެސް ނެތް. އަތުގަ އޮތީ 1000 ރުފިޔާ.” މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ހުރި ފަރާތެއް މުނިއަވަސްއަށް މަޢުލޫމާތު ދިނެވެ. މިއީ ހިތްފަޅައިގެންދާ ވަރުގެ ވާހަކައެކެވެ. މިފަދަ ނިކަމެތި ހާލަތެއްގައި ކިތައް ދިވެހީން މިއަދު ތިބޭނެ ހެއްޔެވެ؟

ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެމުން މިދަނީ މާލޭގައެވެ. އެގޮތަށް ދިރިއުޅެމުންދާ ދިވެހީން މިއަދު މިވަނީ ވަރަށް ނިކަމެތި ވެފައެވެ. ގިނަ ބަޔެއްގެ އަތްމަތި ވަނީ މުޅިން ހުސްވެފައެވެ. ނަމަވެސް، ގޭގެ ކުލި ދައްކަން ޖެހެއެވެ. ކަރަންޓާއި ފެނަށް ބޮޑެތި އަދަދުތަކެއް ދައްކަން ޖެހެއެވެ.

“ކުޑަކުޑަ ތަންކޮޅަކު މިއުޅެނީ. މަހަކު 13000 ރުފިޔާ. އަޑު އަހަން ބައެއް ގޭތަކުގަ ކުލި ހެޔޮ ކުރި ވާހަކަ. އަޅުގަނޑުވެސް އުއްމީދު ކުރަން މިގޭ ކުލިވެސް ހެޔޮ ކޮށްދޭނެ ކަމަށް!” މާލޭގައި ކުއްޔަށް އުޅެމުންދާ އިތުރު ބޭފުޅަކު ވިދާޅުވިއެވެ. އާނއެކެވެ. ކުލި އެއްކޮށް މާފު ނުކުރިޔަސް، ކުލި ހެޔޮ ކުރުމަކީ މާލޭގެ ގޭގެ ވެރިންނަށް ވެސް ކޮށްލެވޭނެ ކަމެކެވެ. އެހެންކަމުން މި ދަތި ދަނޑިވަޅުގައި، ގޭގެ ކުލި ކުޑަކުރެވެން އޮތް ވަރަކަށް ކުޑަ ކުރުމަކީ، އިންސާނިއްޔަތު ކަމަށް ކޮށްލެވޭނެ، ރަނގަޅު އަަމަލަކަށެވެ. ރޯދަ މަހުގައި މިފަދަ ހެޔޮ އަމަލެއް ކޮށްލެވުުމުން، ލިބޭނެ ސަވާބާއި ދަރުމަ ވަރަށް ބޮޑު ވާނެއެވެ.

މިއީވެސް އިމްތިޙާނެކެވެ. އަޅުގަނޑުމެންނަށް ކުރިމަތިވި، ތަހައްމަލު ކުރަން އުނދަގޫ ހާލަތެކެވެ. މި ހާލަތުން އަރައިގަނެވޭނީ އެންމެން އެއްކޮށެވެ. މިއީ ފިހާރަތަކުން މުދަލުގެ އަގުތައް ތިރިކުރަންވީ ވަގުތެވެ. ގޭގެ ވެރިން ކުލިތައް ކުޑަކުރަންވީ ވަގުތެވެ. ސަރުކާރުން، ކަރަންޓާއި ފެނުގެ ބިލް ދިވެހީންނަށް އަތްފޯރާ ފަށަށް ގެންނަން ވީ ވަގުތެވެ. އަދި ގިނަގިނައިން ޞަދަޤާތް ކުރަންވީ ވަގުތެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އެކަލާނގެ އިރާދަފުޅުން އަޅުގަނޑުމެންގެ އަތްމަތި ތަނަވަސް ކޮށްދެއްވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.