ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގައި ބ. ޒޯންގެ ޗެމްޕިއަން ފިނޮޅު މޯލްޑިސް އާއި ނ. ޒޯންގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް ބައްދަލުކުރި ފުރަތަމަ މެޗު ފިނޮޅު މޯލްޑިވްސް ކާމިޔާބުކޮށްފި އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްދާ މި މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މިއީ ފުރަތަމަ މެޗެވެ.
މިއަދު ހަވީރު ވެލާ ޕްރައިވެޓް އައިލެންޑްގައި ކުޅެވުނު މި މެޗު ފިނޮޅު މޯލްޑިވްސް ކާމިޔާބުކުރީ ވެލާ ޕްރައިވެޑް އައިލެންޑުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ނެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ވެލާ ޕްރައިވެޓް އައިލެންޑުން ޖެހީ 14 ވަނަ މިނިޓްގަ އެވެ. ވެލާ ޕްރައިވެޓް އައިލެންޑްގެ ކުޅުންތެރިއަކު ފިނޮޅު މޯލްޑިވްސްގެ އޭރިޔާ ކައިރިން ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅަ، ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ވަޖީހު އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފިނޮޅު މޯލްޑިވްސްއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. ވެލާ ޕްރައިވެޓް އައިލެންޑްގެ އޭރިޔާ ތެރެއިން އޭނާ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައިގެ ބޭނުން ހިފައި ފިނޮޅު މޯލްޑިވްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ޝާމް އެވެ.
ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ފިނޮޅު މޯލްޑިވްސްއިން 39 ވަނަ މިނިޓްގައި ލީޑު ވެސް ނެގި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނާފިޒް އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ވެލާ ޕްރައިވެޓް އައިލެންޑުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުނުވެ އުޅެނިކޮށް، މެޗުގެ އިތުރު ވަގުތުގައި ފިނޮޅު މޯލްޑިވްސްއިން ލީޑު ފުޅާ ވެސް ކުރި އެވެ. ލަނޑު ޖެހުމަށްޓަކައި ވެލާ ޕްރައިވެޓް އައިލެންޑްގެ ހުރިހާ ކުޅުންތެރިން ކުރިޔަށް އަރައި ތިއްބައި ލިބުނު ބޯޅައިން ހޯދި ފުރުސަތުގައި އެ ޓީމަށް މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ޖަހައިދިން ހަސަން ޝާމް އެވެ.
ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ވެލާ ޕްރައިވެޓް އައިލެންޑުން ވެސް މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޒާހިދު އެވެ.
3-2 އިން ފިނޮޅު މޯލްޑިވްސް ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިނޮޅު މޯލްޑިވްސްގެ ހަސަން ޝާމް އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ހަވީރު އެވެ. އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ މި ދެ ޓީމުގެ ދެވަނަ މެޗެވެ.
