ކޮވިޑް-19 އަޅުގަނޑުމެން ވަށައިލައިފިއެވެ. އެންމެން ގޭގައި ބަންދުވެއްޖެއެވެ. ޒަރޫރީ ބޭނުމެއްގައި ވެސް ގެއިން ބޭރަށް ނުކުންނަން ޖެހިލުންވާ ހިސާބަށް މިވަނީ ގޮސްފައެވެ. މުޖުތަމަޢުގައި ބަލި ހުރީ އަދި ނެތީ ކޮންތާކު ކަމެއް ނޭނގެއެވެ. ހަމަ ހިފެހެއްޓުމެއްނެތި ފައްސިވަމުން ދަނީއެވެ. ބަލަބަލަ ތިއްބާ އަދަދު ގޮސް ހާހަކާ އަރާ ހަމަކުރަނީއެވެ. އަދިވެސް ކޮޅެއް މެދެއް އެނގޭކަށް ނެތެވެ.

މިފަދަ ހާލަތެއްގައި ޤައުމު އޮތް ކަމުގައި ވީނަމަވެސް، ޖެހިލުމެއް ބިރެއްނެތި އާއިލާއާއި ދުރުގައި މި ބަލިމަޑުކަމާއި ކުރިމަތި ލުމުގައި ވަރުބަލިކަމެއް ފޫހިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ އެއްބަޔަކީ ސިއްހީ ދާއިރާގެ ބޭފުޅުންކަން ކަށަވަރެވެ.

12 މެއި 2020 މިއަދަކީ އަޅުގަނޑުމެން ފުރާނަ ސަލާމަތްކުރުމަށް އެ ބޭފުޅުންގެ ފުރާނަ ޤުރުބާން ކުރައްވަން ވެސް ތައްޔާރަށް ތިއްބެވި ސިއްހީ ދާއިރާގައި ބުރަކޮށް މަސައްކަތް ކުރައްވާ ނަރުހުންގެ ދުވަހެވެ.

ފާހަގަކޮށްލެވޭ އެންމެ ދުވަހަކު އެ ބޭފުޅުންނަށް ޝުކުރު ދަންނަވާލާފައި ފުއްދާލެވޭކަށް ނެތެވެ. ސަބަބުތައް ވަރަށް ވެސް ގިނަގުނައެވެ. އެ ބޭފުޅުންނަށް ކޮންމެ ދުވަހަކީ ވެސް ނަރުހުންގެ ދުވަހެކެވެ. އޯގާތެރިކަމާއި ހިނިތުންވުމާއި އެކު އެ ދެއްވާ ޚިދުމަތް ފޯރުކޮށްދޭން ޖެހޭދުވަހެކެވެ. އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޔުނީފޯމު ލާންޖެހޭ ދުވަހެކެވެ. ބަޔާން މިކުރެވުނީ އާންމު ހާލަތެވެ. ނަމަވެސް ކޮންމެ ހާލަތަކަށް ވެސް އެބޭފުޅުން ޖެހިލުމެއްނެތި ކުރިމަތިލައްވަން ތައްޔާރަށް އެ ތިބޭ ތިބުމަކީ އަބަދާއި އަބަދުމެ ޝުކުރު ހައްޤުކަމެއް ނޫންތޯއެވެ؟

ފާހަގަކުރެވޭ މިފަދަ ދުވަހެއްގައި އެ ފަރާތްތަކުގެ އިހުސާސަކީ ކޮބައިތޯ އަދި އެ ހިތްތަކުގެ ވާހަކަތަކަކީ ކޮބައިތޯ ބަލައިލަން ބޭނުންވިއެވެ. ވުމާއިއެކު ބައެއް ނަރުހުންނާއި ކުޑަކޮށް ވާހަކަދައްކާލީމެވެ. ތިރީގައި މި ބަޔާންކުރަނީ އަޅުގަނޑުގެ ބައެއް އެކުވެރިން (ނަރުހުން) އެބޭފުޅުންގެ އިހުސާސެވެ.

