މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވިޔަފާރި އާއި ބެހޭ ޚިދުމަތްތައް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ މިިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދެމުން ގެންދާނެ ކަމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް:
- ވިޔަފާރި ނަން ފާސްކުރުން
- ވިޔަފާރި ނަން ރަޖިސްޓްރީކުރުން
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން
- ކުންފުނި ރަޖިސްޓްރީކުރުން
- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
- ލޯގޯ ރަޖިސްޓްރީކުރުން
- ސީލް ރަޖިސްޓްރީކުރުން
- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން
- ކުންފުނި / ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން
- ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުން
އިކޮނޮމިކް މިނިސްޓްރީގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ޚިދުމަތްތަކަށް އެދި ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށެވެ.
ބިޒްނަސް ޕޯޓަލް:business.egov.mv
އީމެއިލް:[email protected]
އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެމުން ދާނެ ކަަމަށް އެ މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެ މިނިސްޓްރީގެ އީމެއިލް، trade.gov.mv@1691 މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
