ހުރަސްކޮށްގެން ނުވާނެ ރިހި ރާސްތާ
މާލޭގެ ހަނި ގޯޅިތަކުގެ ތެރެއިން ގާއްޑޭގެ ފަހަތުން ހިނގަމުން ދިޔައިރު، އަމީރާއަށް ވިސްނާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. ފަނޑު އަލިކަމާއި، ބިރުވެރިކަން ވެރިވެފައިވާ އެ ގޯޅިތަކުން ފެންނަ ހިޔަނިތައް އާދަޔާ ހިލާފަށް ދިގުހެން ހީވެއެވެ. ގާއްޑޭގެ މީހުން ހަރަކާތްތެރިވަމުން ދިޔައީ އެއީ އެމީހުންގެ އަމިއްލަ ތަނެއް ފަދައިންނެވެ. އެއްވެސް ޖެހިލުންވުމެއް ނެތެވެ. ބިރުވެރިކަމެއް ނެތެވެ. އަމީރާ ހުރީ އެމީހުންނާ ދާދި ގާތުގައެވެ. މަޑުމައިތިރިކަމާއެކުގައެވެ. ބަލާށެވެ. ދަސްކުރާށެވެ. އޭނާ އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދާ އެއްގޮތަށެވެ. އެމީހުން ވަނީ ގުދަނަކަށެވެ. އެތަނުގެ ތެރޭގައި އޮތީ ފަނޑު އަލިކަމެކެވެ. މުޅި އެ ސަރަހައްދުގައި ވަނީ ބަރުދަނެއް ހުރި، ނުތަނަވަސްކަމެއް އެކުލެވިފައިވާ ފިނިކަމެކެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. އަމީރާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް ގާއްޑޭގެ ފިޔަވަޅުތަކަކަށް ބަދަލެއް ނާދެއެވެ. “މަޑުކުރޭ،” ފަސް އެނބުރި ބަލާލުމެއް ނެތި އޭނާ ބުންޏެވެ.
އަމީރާ ހުއްޓުނެވެ. މިފަހަރު އޭނާގެ ދަރިންނެއް އޭނާގެ ގާތަކު ނެތެވެ. އެކަނި އެކަމުންވެސް އޭނާގެ ހިތް ނުތަނަވަސްކުރުވިއެވެ. ނަމަވެސް، އޭނާ މަޑުން ހުރުމަށް މަޖުބޫރުކުރިއެވެ. ފެންނަން ނެތް މީހަކަށް ވާށެވެ. އޭނާއަށް ބޭނުންވާ ކަމަކީ އެއީއެވެ. އެއްވެސް މީހެއްގެ ލޮލުގައި އަޅައިނުގަނެ ހުރުމެވެ.
މުޅި އެ ސަރަހައްދުގައި އޮތް ހިމޭންކަން މުގުރާލީ އަޑަކުންނެވެ. އެއީ ބިރުން ސަލާމަތަށް އެދި ރޮމުން ދިޔަ މީހެއްގެ އަޑެވެ. ފިރިހެނެކެވެ. އަމީރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭގެ ކުރިން އޭނާއަށް އެ މީހާ ފާހަގައެއް ނުކުރެވުނެވެ. އައްސާފައިވާ، އަނިޔާ ލިބިފައިވާ، ބިރުން ތުރުތުރު އަޅަމުން ދިޔަ މީހެކެވެ. އަމީރާގެ ހިތް ނުތަނަވަސްވެ، މޭ ނުބައިކުރާ ގޮތްވިއެވެ. ނޫނެކެވެ. ނުބަލާށެވެ. ނަމަވެސް އޭނާއަށް ބެލުނެވެ. ނުބަލައެއް ނުހުރެވުނެވެ.
ގާއްޑޭ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ.
“ޚިޔާނާތްތެރިވުމަކީ،” ވަރަށް އާދައިގެ ގޮތަކަށް އޭނާ ބުންޏެވެ، “ވަރަށް އަގުބޮޑު ގޯހެއް.”