“އަޅުގަނޑުމެންގެ އަގުވަޒަންކޮށް މިކަހަލަ ދުވަހެއް ފާހަގަ ކުރާތީ ވަރަށް އުފާވޭ، އެކަމަކު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮންމެ ދުވަހަކީ ވެސް ނަރުހުންގެ ދުވަހެއް”

“އަޅުގަނޑު މި ދާއިރާގައި މަސައްކަތްކުރާތާ މިހާރު ބާރަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައި މި ހާލަތަށް ދިއުން މީ ދުވަހަކު ވެސް އަޅުގަނޑު އުންމީދުކުރި ދުވަހެއް ނޫނެވެ. މި ހާލަތަކީ މި ފާއިތުވެދިޔަ ބާރަ އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ. ބިރުވެރިކަމެއް ހިތުގައި އޮތަސް އަދި މިކަމުގައި ކިތަންމެ ދުވަހެއް ހޭދަކުރަން ޖެހުނަސް އަދި މިކަމުގައި ފުރާނަ ދޫކޮށް ދާން ޖެހުނަސް އަޅުގަނޑުމެން މި ތިބީ ތައްޔާރަށެވެ. ކެރިގެން މިހާލަތާއި ކުރިމަތިލައެވެ.”

މިފަދަ ޢަޒުމް ވަރުގަދަ ބަސްތަކުން އެ ބޭފުޅުންގެ ހިތްވަރު ހާމަވެއެވެ. މިފަދަ ބަސްތަކުން ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުން ލިއްބައިދޭ ނޫންތޯއެވެ؟ މި ދާއިރާގައި ދިމާވާ ކަންކަމާއި ގުޅޭގޮތުން، އަަތޮޅުުތެެެރޭގެ ހެލްތު ސެންޓަރެއްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަޅުގަނޑުގެ އެކުވެރިޔަކު ހިއްސާކޮށްފައިވެއެވެ.

“މަސައްކަތް ކުރަމުންދަނީ ދަތިތަކާއި އެކު، ނަމަވެސް ޢަޒުމެއް އޮވޭ، ހުރިދައްޗަކާއި އެކުވެސް އެންމެ ރަނގަޅު ޚިދުމަތްދޭން، ރާއްޖެތެރޭގައި ވީމަ އެކަށީގެންވާ ވަސީލަތް ނެތުމުގެ ދަތިކަން ވަރަށްބޮޑަށް އިހުސާސްކުރަން ޖެހޭ، އަދި ޑިއުޓީ ގަޑިއަށް ވުރެ ގިނަ ވަގުތު މަސައްކަތްކުރަން ވެސް ޖެހޭ، ނަމަވެސް އެއީ މައްސަލައެއް ކަމުގައި ނުނަގަން، ސަބަބަކީ މިއީ އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތެއް.”

“ދެރަވާ ހާލަތްތައްވެސް އާދޭ ބައެއްފަހަރު ބައެއް ކަންކަމާއި ހިތް ނުތަނަވަސް ވެގެން ބައެއް މީހުން ވަރަށް ހަޑިހުތުރު ބަހުން މުޢާމަލާތްކުރާ ފަހަރުވެސް އާދޭ، އަދި އަޑުގަދަކޮށް ހަޅޭލަވާވެސް ހަދާފާނެ، މިއީ ދޭތެރެދޭތެރެއިން ކުރިމަތިވާ ހާލަތެއް”

އެކުވެރިޔާ ހިއްސާކުރިއެވެ. ހަމަ ޔަޤީނުންވެސް ނަރުހުން އެއީ ކެތްތެރި ބައެއްކަމުގައި ބުނަން ޖެހެނީ މިފަދަ ހުރިހައި ހާލަތަކާވެސް ހިނިތުންވުމާއި އެކު ކުރިމަތިލައްވާތީއެވެ.

ނަރުހުން ގޮތުގައި މަސައްކަތް ކުރައްވަނީ ވެސް އިންސާނުންނެވެ. ހެދޭ އެންމެ ގޯހެއްގެ ސަބަބުން ނަރުހުންގެ އަގުވެއްޓޭފަދަ ގޮތްގޮތަށް ވާހަކަ ނުފެތުރުމަކީ މިއަދު އަދި ހާއްސަކޮށް އެ ބޭފުޅުންގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ދެއްވާ ޚިދުމަތަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަށް ވެސް ވާންޖެހެއެވެ. ޝުކުރު ކުރަން ދަންނަ އަދި ޝުކުރުވެރިވާ ބަޔަކަށް ވަމާ ހިންގަވާށެވެ.

ޝުކުރުން ފުރިގެންވާ ހިތަކާއި އެކު، މި އަހަރުގެ ނަރުހުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ނަރުހުންނަށް އަރިސްކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.