ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ދަރިވަރުންގެ ފިލާވަޅުތައް އެ ދަރިވަރުންގެ ގޭގެއަށް އެރަށުގައި ޤާއިމްކޮށްފައިވާ ކޭބަލް ޓީވީ ނެޓްވޯކުގެ ޒަރިއްޔާއިން ލިބޭނޭ އިންތިޒާމު އެ ސްކޫލުން ހަމަޖައްސައިފިއެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުން މިކަމާއި ގުޅިގެން އެ ސްކޫލުގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މިއަދަކީ މި ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކުރެވިފައިވާ ދުވަހެއް ކަމަށާއި އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެރަށުގައި ޤާއިމްކޮށްފައިވާ ކޭބަލް ޓީވީ މެދުވެރިކޮށް ސްކޫލުގެ އަމިއްލަ ޗެނަލްއެއް ޤާއިމް ކުރެވި ދަރިވަރުންގެ ގޭގެ ސިޓިންގރޫމަށް ފިލާވަޅުތައް ޓީވީ މެދުވެރިކޮށް ގެނެސްދޭން ފެށުނު ދުވަސްކަމުގައެވެ.

ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލްގެ ފޭސްބުކް ޕޭޖް

އިތުރަށް ބުނެފައިވަނީ މި މަސައްކަތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލެވިފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކުގައި ކަމަށާއި މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އަލްފާޟިލް އިސްމާއިލް އަޙުމަދާއި، އެ ސްކޫލުގެ ހީވާގި މުވައްޒަފުންނާއި، އެ ސްކޫލުގެ ދަރިވަރުންނާއި ހީވާގި ބެލެނިވެރިންނާއި، ރަށުގެ އެކިއެކި މުއައްސަސާތަކާއި، ކޭޓީވީގެ މެނޭޖްމެންޓާއި އަދި އެތަނުގެ މުވައްޒަފުންގެ އެހީތެރިކަމާއި ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ހުރިހައި ސްކޫލްތަކެއްގައި ކިޔަވައިދިނުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ދުވާފަރު ޕްރައިމަރީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ފެށިގެންދިޔަ މި މަސައްކަތުގެ ސަބަބުން އެ ދަރިވަރުންނަށް އޭގެ ފައިދާ ކުރާނެކަމުގައި އެ ސްކޫލުން ޤަބޫލުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.