24 މެއި 2020 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާޢްޞަ ޖަލްސާގައި ހަނދު ސާބިތުކުރުމާއި ގުޅޭގޮތުން ބުނެފައިވަނީ 23 މެއި 2020 ހޮނިހިރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސްކަމަށެވެ. އަދި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސްކަމުގައެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު އިރުއޮއްސުމަށް ފަހުގައި، ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 23 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މޭ މަހުގެ 24 ވާ އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބަން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ޖަމާޢަތުގައި ޢީދުނަމާދު ކުރުމެއް ނޯންނާނެއެވެ.
