ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރް ރާއޯގެ ކުރިއަށް އޮތް ފިލްމު “ޕްރަހާރް” ސިނަމާތަކަށް އަންނާނެ ކަމަށް ކުރިން އިއުލާންކުރި ތާރީޚަށްވުރެ ފަސްކުރުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މެޑޮކް ފިލްމްސްއިން އުފައްދާފައިވާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ކުރިން ހަމަޖެހިފައި އޮތީ 7 އޯގަސްޓް 2026 ގައެވެ. ނަމަވެސް، ބޮލީވުޑް ހަންގާމާއިން ރިޕޯޓްކުރާ ގޮތުގައި، އެ ފިލްމު ރިލީޒްކުރާ ތާރީޚަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ފިލްމަކީ މަޝްހޫރު ޤާނޫނީ ވަކީލު އުއްޖަލް ނިކަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޮޕިކެކެވެ.
ފިލްމު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ އެ މުއްދަތުގެ ތެރޭގައި ބޮޑެތި އެހެން ފިލްމުތަކެއް ރިލީޒްކުރަން ހަމަޖެހިފައި އޮތުމުން، ބޮކްސް އޮފީހުގައި ކުރިމަތިލާންޖެހޭ ވާދަވެރިކަމުން ސަލާމަތްވުމަށެވެ. އެގޮތުން 30 ޖުލައިގައި ހޮލީވުޑްގެ “ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ” ރިލީޒްކުރާއިރު، އޯގަސްޓް 14 ގައި އިމްރާން ހާޝްމީގެ “އާވާރާޕަން 2” އަދި “ބަޓްވާރާ 1947” ރިލީޒްކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
ފިލްމު އުފައްދާ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، “ޕްރަހާރް” އަކީ ބޮޑު ތަރުހީބެއް ލިބޭނެ ފަދަ މޮޅު ފިލްމަކަށް ވުމުން، އެ ފިލްމަށް އެކަށީގެންވާ ވަގުތާއި ހުސް ޖާގައެއް ބޮކްސް އޮފީހުން ހޯދައިދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ފިލްމު ރިލީޒްކުރަން ދެން އޮތީ އެންމެ ދެ ހަފުތާ ކަމަށް ވީނަމަވެސް، ފިލްމުގެ އެއްވެސް ޕްރޮމޯޝަނަލް ހަރަކާތެއް މިހާތަނަށް ފެށިފައި ނުވުމަކީ ވެސް ފިލްމު ފަސްކުރިކަން ހާމަވާ ކަމެކެވެ.
މެޑޮކް ފިލްމްސްގެ ފަރާތުން މިކަމާ ގުޅޭ ރަސްމީ ބަހެއް އަދި ބުނެފައި ނުވާއިރު، ފިލްމު ދެން ރިލީޒްކުރާނެ އާ ތާރީޚެއް ވެސް އަދި ހާމައެއް ނުކުރެއެވެ. “ޕްރަހާރް” އަކީ ރާޖްކުމާރް ރާއޯގެ ފޭނުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލްމެކެވެ.
