ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަސް މުޅި ދުނިޔެއަށް ރަމްޒުކޮށްދެނީ ވަރަށް ވެސް ޚާއްސަ ދުވަހެކެވެ. ލޮބުވެތި މަންމައިންގެ ދުވަހެވެ. މަންމައިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ މައި ކަލަންޑަރުގައި މި ދުވަހުގައި ބޮޅު އަޅާފައިވުމުން ދޭހަކޮށްދަނީ ދުވަހުގެ މުހިއްމު ކަމެވެ. މަންމައިންގެ ދަރަޖަ މަތިވެރިކަމެވެ. އެ ކަނބަލުންގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމެވެ.

އެހެން ނަމަވެސް، އުފެދޭ ސުވާލަކީ މި ދުވަހާއި ގުޅިގެން މީސްމީޑިއާގައި މަންމައާއި އެކު ހިއްސާކޮށްލެވޭ ހިތްގައިމު ފޮޓޯ އަކުން މަންމައިންގެ އަގު ވަޒަން ކުރެވޭނެ ހެއްޔެވެ؟ ނޫންނަމަ އެ ފޮޓޯގެ ޒަރިއްޔާއިން މަންމައަށް އަޅާލާ އޯގާތެރި ވެވޭނެ ހެއްޔެވެ؟ އަޅުގަނޑު މިހެން މި ދެންނެވީ މީސް މީޑިއާގައި އެފަދަ ފޮޓޯތަކެއް ހިއްސާކޮށްފައި ހުރުމުން އެއްވެސް ހާލެއްގައި އެކަން އަޅުގަނޑަށް ހަޖަމު ކުރަން ދަތި ވެގެނެއް ނޫނެވެ.

މިހާރު މުޅި މީސްމީޑިއާ އޮތީ މިފަދަ ފޮޓޯ ތަކުން ތެމިފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މަންމަމެންނާއި އެކުގައި ނަގާފައިވާ ރީތި ފޮޓޯތަކާއި އެކު ލިޔެލާފައި އެވާ ޖަޒުބާތީ ބަސްކޮޅުގެ މާނަ ވެސް އިންތިހާއަށް ފުނެވެ. ނަމަވެސް، އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ  އެ ލިޔެފައިވާ ބަސްކޮޅު ފަށުވިވެފައި، ކިޔާލަން ދުލަށް ފަސޭހަޔަސް، އޭގައި އޮތް ގޮތަށް އަމަލު ކުރެވެނީ ކިތައް މީީހުންނަަަށްް ބާވަަަައެެވެ؟

މަންމައަށް މުހާތަބުކޮށް ލިޔެފައިވާ ލޯބިން ފުރިގެންވާ އަސަރު ގަދަ މެސެޖު މުޅި ދުނިޔެއާ ޙިއްސާ ކުރަމުން ދާއިރު، ތިބާ ގެ މަންމައަށް އެއިން އެއްވެސް މެސެޖެއް ފެނި ކިޔާލާއި ހެދޭނޭ ކަމާއި މެދު ތިބާ އެއްފަހަރު ވެސް ވިސްނާލިން ހެއްޔެވެ؟ ތިބާގެ އާންމު ދިރިއުޅުމުގައި އެ މަންމަ އާއި މުހާތަބުކޮށް މަންމަ ދެކެ ވާ ލޯބި ބަޔާންކޮށްދީ، އަޅާލާ އޯގާތެރިވުމުގެ ގޮތުން އެ މަންމަ ކުރިމަތީގައި ތިބާގެ ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލުމަކީ މިފަދަ އެތައް މިލިއަން ފޮޓޯ އަކަށް ވުރެން އެ މަންމަގެ ހިތަށް އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.

ދަރިއެއްގެ ފަރާތުން މަންމައަކަށް ދެވޭނެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ މަންމަ އަށް ފުރިހަމަ ގޮތުގައި އިޙްތިރާމް އަދާކޮށް، އަޅާލައި އޯގާތެރިވުމެވެ. އެހެން ނަމަވެސް، މުޅި ދުނިޔެ އުމުރު މަންމަގެ ޚިދުމަތުގައި ހޭދަކުރި ކަމުގައި ވިޔަސް، އެ މަންމަގެ އަގުވަޒަން ކުރުމަކީ ވާނޭ ވަރުގެ ކަމެއް ނޫނެވެ. މަންމަ އަކު އޭނާގެ ދަރިފުޅަށް ޓަކައި އުފުލާފައިވާ ބޮޑެތި ތަކުލީފުތަކާއި، ވެފައިވާ ބޮޑެތި ގުރުބާނީ ތަކަކީ އެކަންކަމުގެ އަގު އެއް ވެސް ދަރިއަކަށް އަންދާޒާ ވެސް ނުކުރެވޭނެ ވަރުގެ ކަންކަމެވެ. ދަރިންނަކީ އަބަދުވެސް މައިންބަފައިންނަށް ދަރަނިވެރިވެފައިވާ ދަރަނިވެރިން ކަމުގައި ސިފަކޮށްދެނީ މި ސަބަބާއި ހުރެއެވެ.