އެ މީހާ އާދޭސްކުރަމުން ދިޔައެވެ.
ރޮމުން، ވަޢުދުވަމުން ދިޔައެވެ.
އަމީރާގެ އަތްތިލަ މުށްކެވުނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. މިއީ ހަގީގަތެވެ. މިއީ އެމީހުން ކަންތައް ކުރާ ގޮތެވެ. މިއީ ހަމައެކަނި ދެކެވޭ ވާހަކަތަކެއް ނޫނެވެ. މިއީ ސާފު ހަގީގަތެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައި އޭނާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އެވަގުތު އޭނާގެ ފަހަތުގައި ހުރި އެއްޗެއްގައި ޖެހުނެވެ. މަޑު އަޑެއް އިވުނެވެ. އެއީ ފޯނެކެވެ. ފޮއްޓެއްގެ މަތީގައި ބާއްވާފައި އޮތް ފޯނެކެވެ. އޭނާގެ ނޭވާ ހިފަހައްޓާލިއެވެ. މިއީ ފުރުސަތެކެވެ. ހަމަ މިހާރު ލިބުނު ފުރުސަތެކެވެ. އޭނާ ވަށައިގެން ބަލާލިއެވެ. އެކަކުވެސް އޭނާއާ ދިމާލަކަށް ނުބަލައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ކުރިމަތީގައި ހުރި މީހާއަށެވެ. ގާއްޑޭއަށެވެ. އަދި އަނިޔާ ލިބެމުންދާ މީހާއަށެވެ. އަމީރާ ވަރަށް ފަރުވާތެރިކަމާއެކު، މަޑުމަޑުން އެ ފޯނު ނެގިއެވެ. އަދި އަތުގެ ތެރެއަށް ލައި ފޮރުވާލިއެވެ. އޭނާގެ ވިންދު އަވަސްވަމުން ދިޔައެވެ. އަވަހަށް ވިސްނާށެވެ.
އޭނާ ކުޑަކޮށް އެނބުރިލާ، އަނދިރިގަނޑުގެ ތެރެއަށް ވަނެވެ. ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން ފޯނު ހުޅުވާލިއެވެ. އާދައިގެ މާ ކުރީގެ މޮޓޮރޯލާ ފޯނެކެވެ. ނަސީބަކުން ޕާސްވޯރޑެއް އެއްވެސް އެއްޗެއް ޖަހާކަށް ނުޖެހުނެވެ. އެންމެ ފަހުން ކޮށްފައިވާ ކޯލްތަކާއި، ނަންބަރުތަކެވެ. އޭނާގެ ސިކުނޑި ބާރުމިނުގައި މަސައްކަތް ކުރަމުން ދިޔައެވެ. ނަމެކެވެ. އެހެރީއެވެ. ޒިދާން.. އެއީ މާޒިންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ކޮންމެވެސް ކަމެއް އެނގޭނެ ހަމައެކަނި މީހަކީ އެއީއެވެ.
އަމީރާ އެ ނަންބަރަށް ގުޅިއެވެ. އެއްފަހަރު ރިންގުވިއެވެ. ދެވަނަ ފަހަރެވެ. “ހަލޯ؟” އަޑެއް އިވުނެވެ. އަމީރާ ނޭވާ ހިފަހައްޓާލަމުން ވަރަށް ސިއްރުން ބުންޏެވެ. “މިއީ އަމީރާ… އަޑުއަހާ، މަށަކަށް ގިނަ ވަގުތެއް ނެތް. މާޒިންގެ ބޮޑުބޭބެ ކޮބާ؟”
ހިމޭންކަމެކެވެ. ދެން އިވުނީ ސިހުމުގެ އަޑެވެ. “އަމީރާ؟ ތި ގުޅީ އެމީހުންގެ ފޯނަކުން.. އެމީހުންގެ ރޭވުމެއް ދޯ މީ”
“އަޅޭ ޕްލީޒް!” އަމީރާ އަވަސްއަރުވާލާފައި ބުންޏެވެ. “ހަމައެކަނި އެ ވަރު ބުނެދީ!”
