މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި އެއްގަޑިއިރާ ތިރީހަކަށް މިނިޓުގެ ދަތުރަކަށްފަހު އދ. އޮމަދޫ ފަޅަށް ވަނުމާއެކު ބަނދަރުމަތިން  މީހެއް އައިސް ލޯންޗުގެ ވާ އައްސައި ދިނެވެ. ރަށަށް އަރައިގެން އަންނަ އިރު އެންމެ ފުރަތަމަ ފެންނަނީ ޕޮލިސް ސްޓޭޝަނެވެ. ވަށާ ފާރެއް ރާނާފައި ނުވާތީ މުޅި ގޯތި ތެރޭގައި ހައްދާފައިވާ އެކިއެކި ރީތި މާ ގަސްތައް ފެންނަން ހުއްޓެވެ.

ރަށަށް އަރައިގެން ދާއިރު ފެންނަނީ މުރާލި މަސައްކަތްތެރި ރައްޔިތުންތަކެއް ބުރަ މަސައްކަތެވެ. މަގުތައް ސާފެވެ. ފެންނަނީ ހިނިތުންވެފައިވާ މޫނުތަކެވެ. ކަންކަންމަތީ މީހުން އެއްވެ ތިބޭތަން މިރަށުން ހަމަ ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

ގާތްގަނޑަކަށް އެގާރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މިރަށަކީ ގެސްޓު ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. ރަށުގައި އޮޕަރޭޓް ކުރާ 9 ގެސްޓު ހައުސް ހުރެއެވެ. ސީޒަންތެރޭގައި އާއްމުކޮށް ހަމަ ހުރިހާ ގެސްޓު ހައުސްއަކަށް އޮންނަނީ ހަމަ އޮބި ނޯވެފައެވެ.

އޮމަދޫ – ފޮޓޯ: ސްކޫބާ އިން ހުދުވެލި މޯލްޑިވްސް

މިރަށަށް އަންނަ ކޮންމެ މީހަކުވެސް ކޮންމެހެން ބަލާލަން ޖެހޭ ކިތަންމެ މަންޒަރެއް މިރަށުން ފެންނާނެއެވެ. މި މަންޒަރުތަކަކީ އެހެން ރަށަކުން ފަސޭހަކޮށް ނުފެންނާނެ މިމަންޒަރުތައް އަހަންނަށްވެސް ވީ ހުއްޓިލައިގެން ބަލާލަން މަޖުބޫރު ވީ މަންޒަރުތަކަކަށެވެ. 

އެންމެ ފުރަތަމަ ރަށުގެ ހުޅަނގު ފަރާތުގައި ދުރު ދުރަށް ފެތުރިފައި އޮންނަ ކިރު ހުދު ކުލައިގެ ދޮންވެލި ތުނޑިއަކީ ރަށަށް އަންނަ ކޮންމެ މީހެއްވެސް ހަމަ ކޮންމެހެންވެސް ބަލާލަން ބޭނުންވާ ތަނެކެވެ. ތުނޑިއާ ގުޅިފައިވާ ސާފު ސާފު ބިއްލޫރި ގަނޑެއް ފަދަ މޫދަށް އެރިނުލާ ގައިމުވެސް މިރަށުން ދާކަށްބޭނުމެއް ނުވާނެއެވެ.

އޮމަދޫ – ފޮޓޯ: ސްކޫބާ އިން ހުދުވެލި މޯލްޑިވްސް

އެއްގަމުންފެށިގެން ގޮސް ކަނޑާ ހަމައަށް އަޅާފައި އޮންނަ ފާލަމަކީ ރަށުގެ ރީތިކަން ބަލާލާ ވިލުތެރޭގައި އުޅޭ މަސްތައް ބަލާލުމަށް ހަމަ އެއްވަނައެވެ. ރަށުގައި އުފެދޭ ކުނިވާ ޒާތުގެ ކުނި ކަނޑަށް ބޭރުކުރުމަށް ކައުސިންލުން އަޅާފައި އޮންނަ މި ފާލަމުގެ ކޮޅަށް މަސްބާނަން ގޮސް ރަށުގެ ކުދިބޮޑު މީހުން އުޅޭ މަންޒަރަކީ ހަމަ ގައިމުވެސް ބަލާލަން ހުރެވޭ، ނިކަން ހިތްގައިމު މަންޒަރެކެވެ. ތާޒާ ލައްޓި ހަމަ ބާނައިގެން ދާ ގޮތަށް ކައްކާލައިގެން ކެއުމުގެ މަގު މިރަށުގެ ރައްޔިތުންނަށް ވަނީ ފާލަމުގެ ސަބަބުން ފަހިވެފައެވެ.

އޮމަދޫ – ފޮޓޯ: ސްކޫބާ އިން ހުދުވެލި މޯލްޑިވްސް

މިރަށުން އަޅުގަނޑަށް ފެނުނު އެންމެ ހިތްގައިމު މަންޒަރަކަށްވީ ހަރު ފުރައިގެން އަންހެނުން ހަވީރުގަޑީގައި ތުނޑިއަށް ޖަމާވެ ކޮންމެ ދުވަހަކު ކުޅޭ ތިންމުގޯލި މެޗެވެ. ކޮންމެވެސް ވަރަކަށް ޒުވާން ކުދިންވެސް ބައިވެރިވާ މި މެޗަކީ ހަމަ ކޮންމެ ދުވަހަކުވެސް ރަށުގެ އިރުވައި ތުނޑީގައި ކުރިއަށްދާ އެކުވެރިކަމުގެ މެޗެކެވެ. ގައިމުވެސް އަހަރެންގެ ހަޔާތުގައި އަލަން ފެނުނު މި މަންޒަރު ބަލަން ރަށަށް އަންނަ ޓުއަރިސްޓުންވެސް ތިބެއެވެ. ބައެއްފަހަރު ގެސްޓުންވެސް ބައިވެރިކުރުވައިގެން ކުޅޭ މަންޒަރު ފެނެ އެވެ. ބަލާލަހިތްވޭ ދޯއެވެ. އަވަހަށް އަންނާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.