ފާހަގަކޮށްލެވޭ އެފަދަ ދުވަހެއްގައި ދަރިއެއްގެ ފަރާތުން އޭނާގެ ލޯބިވާ މަންމައަށް ކޮށްދެވޭނީ ވަކި ކޮން މޮޅު ކަމެއް ތޯއެވެ؟ ފައިސާ ކިތަންމެ ވަރަކަށް ވެސް ދެވިދާނެއެެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް އެ ފައިސާތައް ހުސްވެގެން ހިނގައިދާނެ އެވެ. ތިމާ ދުނިޔެމަތީގައި ހުރިހާ ހިނދަކު ތިމާއަށް ލިބޭ ދެރައަކާއި، އުފަލަކާއި އެކުގައި އަބަދުވެސް ހުންނާނީ ތިމާގެ މަންމަ އެވެ. ވީއިރު މަންމައަކަށް ދަރިއެއްގެ ފަރާތުން ދެވޭނެ އެންމެ ބޮޑު ހަދިޔާ އަކީ ޚުލްގު ހެޔޮ ދަރިއަކަށް ވުން ނޫން އެހެން ދެން ކޮން ކަމެއް ތޯއެވެ؟ މި ދުނިޔެ މަތީގައި ދަރިއަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ވެސް އޭނާގެ މަންމަ އޭނާއާއި މެދު ފަޚުރުވެރިވުމެވެ. އެއަށްވުރެ ވަކި މޮޅު ހިތްހަމަޖެހުމެއް ލިބޭނެ ހެއްޔެވެ؟ ވީއިރު ތިމަންނާ ކުރާ ކަމުން އެ މަންމަ ހިތުގައި ޖެހޭވަރުގެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

މަންމަ އަކީ ދުނިޔޭގައި ދަރިއަކަށް ލިބިފައިވާ އެންމެ މާތް ނިޢުމަތެވެ. ދުނިޔޭގައި މަންމަ ނެތް އެތައް ކުދިންނެއް އުޅެމުން ދާއިރު، މަންމައާއި މެދު ބަދު ބަހެއް ބުނުމުގެ ކުރިން  އެ ނިޔަނެތި މައުސޫމް ކުދިންގެ މަތިން ހަނދުމަކޮށްލައްވާށެވެ. މަންމައެއް ނެތުމުން އެކުދިން އިޙްސާސް ކުރާނޭ ވޭން ތަސައްވަރު ކޮށްލާށެވެ.

އެފަދަ ދުވަހެއް ފާހަގަ ކުރާއިރު މަންމައަށް އަޅާލައި އޯގާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އެގޮތަށް ފާހަގަކޮށްލެވޭ އެންމެ ދުވަހަކުން އެ މަންމަގެ އަގުވަޒަން ނުކުރެވޭނެއެވެ. އަދި ކިއެއްތަ އެކަމަށްޓަކައި މުޅި ދުނިޔެ އުމުރު ހޭދަކުރިޔަސް މެއެވެ. މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް އަންގަވާފައި އޮތީ މައިންބަފައިނަށް އިޙްސާންތެރިވުމަށާއި، އެމީހުންނަށް އަޅާލައި އޯގާތެރިވުމަށެވެ. މައިންބަފައިންނާއި ދޭތެރޭގައި ނުރުހިގެން އެންމެ ބަހެއް މިންވަރު ވެސް ބުނެވޭކަށް ނެތެވެ. އަދި ދުވަހަކުވެސް އެ މައިމީހާގެ ހިތުގައި ނުޖެއްސޭތޯ މަސައްކަތް ކުރާށެވެ. ތިބާ ދެކެ ތިބާގެ މަންމަ ލޯބިވާ ވަރަށް ލޯބިވާނޭ އިތުރު މީހަކު ނުހުންނާނެއެވެ. ވީއިރު އެ މަންމަ ތިބާ އަށް ޓަކައި އުފުލި ބުރަ ބޮޑު ގުރުބާނީތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައި ނުލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.