މަޑުކޮށްލުމަކަށްފަހު ބުންޏެވެ، “ލާމު އަތޮޅު… ވެލިރެސްފުށި މާ ދުރެއް ނޫން… ކުޑަ ރަށެއް… މަ ފޮނުވާނަން”
ފިޔަވަޅުގެ އަޑެވެ. ކައިރިންނެވެ. އަމީރާގެ ހިތް މައިތިރިވިއެވެ. އޭނާ ވަގުތުން ފޯނު ކަނޑާލިއެވެ. އަދި އަވަހަށް ފޯނު އޮތް ތަނަށް ލުމަށްފަހު ދުރަށް ޖެހިލިއެވެ. ހަމަ ކިރިޔާއެވެ.
“މި މަންޒަރު ބަލަން ކަމުދޭތަ؟”
އެ އަޑު އިވުނީ ހަމަ އޭނާގެ ފަހަތުންނެވެ. އަމީރާ ގަނޑުވި ކަހަލައެވެ. އޭނާ މަޑުމަޑުން އެނބުރިލިއެވެ. ގާއްޑޭ ހުރީ އެތަނުގައެވެ. އޭނާއާ ދިމާލަށް ބަލާށެވެ. އެ ކަނު، ނުލަފާ ހިނިތުންވުމާއެކުގައެވެ. އޭނާއަށް ހުރިހާ އެއްޗެއް ފެނުނީ ހެއްޔެވެ؟ ނުވަތަ ނުފެންނަނީ ހެއްޔެވެ؟ ނަމަވެސް އޭނާ ޝައްކުކުރެއެވެ. އަދި އެކަން މާ ނުރައްކަލެވެ.\
އޭނާގެ ފަހަތުން ބާރު ހަޅޭކުގެ އަޑެއް އިވުނެވެ. އަމީރާ ސިހުނެވެ. އޭނާގެ ލޯ ގާއްޑޭގެ ފަހަތަށް ދަތުރުކުރިއެވެ. އަދި އެ މަންޒަރު ފެނުނެވެ. އެއީ ދެވުނު އަދަބެވެ. ވަރަށް އަނިޔާވެރި، އެއްވެސް ރަހުމެއް ނެތް އަދަބެކެވެ. އަމީރާގެ ނޭވާ އުފުރިގެން ދިޔައެވެ. ބިރުވެރިކަން މުޅި ހަށިގަނޑަށް ފެތުރިގަތެވެ. ގާއްޑޭއަށް އެކަން ފާހަގަކުރެވުނެވެ. އޭނާގެ އެ ހިނިތުންވުން ފުންވިއެވެ. އެއީ އޯގާތެރި ހިނިތުންވުމެއް ނޫނެވެ. އެއީ ކޮންމެވެސް މާ ނުލަފާ ކަމެއްގެ ނިޝާނެކެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. މަޑުމަޑުން، ބަރު ފިޔަވަޅުތަކެއްގައެވެ. “ކަލޭ ބަލަންވާނެ،” އޭނާ މަޑުމަޑުން ބުންޏެވެ. “މިއީ މަށަށްވުރެ މޮޅުވާން އުޅޭ މަކަރުވެރި މީހުންނަށް ވާނެ ގޮތަކީ.” އަމީރާ މަޑުމަޑުން ބޯ ހޫރާލިއެވެ. “އަހަރެން ބަލާކަށް ބޭނުމެއް ނޫން”
ގާއްޑޭގެ އަތުން އަމީރާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ބާރަށެވެ. އޭނާގެ ނަޒަރު އެ މަންޒަރަށް ހުއްޓުވުމަށް މަޖުބޫރުކުރިއެވެ. “ބަލާ.”
އޭނާ ބެލިއެވެ. އެހެން ގޮތެއް ނެތީމައެވެ. އޭނާގެ މޭ ތެޅެމުން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް މިފަހަރު އޭނާ ނަޒަރު ވަކި ނުކުރެއެވެ. އެފަދަ ފުރުސަތެއް އޭނާއަކަށް ނެތެވެ.
