މިވަގުތު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ބިޒީ އެއް އެކްޓްރެސްއަކީ ތާޕްސީ ޕަންނޫއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު އެތައް ފިލްމެއް ކުޅެގެން ތާޕްސީ ވަނީ ފިލްމު ކްރިޓިކުންނާއި ބެލުންތެރީންގެ ބޮޑު ތަރުޙީބެއް ހޯދާފައެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ތާޕްސީއަށް ވަނީ އިތުރު ބަޔޮޕިކެއްގެ ހުށަހެޅުން ލިބިފައެވެ. އެގޮތުން ތާޕްސީއަށް ހުށަހަޅާފައިވަނީ އޮލިމްޕިކްސްއިން އިންޑިޔާއަށް ފުރަތަމަ މެޑަލެއް ހޯދައިދިން އަންހެން އެތުލީޓް، ކަރްނަމް މަލޭސްވާރީގެ ޙަޔާތާއި ބެހޭގޮތުން އުފައްދާ ފިލްމުގެ މައިގަނޑު ރޯލެކެވެ. އަދި ނަމެއް ހަމަޖައްސާފައި ނުވާ މި ފިލްމުގައި ތާޕްސީއާއެކު ހަރަކާތްތެރިވާނީ ރަންވީރް ސިންގ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މިހާރު ތާޕްސީ އަންނަނީ އިތުރު ބަޔޮޕިކެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އިންޑިޔާގެ ޤައުމީ އަންހެން ކްރިކެޓް ޓީމުގެ ކެޕްޓަން މިތާލީ ރާޖްގެ ޙަޔާތުގެ މައްޗަށް އުފައްދާ “ޝާބާޝް މިތޫ” ގެ މަސައްކަތެވެ. މީގެ އިތުރުން ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިނިލް މެތިއުގެ “ހަސީން ދިލްރުބާ”، އާކާޝް ބަޓިއާގެ “ލޫޕް ލަޕޭޓާ” ހިމެނެއެވެ.
