ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ އުފެއްދި ސްޓްރީމިންގ އެޕް “ބަައިސްކޯފް” އިން މިހާރު ސަޅި ބައިސާ ސްޓްރީމް ކުރެވޭނެއެވެ.

އިއްޔެގެ ވަގުތެއްގައި ސަޅިބައިސާ ބައިސްކޯފަށް ލާފައި ވާއިރު މިއީ މީގެ އަހަރުތަކެއް ކުރިން ރަމަޟާން މަހެއްގައި ޓީވީއެމް އިން ގެނެސްދިން ކޮމެޑީ ސީރީޒް އެކެވެ. އަޙްމަދު ނިމާލް ލީޑަށް ލައިގެން ޓެޑްރީ އުފެއްދި މި ސިލްސިލާ އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބަކާއި މަގްބޫލުކަމެއް ހޯދި ގިނަބައެއްގެ ފޭވަރިޓެކެވެ. މި ސިލްސިލާ ޑައިރެކްޓްކުރުމުގެ އިތުރަށް މީގެ ބޮޑުބައެއްގެ ސްކްރީންޕްލޭވެސް ލިޔުނީވެސް ޓެޑްރީ އަމިއްލައަށެވެ.

ސަޅިބައިސާ އަކީ ތަފާތު ކޮންސެޕްޓަކަށް ހުށައަޅައިދީފައިވާ ސިލްސިކާއަކަށް ވާއިރު މީގައި ފެނިގެންދަނީ ނިމާލް ކުޅުނު އަލީ ނަމަކަށް ކިޔާ ކެރެކްޓާ، ފޮނިކެނޑުމުުގެ ގޮތުން ކިޔައިދޭ ހާދިސާތަކެއް ސިލްސިލާ އެޕިސޯޑްތަކެއްގެ ގޮތުގައި ގެނެސްދީފައިވާ ގޮތެވެ. ބިރުކުޑަ އަލީގެ ގޮތުގައި ނިމާލް މަޝްހޫރުވެގެން ދިޔާއީ ސަޅިބައިސާއިންނެވެ.

1989 ވަނަ އަހަރު ރޯދަ މަހު ޓީވިން ދެއްކި ޑްރާމާ ސިލްސިލާ “ސަޅިބައިސާ” އަކީ ދިވެހި ޓީވީގެ ދިގު ތާރީޚްގައި ބެލުންތެރިންގެ “އާދަޔާ ޚިލާފު” ޝައުވެރިކަމަކާއި ތަރުހީބެއް ހޯދި އުފެއްދުމެކެވެ. ސަޅިބައިސާ މަސައްކަތް ބިނާކޮށް ފެށިގެން އައީ ޓެޑްރީގެ ކޮންސެޕްޓަކަށެވެ. އެހެންނަމަވެސް އެދުވަސްވަރު ޓެޑްރީއަކީ ސްކްރިޕްޓް ލިޔާމީހަކަށް ނުވާތީ، އަޙުމަދު ނިމާލް ފަދަ ބައެއް ތަޖުރިބާކާރުންގެ އެހީއާއިއެކު ސަލިބައިސާގެ ފުރަތަމަ އަހަރުގެ އެޕިސޯޑްތައް ލިޔުނެވެ. ސްކުރިޕްޓް ލިޔުމުގެތެރޭގައި ސަޅިބައިސާ ކަނޑާ މަންޒަރުތަކުގެ ޑައެލޮގްތައް އެކުލަވާލާ ތައްޔާރުކުރީ ޓެޑްރީއެވެ. ސަޅިބައިސާގެ ދެވަނަ އަހަރު ހުރިހާ އެޕިސޯޑެއް އެކުލަވާލައި ލިޔެ ތައްޔާރުކުރީ ޓެޑްރީ އަމިއްލަޔަށެވެ.

މޮޅަށް ޑައިރެކްޓް ކުރުމުގެ އިތުރުން މޮޅުސްކްރީން ރައިޓަރަކަށް ޓެޑްރީ ވެގެންދިޔައީ ސަޅިބައިސާގެ އެންމެފަހުން 1992 ވަނަ އަހަރު ނެރުނު އެޕިސޯޑް ތަކާއިއެކުގައެވެ. ސަޅިބައިސާގެ 07 އެޕިސޯޑް ބައިސްކޯފަށް ލާފައިވެއެވެ.

މިއަދުގެ ޒުވާނުންނަށް ފަސޭހަކަމާއިއެކު ސަޅިބައިސާ ބަލާލުމުގެ ފުރުސަތު މިހާރު މިއޮތީ އަނެއްކާވެސް މަގުފަހިވެފައެވެ. އެހެންވީމާ ގޭގައި ފޫހިވެފައި ނުހުރެ ސަޅިބައިސާ ބަލާލުން ކިހިނެއްވާނެ ހެއްޔެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.