ގާއްޑޭ ބަލަމުން ދިޔައީ އޭނާގެ ފަހަތުގައި ހުރި މީހާއަށްވުރެ ބޮޑަށް އަމީރާގެ މޫނުމަތިން ފެންނަ އަސަރުތަކަށެވެ. އެ ބިރުވެރިކަމެވެ. އެ ހިތްވަރެވެ. އެ ހުރިހާ ކަމެކެވެ. އެއީ ވަރަށް ޝައުގުވެރި ކަމެކެވެ. ހުރިހާ ކަމެއް ނިމުމުން، އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ވަރަށް ބަރު ހިމޭންކަމެކެވެ. އެންމެ ފަހުން ގާއްޑޭ އޭނާގެ ދަތްދޮޅިން އަތް ދޫކޮށްލިއެވެ. ނަމަވެސް ދުރަކަށް ނުޖެހެއެވެ. އޭނާގެ އަޑު މަޑުވިއެވެ. “އަދިވެސް ހީވަނީތަ މި ދުނިޔޭގައި އަހަންނާ އެކީ ކަލެއަށް އުޅެވިދާނެހެން؟”
އަމީރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ނަމަވެސް އޭނާ އިސްއުފުލާލިއެވެ. ގާއްޑޭގެ ލޮލަށް ބަލާލިއެވެ. “އާނ.”
އެ ޖަވާބުން އަމީރާ އަމިއްލައަށްވެސް ހައިރާންވިއެވެ. ގާއްޑޭގެ މޫނުމަތިން ކޮންމެވެސް އަސަރެއް ފާޅުވިއެވެ. އެއީ ރުޅިވެރިކަމެއް ނޫނެވެ. މަލާމާތެއްވެސް ނޫނެވެ. އެއީ އިހުތިރާމެއް ހެއްޔެވެ؟ ނުވަތަ އޮޅުންފިލުވަން ބޭނުންވުން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެއީ ނުރައްކާތެރި ކަމެކެވެ.
ގާއްޑޭ ކުޑަކޮށް ކައިރިވެލިއެވެ. “ކަލެއަކީ ނުހަނު ހިތްވަރުގަދަ އަންހެނެއް…” އޭނާ މަޑުމަޑުން ބުންޏެވެ. “…ނޫނީ ކަލެއަށް ތި ކުރެވެނީ ކީއްކަން ނޭނގެނީ.” އަމީރާގެ އަޑު އިވުނީ ވަރަށް ސާބިތުކޮށެވެ. “އަހަންނަށް އެނގެންޖެހޭ މިންވަރަށް އެނގޭ.” ދިގު ހިމޭންކަމަކަށްފަހު، ގާއްޑޭ އަނެއްކާވެސް ހިނިތުންވެލިއެވެ. ނަމަވެސް މިފަހަރު އެއީ ހަމައެކަނި އަނިޔާވެރި ހިނިތުންވުމެއް ނޫނެވެ. އޭގައި ޝައުގުވެރިކަން އެކުލެވިފައިވެއެވެ. އަދި އެކަން މާ ނުރައްކާތެރިއެވެ.
އެނބުރި އައި ދަތުރު ކުރިއަށްވުރެ ހިމޭނެވެ.
