ސިއްޙީ ދާއިރާގައި އެންމެ ބޮޑު އިންސައްތައެއް ރަމްޒުކޮށްދޭ ބަޔަކީ ނަރަުހުންނެވެ. ނަރުހުންގެ މަސައްކަތަކީ އޭގައި ހަމްދަރުދީއާއި ލޯތްބާއި ކުލުނުން ފުރިގެން އޯގާތެރި މަސައްކަތަކެވެ. އެހެނީ، ބަލިމީހާއާއި ކުރުމަތިލާއިރު ދައްކުވައިދޭ ރިވެތި ހިނިތުންވުމާއި، އެ މީހާއާއި މުޚަތަބުކުރުމުގައި ގެންގުޅުއްވާ ރިވެތި މަސްމޮށުންތެރިކަމަކީ މިކަން އެންމެ ރަނގަޅަށް ހާމަކޮށްދޭނެ އެންމެ ކުޑަ ހެއްކެވެ. ނަރުހުންގެ މަސައްކަތަކީ އަދާކުރެވޭ ވަޒީފާއަކަށް ވުރެ ބޮޑަށް އިންސާނިއްޔަތާއި އަމިއްލަ ވަޠަނަށް ކޮށްދެވޭ ޖިހާދެކެެވެ. މިއަދު މި ފާހަގަ ކުރާ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ އަދި މި ދާއިރާއިން ނިކުމެވަޑައިގެންފައިވާ ނަރުހުންނަށް އަރިސްކުރަމެވެ.

ނަރުހުންގެ ވާޖިބަކީ ވަރަށް ވެސް މުޤައްދަސް އަޅުކަމެވެ. ބައެއް ފުރާނަ ސަލާމަތްކުރުމެވެ. އިރު ފެނުން ތޮޅެލުމާއި އެކު، މަސައްކަތްތައް ފެށޭ އެހެން ވަޒީފާތަކާއި ޚިލާފަށް ނަރުހުންނަކީ އަބަދު ވެސް މަސައްކަތުގައި ދެމި ތިބޭ ބައެކެވެ. ބަލި މީހާގެ ޒިންމާ ޑޮކްޓަރު ގެ ކޮޓަރިން ނިމުމާއި އެކު، ނަރުހުންނަކީ އެ ބަލި މީހާގެ މަދަދުގާރެވެ. ބަލި މީހާއަށް ހަސްފަތާލުގައި އެދޭ ކޮންމެ އެދުމެއް ފަސްނުޖެހި ކުރައްވަމުން ގެންދަވާ ނަރުހުންގެ މަސައްކަތް މިއަދު ފާހަގަ ކުރަން ޖެހޭނީ އަދާކޮށްލެވޭ ތަހުނިޔާއަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބޭފުޅުންގެ އިރުޝާދުތަކަށް އަޅުގަނޑުމެން ކޮންމެހެން ތަބާވެގެންނެވެ.

މިއަދާއި ގުޅިގެން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ވަނީ ނަރުހުންނަށް ވަރަށް ޚާއްސަ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އިސްވެދެންނެވުނު ރިޕޯޓްގައިވާގޮތުގެ މަތިން ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ދުނިޔޭގެ ނަރުހުންގެ ޖަމުޢިއްޔާ އަދި ޔުނައިޓެޑް ޕޮޕިއުލޭޝަން ފަންޑް ގުޅިގެން ވަނީ 2020 ވަނަ އަހަރު ނަރުހުންނަށް ޚާއްސަކޮށް މި ދުވަސް ފާހަގަ ކުރުމަށް އެކި ރޭވުން ތައް ތަދުބީރުކޮށްފައެވެ. އެހެންނަމަވެސް އެ ރޭވުންތައް މިއަދުގެ ކުލަވަރުން މަޑުޖައްސާލަން ވަނީ މަޖުބޫރުވެފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ ބޭއްވި ވޯލްޑް ހެލްތު އެސެންބްލީ އިން ވަނީ 2020 ވަނަ އަހަރަށް ވަނީ “އިންޓަނޭޝަނަލް އިއާރ އޮފް މިޑްވައިފް” ގެ ލަޤަބު އަރުވާފައެވެ.

މި އަހަރުގެ ނަރުހުންގެ ދުވަސް އެހެން އަހަރުތަކާއި ޚިލާފަށް ނުހަނު ބޮޑު މިންވަރަކަށް ޚާއްސަ ވެފައި މުހިއްމެވެ. އެގޮތުން ނަރުހުންގެ ކައުންސިލުން ބުނީ ސިއްޙީ ދާއިރާގެ މަސައްކަތް ތެރިންގެ ތެރޭގައި ހިއްސާވާ އިންސައްތަ އިތުރުވެފައި ވުމާއި، ނަރުހުންގެ ކުރިއެރުމަށް ކުރާ ހޭދަ އިތުރު ކުރުމަށް ދުނިޔޭގެ ލީޑަރުން އިލްތިމާސްކޮށްފައި ވާތީއެވެ. މީގެ އިތުރަށް ސިޔާސަތުތައް ކަނޑައެޅުމުގައި އެ މީހުންގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ހިމެނުމާއި އެކު، ސިއްޙަތު ގެ ކައުނީ ހިޔާގެ ލަނޑުދަނޑިތަކަށް ވާސިލްވުމާއި ދެމެހެއްޓެނިވި ތަރައްޤީ ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ނަރުހުންނާއި މިޑްވައިފުންގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަށް އޮތް  ކަން ސާބިތުކޮށްދިނުމެވެ.

