ދުނިޔޭގައި މިވަގުތު ތިބި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި، އާލިން ހާލަންޑް އަދި މެންޗެސްޓަރ ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ލެޖެންޑް ރަޔާން ގިގްސް ބުނެފިއެވެ.

ރަޝްފޯޑަށް ތަޢުރީފު ކުރަމުން ގިގްސް ބުނެފައިވަނީ އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާ ކަމަށާއި، އޭނާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އަދި، ސަންޗޯ  އާއި ހާލަންޑަކީ ވެސް ތަފާތު ދެ ކުޅުންތެރިން ކަމުގައި އޭނާ ބުނެފައިވެއެވެ.

“އަހަރެން ދެކުނިން ރަޝްފޯޑު ގެ ކުޅުމުގެ ފެންވަރު މަތިވަމުން އައިތަން. ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ދެން ހުރީ ސަންޗޯ. އެހާ ޒުވާން އުމުރުގައި މެންޗެސްޓަރ ސިޓީ ދޫކޮށް އެހެން ގައުމެއްގެ ލީގުގައި ކުޅުމަށް އޭނާ ނިންމި ނިންމުން ވަރަށް ރަނގަޅު. އޭނާ އަކީ ތަފާތު ދައްކާ ކުޅުންތެރިއެއް. އޭނާ ގެ ޓީމުގައި ކުޅެމުން އަންނަ ހާލަންޑަކީ ވެސް ގިނަ ގޯލުތަކެއް ޖަހަމުންދާ ކުޅުންތެރިއެއް.”

ކުޅިވަރާ ބެހޭ ޖަމްޢިއްޔާ އެއް ކަމަށްވާ ލޯރިއަސް އަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުންޏެވެ.

އުމުރުން 20 އަހަރުގެ ސަންޗޯ އަކީ މި އަންނަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑުން އެޓީމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ކުޅުންތެރިއެކެވެ. ޚަބަރުތައް ބުނާގޮތުގައި ސަންޗޯ އަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަރ ސޯޝެއާ ގެ ޓްރާންސްފަރ ލިސްޓުގެ އެއްވަނައިގައި އޮތް ނަމެވެ. އަދި، އޭނާ އަކީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނަ އެއް ކުޅުންތެރިޔާ ކަމަށް ޚަބަރުތައް ބުނެއެެވެ. ބުންޑަސްލީގާގެ މި ސީޒަނުގައި ސަންޗޯ ވަނީ މިހާތަނަށް 16 ގޯލު ޖަހައި، 18 އެސިސްޓް ހަދާފައެވެ.

އުމުރުން 19 އަހަރުގެ ހާލަންޑް ހޯދުމަށް މިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ އެ ޓީމަށް ފުރަގަސްދީ ބޮރޫސިއާ ޑޯޓްމަންޑަށް ސޮއިކޮށްފައެވެ. ޑޯޓްމަންޑާއި ގުޅުނު ފަހުން މިހާތަނަށް ކުޅުނު 14 މެޗުން ހާލަންޑް 13 ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.