ނަމަވެސް އެއީ ފަޅު ހިމޭންކަމެއް ނޫނެވެ. ކޮންމެސް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. އަމީރާ އިނީ ގުޑާލަންވެސް ނުކެރިފައެވެ. ގުދަނުގެ ތެރޭގައި ހޭދަވި ކޮންމެ ސިކުންތެއް އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ. އެ ފޯނެވެ. އެ ގުޅި ގުޅުމެވެ. އެ ރަށެވެ. އަދި އޭނާއާ ދިމާލަށް ގާއްޑޭ ބަލަހައްޓައިގެން ހުރި ގޮތެވެ. އަމީރާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރެވުނެވެ. ގާއްޑޭއަށް އެ މަންޒަރު ފެނުނީ ހެއްޔެވެ؟ ގާއްޑޭއާ ދިމާލަށް ބަލާލަންވެސް އަމީރާއަކަށް ނުކެރުނެވެ. ނަމަވެސް އޭނާގެ ނަޒަރު އަމީރާއަށް ހުއްޓިފައި ހުރިކަން އިހުސާސް ކުރެވެއެވެ. އެއީ ތޫނު، ކޮންމެސް އެއްޗެއް ބުނަން އުޅޭ ފަދަ ބެލުމެކެވެ.
ކާރު މަޑުކޮށްފިއެވެ. ދޮރުތައް ހުޅުވުނެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރޭގައި ފޮރުވިފައިވާ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ގެއަށް އެމީހުން ވަނެވެ. ގޭގެ ތެރޭގައި އޮތީ ބަރުދަނެއް ހުރި ހިމޭންކަމެކެވެ. ގާއްޑޭ ވަގުތުން ވާހަކައެއް ނުދައްކައެވެ. އޭނާ އެތެރެއަށް ވަދެ، އަތުކުރީ ގަޑި ނަގައި، މަޑުމަޑުން މޭޒުމަތީގައި ބޭއްވިއެވެ. އޭނާގެ ކޮންމެ ހަރަކާތަކީ ދުރާލައި ރޭވިފައިވާ، ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ހަރަކާތްތަކެކެވެ. މިއީ އާދައިގެ ކަމެއް ނޫންކަން އަމީރާއަށް ވިސްނުނެވެ. އަމީރާ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. މިއީ ރުޅިއަށްވުރެ މާ ނުރައްކާތެރި ހާލަތެކެވެ. މިއީ ކަންކަން ވަޒަންކުރުމެވެ. ކުއްލިޔަކަށް ގާއްޑޭ އަމީރާއާ ދިމާލަށް އެނބުރިލިއެވެ. “މިތަނަށް އާދޭ،” އޭނާ ބުންޏެވެ.
އަމީރާގެ ފައި ބަރުވެފައިވާ ކަހަލައެވެ. ނަމަވެސް އޭނާ މަޑުމަޑުން ހިނގާފައި ގޮސް ގާއްޑޭގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ގާއްޑޭ އޭނާއަށް ބަލާލިއެވެ. އެއީ ކުރިން ބަލާލާ ފަދަ ޝައްކުގެ ބެލުމެއް ނޫނެވެ. އެއަށްވުރެ ފުން ނަޒަރެކެވެ. “ކަންކަން ދަސްކުރާލެއް ވަރަށް އަވަސް،” ނުލަފަ ރާގަކަށް ގާއްޑޭ ބުންޏެވެ. އަމީރާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ނަމަވެސް، ބޭރުފުށުން ހަމަޖެހޭ ގޮތް ދެއްކިއެވެ. “ކަލޭ ހުރީ ބަލަން،” ގާއްޑޭ ކުރިއަށް ގެންދިޔައެވެ. “ކަލޭ ބިރުން ފަހަތަކަށް ނުޖެހުނު.” އޭނާ ކުޑަކޮށް މަޑުކޮށްލިއެވެ. “ކަލޭ ހުރީ އަޑުއަހަން.”
އަމީރާގެ ނޭވާ ކުޑަކޮށް ހުއްޓުނު ކަހަލައެވެ. އެވަރުން ފުދުނެވެ. ގާއްޑޭގެ ލޯ ހަނިވެގެން ދިޔައެވެ. އޭނާއަށް އެކަން ފާހަގަވެއްޖެއެވެ. ގާއްޑޭ ކައިރިއަށް ޖެހިލިއެވެ. “ކޯޗެއް ނަގައިން ފޮރުވީ؟”
އެ ސުވާލު އަމީރާއަށް އަމާޒުވީ ވަރަށް ސީދާކޮށެވެ.