ނަރުހުންގެ ދުވަސް މިއަދު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަމުންދާއިރު، މިއަދަށް ކަނޑައެޅިފައިވާ ޚާއްޞަ ޝިޢާރެއް ދުނިޔޭގެ ނަރުހުންގެ ޖަމުޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މި ޝިއާރަކީ “ނާސް އަ ވޮއިސް ޓު ލީޑް،  ނާސިން ދަ ވޯލްޑް ޓު ހެލްތު” މިއެވެ.

މި އަހަރުގެ ނަރުހުންގެ ދުވަސް ފާހަގަ ކުރަން ޖެހުނީ ކޮވިޑް 19 ގެ ގިލަންވެރިކަމުގެ ތެރޭގައި ފައިހަމަ ކޮށްގެންނެވެ. އެހެންނަމަވެސް މި ހަނގުރާމައިގައި އެންމެ ބޮޑު ބުރައެއް އުފުލަމުންދަނީ މި ހީވާގި ނަރުހުންނެވެ. ކޮވިޑް-19 ގެ ގަދަ ކޮޅިގަނޑު މަޑު ޖައްސާލުމަށް ނިކުމެ ތިބި ނަރުހުން މުޅި ދުނިޔެއަށް ދައްކަދަމުން ދަނީ ވަރަށް ވެސް ހިކުމަތްތެރި މިސާލެކެވެ. އަމިއްލަ ދަރިފުޅާއި މުޅި އާއިލާ ދޫކޮށްފައި ދުނިޔެ ވެއްޓިފައިވާ އަނދަވަޅުގަނޑުން އަރައިގަތުމަށް އެ ނަރުހުން ވަމުންދާ ގުރުބާނީ ސިފަވަނީ ޤައުމީ ޖިހާދެއްގެ ގޮތުގައެވެ. މިއަދު އަޅުގަނޑުމެންނަށް ނަރުހުންނަށް ކޮށްދެވޭނީ އެންމެ ބުއްދިވެރި ކަމަކީ އެ ބޭފުޅުންގެ އާދޭސްތަކަށް ކިޔަމަންގަތުމެވެ.

ނަރުހުން މިއަދު އަދާ ކުރަނީ ވަރުބަލިކަމެއް ފޫހިކަމެއް ނެތް ޒިންމާއެކެވެ. މިއަދު ނަރުހުން އަޅުގަނޑުމެން ހިމާޔަތްކޮށްފައި އެ ތިބީ މި ވައިރަހާ ކުރިމަތިލައިގެން ނުހަނު ސާބިތުކަމާއެކުގައެވެ. އެކި ހޮސްޕިޓަލުންނާއި ކަަރަންޓީނު ފެސިލިޓީތަކުންނެވެ. ކިތަންމެ ބޮޑު ބިރުވެރިކަމަކާއި ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް އެ ނަރުހުން ތިބީ އެ ކަމަށް ތައްޔާރަށެވެ. ގައުމާއި، މުޖުތަމައުއާއި ލޯބިވާ އެތައް ފުރާނައެއް ސަލާމަތްކޮށްދިނުމަށް އަތުކުރި އޮޅާލައިގެންނެވެ. އަޅުގަނޑުމެން އެންމެންނަށް ނަޞްރު ހޯދައިދޭށެވެ. ވީއިރު އެ ބަޠަލުން މިއަދު އެދޭ އެދުމަށް އަޅުގަނޑުމެންނަށް ކޮޅުފައިން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟

ނަރުހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު ދުނިޔޭގައި މިހާތަނަށް ވަރަށް ގިނައަދަދެއްގެ ނަރުހުން ވަނީ ކޮވިޑް-19 ގައި ދުނިޔެ ދޫކޮށް ފައެވެ. ވުމާއިއެކު، އެ ހިތަވަރުގަދަ އަބްޠާލުންގެ މަސައްކަތް ހިތުން ނުފިލާނޭ ހާލު މިހާރު ވެސް ޤައުމީ ޚިދުމަތުގައި ދެމި ތިބި އެންމެހައި ނަރުހުންނާއި، ތަމްރީނު ވަމުންދާ އެންމެހާ ނަރުހުންނަށް މުޅި ޤައުމު ތަރުހީބު ދެނީ ފަޚުރުވެރި ވާހާލުގައެވެ. ތިޔައީ މުޅި ގައުމު ފަޚުރުވެރިވާ ފަދަ ހީވާގި ފިސާރި ކެރޭ ފަހުލަވާނުންތަކެއް ކަމުގައްޔާއި ތިޔަބޭފުޅުން ފޯރުކޮށްދޭ އިޚްލާޞްތެރި ޚިދުމަތަށް ނިކަން  އިޚްލާޞްތެރިކަމާއެކު ހިފެހެއްޓުމެއްނެތް ޝުކުރު އަރިސްކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.