އައިޝަތު އުލްޔާ މުސްތާޤް ނުވަތަ އާއްމު ނަމުން ނަމަ އިއްޔާ އަކީ މިހާރު ގިނަބަޔަކަށް އެނގޭ ހުނަރުވެރި ޒުވާނެކެވެ.
އުމުރުން 17 އަހަރުގައި “އިއްޔާ އެމް.ވީ” ގެ ނަމުގައި އުލްޔާ ތައާރަފުކޮށް އޭނާ އުފެއްދި “ރާޅު ފަށް” ގިނަ ބައެއްގެ މަގުބޫލުކަން ހޯދިއެވެ. އަދި ބޮލިން ހަދާފައި ހުންނަ ތާޖު “ޝެލް ކުރައުންސް” އާއި އެތަކެއް ޒަމާނީ ގަހަނާ އިއްޔާ އެމް.ވީ ގެ ދަށުން ވިއްކަން ފެށިއެވެ.
އިއްޔާ އެމް.ވީ ހިންގާތާ ހަތަރު އަހަރު ފަހުން ދެން އިއްޔާ ފެނިގެން ދިޔައީ އޭނާގެ އަމިއްލަ ރެކޯޑް ލޭބަލް އަކާއެކުގައެވެ. “އިއްޔާ ރެކޯޑްސް”ގެ ނަމުން ނަން ދީފައިވާ މި ލޭބަލް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މިއުޒިކް އިންޑަސްޓްރީ ގައިވެސް މަގުބޫލުކަން ހޯދާފައެވެ.
https://www.facebook.com/IyyaHazard/videos/vb.100009264989823/2591910801127727/?type=3
މިއުޒިކް ޕްރޮޑިއުސްކުރުމުގެ އިތުރުން އިއްޔާވަނީ ތިން ވީޑިއޯ ލަވައެއް ޑައިރެކްޓް ކޮށް އޭގެ އެޑިޓްވެސް ކޮށްފައެވެ. މީގެއިތުރުން ދެލަވައެއްގައި އިއްޔާ ވަނީ އެކްޓްވެސްކޮށްފައެވެ.

އިޖްތިމާއީ ގައިދުރުކަން އިސްކޮށް ގައުމު ފުރަބަންދެއްގައި އޮތް މިދުވަސްކޮޅު އިއްޔާގެ ހުނަރު ފެންނަނީ ކުރެހުމުގެ ރޮނގުންނެވެ.

އާޓްސް އެންޑް ކްރާފްޓްސްގެ ރޮނގުން ކިޔެވުމަށްޓަކައި ރާއްޖޭން ބޭރަށް ދިޔުމަށް އިއްޔާ ވަނީ ރެކޯޑް ލޭބަލްއާ ދުރަށް ޖެހިފައެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ދަތުރަށް ފުރޭނެގޮތް ނުވެ ހުރި ޒުވާން އުލްޔާ ވަނީ “ދޮންބީ”ގެ ނަމުގައި އައު ފޭސްބުކް ޕޭޖެއް ތައާރަފްކޮށްފައެވެ. މި ޕޭޖަކީ ދޮންބީ ކިޔާ ބުޅަލެއްގެ ކޮމިކް ޕޭޖްއެކެވެ.

މީގެ އިތުރުން އިއްޔާގެ ޕްރޮފައިލް ގައި އިއްޔާ ކުރަހާފައި ހުރި ތަފާތު ސްޓައިލެއްގެ ގިނަ ތަސްވީރު ތަކެއްވެސް ފެންނަން އެބަހުއްޓެވެ. ފޭސްބުކް އާއި އިންސްޓަގްރާމް ގައި އިއްޔާގެ މި ކުރެހުންތައް ނިސްބަތްވާ ފަރާތް ތަކުން މިކުރެހުންތައް އެމީހުންގެ ޕްރޮފައިލް ފޮޓޯއަށް ލައިފައިވެއެވެ. ކުރެހުމުންވެސް ހުނަރުވެރި އުލްޔާ އުފައްދާފައި މިވަނީ ޓްރެންޑް އެކެވެ.