ސަލާމަތްވާނެ ގޮތެއް ނެތެވެ. އަމީރާ ވަގުތުން ބޯ ހޫރާލިއެވެ. “އަހަރެން ނުނަގަން…”
ގާއްޑޭގެ އަތް ބާރުމިނުގައި އަމީރާގެ ކައިރިން ފާރުގައި ޖެހުނެވެ. މިފަހަރު މާ ކައިރިއަށެވެ. “ދޮގު ނުހަދާ،” ނުރައްކާތެރި އަޑަކުން އޭނާ އިންޒާރު ދިނެވެ. އަމީރާ އޭނާގެ ނަފްސު ކޮންޓްރޯލް ކުރިއެވެ. ވިސްނުންތެރިކަމާއެކު ވާހަކަ ދެއްކިއެވެ. “އަހަރެން ހުރީ ބިރުން. އެހެންވެ ދުރަށް ޖެހިލީ. އެއްވެސް އެއްޗެއް ނުނަގަން އަދި ނުފޮރުވަން ،” އަމީރާ ބުންޏެވެ. އެއީ މުޅިއަކުން ދޮގެއް ނޫނެވެ. ދޮގު ހެދުމަށްވުރެ އެގޮތް މާ ރަނގަޅެވެ.
ގާއްޑޭ ވަރަށް ގިނައިރު ވަންދެން އަމީރާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ކޮންމެ ބަހެއް ވަޒަންކުރަމުން ދިޔަ ކަހަލައެވެ. ކުއްލިއަކަށް އޭނާ އަތް ދިއްކޮށްލިއެވެ. އަމީރާ ބިރުން ގަނޑުވި ކަހަލައެވެ. ގާއްޑޭގެ އިނގިލިތައް އަމީރާގެ ކޮނޑުމަތިން ގޮސް، އޭނާގެ ހަށިގަނޑުގެ އެއްފަރާތުގައި އަތް ހާކާލިއެވެ. އެއްވެސް އެއްޗެއް އޮތްތޯ ބަލަނީއެވެ. ފޮރުވާފައިވާ ތަޅުދަނޑި އޮތީ އަމީރާގެ އަތުގައެވެ. ނަސީބަކުން ގާއްޑޭގެ އަތުގައި އެއެއް ނުޖެހުނެވެ.
ގާއްޑޭ ފަހަތަށް ޖެހިލިއެވެ. އޭނާގެ ހިތް މުޅިއަކުން ފުރޭ ގޮތެއް ނުވިއެވެ. ނަމަވެސް ޔަގީންކަމެއްވެސް ނެތެވެ. އެ އޮތް ކުޑަ ޝައްކަކީ އަމީރާއަށް ލިބުނު ފުރުސަތެކެވެ. “ކަލޭ ތިޔަ ކުޅެނީ ނުރައްކާތެރި ކުޅިވަރެއް،” ގާއްޑޭ ބުންޏެވެ.
އަމީރާ ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. “އަހަރެން މި އުޅެނީ ސަލާމަތްވާން.” އެދެމީހުންގެ ނަޒަރު ސީދާވިއެވެ. ދެމީހުންގެ ދެމެދުގައި ބުނެދޭން ނޭނގޭ ފަދަ އިހުސާސެއް ހިނގާލިއެވެ. އެއީ ނުތަނަވަސްކަމެވެ. އެކަމަކު އެއާއެކު އެކަކު އަނެކަކު ދެނެގަތުމުގެ އިހުސާސެއްވެސް އޮތެވެ. ގާއްޑޭ ފުން ނޭވާއެއް ދޫކޮށްލަމުން އަމީރާގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. “އޯކޭ،” އޭނާ ބުންޏެވެ. “އެހެންވީމާ ކަލޭ ތިކަން ސާބިތުކޮށްދޭން ޖެހޭނެ.”
