މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޮޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގެ އަދި ފްރެކުއެންސީ ލައިސްގެ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ ފީތައް ބަލައި ގަތުމުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އެ ކޮމިޝަނުން އިތުރުކޮށްފިއެވެ.

މިއީ މި މުއްދަތު އެ ކޮމިޝަނުން އިތުރުކުރި ދެވަނަ ފަހަރެވެ. ކޮންމެ އަހަރަކު ވެސް އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 31 މާރިޗެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ކޮމިޝަނުން ވަނީ 27 އޭޕްރިލް 2020 އިޢުލާނެއް ނެރެ އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ދެއްކުމުގެ މުއްދަތު 31 މެއި 2020 އަށް އިތުރުކޮށްފައެވެ. މިއަދު އެ މުއްދަތު އަނެއްކާވެސް މިވަނީ 30 ޖޫންގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރާއްޖޭގެ ފުރަބަންދުގެ ހާލަތަށް އަދިވެސް ލުޔެއް ދީފައިނުވާ މި ދަނޑިވަޅުގައި މިއަދު އެ ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކިއެކި ފިޔަވަޅުތަކުގެ ސަބަބުން މިކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނޭ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލު ކުރެވޭތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ 2020 އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާއި ނުލައި މިހާރު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 30 ޖޫން 2020 ކަމުގައެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މިހާރު ކުރިމަތިވެފައި މިވާ ހާލަތާއި ގުޅިގެން ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަންވެސް ޢިއުލާނު ކުރާނެ ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.