ހއ. ހުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ ޔޮޓުތަކުން ކަސްޓަމްސް އަށް ނަގާ ފީ އިން 75 އިންސައްތަ ލުއިކޮށްދީފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުގެ މަތިން ކަނޑުމަގުން ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމުގެ ފީގެ ގޮތުގައި މީގެ ކުރިން 1000 ރުފިޔާ ނެގި ނަމަވެސް މިހާރު މި އަދަދު ވަނީ 250 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

މި ގެނައި އިސްލާހުގައި ބުނެފައިވަނީ  ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އެޖަންޓަކު ހަމަޖެއްސުމަށް މިހާރު 72 ގަޑިއިރުގެ މުހުލަތެއް ދެވޭނެކަމުގައެވެ.  އަދި 72 ގަޑިއިރުގެ ތެރޭގައި އެޖަންޓަކު ހަމަނުޖައްސައިފި ނަމަ، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ މާސްޓަރު ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އުޅަނދަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނީ މިގޮތުން ކުރެވޭ ޖޫރިމަނާ ގެ ފައިސާ، ކަސްޓަމްސް އަށް ދައްކައި ނިންމުމުންނެވެ.

އުލިގަމަށް ބަނދަރުކުރާ ޔޮޓު ފަހަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެ ކަން އެގޮތަށް މެދުވެރިވީ އެ ރަށަށް ބަދަނރުކުރާ އުޅަނދުތަކުން ނަގަމުން ގެންދިޔަ ފީތައް ކުއްލިއަކަށް ބޮޑުކުރުމާއި، ހުށަހަޅަން ޖެހޭ ގިނަ ލިޔެކިޔުން ތަކުގެ ސަބަބުންކަމަށް މަޢުލޫމަތުލިބެއެވެ. ފަތުރުވެރިކަމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމަށް ރަނގަޅު ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.