އަމީރާގެ ބިރުވެރިކަން އިތުރުވިއެވެ. “ކިހިނެއް؟” “މާދަމާވެސް ކަލޭ އަހަރެންނާއެކު ދާންޖެހޭނެ،” ގާއްޑޭ ބުންޏެވެ. “އެކަމަކު މިފަހަރު ހަމައެކަނި ބަލަން ހުންނާކަށް ނޫން. ކަލޭ އަޑުއަހަންވާނެ. ފާހަގަކުރަންވާނެ. އަދި އެހެން މީހުންނަށް ފާހަގަނުވާ ކަންކަން އަހަރެންނަށް ކިޔައިދޭންވާނެ.”
މިއީ އިމްތިހާނެކެވެ. ހަގީގީ އިމްތިހާނެކެވެ. އަމީރާ މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުންނެވެ. “އަހަރެން އެކަން ކުރާނަން،” އަމީރާ ބުންޏެވެ.
ގާއްޑޭ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު، އޭނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް އައެވެ. “ކަލޭ ތިޔަހުރީ މިހާރުވެސް އެކަން ކުރަން ފަށާފައި،” އޭނާ ބުންޏެވެ. އަމީރާގެ ނޭވާ ހުއްޓުނެވެ. އޭނާ އެ ބުނީ ފޯނުގެ ވާހަކަ ހެއްޔެވެ؟ ނޫނީ އަމީރާ ދައްކާ ކުޅިވަރުގެ ވާހަކަ ހެއްޔެވެ؟ އިތުރު އެއްޗެއް ބުނުމުގެ ކުރިން ގާއްޑޭ އޭނާގެ އިނގިލިތައް މަޑުމާޑުން އަމީރާގެ ތުންފަތުގައި ޖައްސާލިއެވެ. އަދި ގާއްޑޭގެ ހޫނު ނޭވާ އިހުސާސް ވާހާ ކައިރިޔަށް އޭނާގެ މޫނާ ކައިރިކޮށްލިއެވެ. ހަމަ ހިމޭންކަމެވެ. އިންތިޒާރެވެ. ހީވަނީ ގާއްޑޭ އަމީރާގެ އިޝާރާތަކަށް އިންތިޒާރުކުރަނީހެނެވެ. އެއަށް ފަހު ކުއްލިޔަކަށް ގާއްޑޭ އެނބުރި ހިނގައިގަތެވެ. “ކުދިން ކައިރިޔަށް ދޭ.. ގޮސް އަރާމުކުރޭ. މާދަމާ ވަރަށް މުހިންމު ވާނެ،” އޭނާ ބުންޏެވެ.
އަމީރާ އެތަނުގައި އިރުކޮޅަކަށް މަޑުޖެހިފައި ހުއްޓެވެ. އެއަށްފަހު، މަޑުމަޑުން ހިނގާފައި ދިޔައެވެ. ނަމަވެސް އޭނާގެ ސިކުނޑި މިހާރު ވަރަށް ތޫނެވެ. އޭނާއަށް މިހާރު އަމާޒެއް އެބައޮތެވެ. އެ ބޮޑުބޭބެއެވެ. މާލެ ކައިރީގައި އޮތް ރަށް. އަދި މިހާރު އޭނާއަށް އެތެރެއަށް ވަނުމުގެ ފުރުސަތުވެސް ލިބިއްޖެއެވެ. ފޮރުވާފައިވާ ތަޅުދަނޑީގައި އަމީރާގެ އިނގިލިތަކުން އަތްލިއެވެ. އެ އެބައޮތެވެ. އެއީ އޭނާގެ އަތުގައި އޮތް އެންމެ ބޮޑު ހަތިޔާރެވެ.
އަނދިރި ކޮރިޑޯއަށް ވަދެގެން ދިޔައިރު، އަމީރާގެ ހިތަށް އެރިއެވެ. އޭނާއަކީ މިހާރު ފެންނަން ނެތް މީހެއް ނޫނެވެ. ގާއްޑޭއަށް އޭނާ ފެނިއްޖެއެވެ. އަދި އެއީ އޭނާއަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ހަމައެއާއެކު، އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ.
( ނުނިމޭ )
