ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑު ތެރޭގައި ކުދި ރަންމުތްތަކެއްހެން އަތުރާލެވިފައިވާ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ކުޑަކުޑަ ޤައުމެކެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުން އަންނަ ޤައުމެކެވެ. ވަށައިގެން ކޮންމެ ދިމާއަކަށް ބަލައިލިކަމުގައި ވިޔަސް، ޝުކުރުވެރިވާންވީ އެތައް ނިޢުމަތްތަކެއް ފެނިގެންދާ ހިތްގައިމު ރީތި ޤައުމެކެވެ. އަދި ޤައުމިއްޔަތުގެ ކޮންމެ ބަހާއެއްގެ ފުރިހަމަކަމާއި މުހިންމުކަން އަންގައިދޭ ޤައުމެކެވެ. މިކަންކަމާއި ދޭތެރޭގައި ވިސްނައި ފިކުރުކޮށްލައިފި ކޮންމެ ދިވެއްސެއްގެ ހިތުން ކުރެވޭނެ ދުޢާއަކަށް ވާނީ ދިވެހި ބިން އަބަދަށްޓަކައި މިނިވަންކަމާއި އަމާންކަން މަތީ ލެއްވުމެވެ.

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމީ ހިދާޔަތެވެ. އިސްލާމީ ނޫރުގެ މަތީގައި ތަރުބިއްޔަތުވުމެވެ. އަދި އިސްލާމީ ރިވެތި އުޞޫލުތަކާއި ހަމަތަކުގެ މަތީގައި ދިރިއުޅޭ ބަޔަކު އުޅޭ މާޙައުލަކަށް އުފަންވުމެވެ. އެގޮތުން ދިވެހިންނަކީ މި މަތިވެރި ނިޢުމަތުގެ މަތީގައިވާ ބައެއްކަން ޔަޤީނެވެ. ސަބަބަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީއެވެ. ޙައްޤުވެގެން އަޅުކަން ވެވޭ ހަމައެކަނި އިލާހަށް އަޅުކަން ކުރާ ބަޔަކު އުޅޭ ޤައުމަކަށް ވާތީއެވެ. އަދި އެންމެ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ސާބިތުވެގެން ވާތީއެވެ. މީގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ޤައުމުގައި ހަމަޖެހުމާއި ސުލްޙަ މަސްލަސްކަން ޤާއިމުވެގެން ދާތީއާއެކު އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ހަދައިދޭ މުހިންމު ގުޅުމަކަށް އިސްލާމީ ގުޅުން ވާތީއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ޝުކުރުވެރިވުން ޙައްޤު ނިޢުމަތަކީ ދިވެހިންނަށް އިސްލާމީ ހިދާޔަތް ލިބިފައިވުމެވެ. މިއީ މިއަދު އަޅުގަނޑުމެން ދިވެހި ޤައުމު އަމާންކަން މަތީ ލެއްވުމަށް ކުރާ ދުޢާގެ މުހިންމު އެއްބައެވެ. ސަބަބަކީ ލިބިފައިވާ އިސްލާމީ ހިދާޔަތު އަޅުގަނޑުމެންގެ އަތުން ބީވެދާނެތީއެވެ. އަދި އެއީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަށް ވާނެތީއެވެ.

ޤައުމެއްގެ ހަމަޖެހުން ބިނާވެގެން ވަނީ އެ ޤައުމެއްގެ މިނިވަންކަމަށެވެ. ދިވެހި ޤައުމަށް މިވަނީ އެ ނިޢުމަތް ލިބިފައެވެ. ނަމަވެސް މިއީ ދުނިޔޭގެ ބޮޑެތި، ބާރުގަދަ އެހެން ޤައުމުތަކަށް ލިބިފައިނުވާ ކަމަކެވެ. އަޅުގަނޑުމެން ދިވެހިން ފުރިހަމަ މިނިވަންކަމުގެ ހިޔަލުގައިވާތާ މިއީ 55 ވަނަ އަހަރެވެ. އަޅުގަނޑުމެން ދިވެހިންނަކީ އަމިއްލަ މިނިވަންކަމާއިއެކު މަގުމަތީގައި ބިރުވެރިކަމެއް ނެތި ހިނގާބިނގާވެ އުޅެވޭ ބައެކެވެ. ހަމަ މިއާއިއެކު، ހިތުގައި އުފެދޭ ޝުޢޫރުތައް އެއްވެސް ޖެހިލުމެއްނެތި އެހެން ޤައުމުތަކާ ޚިލާފަށް ފާޅުކުރެވޭ ބައެކެވެ. މި ހުރިހައި ކަމަކީ ކިހާ މުހިންމު ކަންތައްތަކެއްކަން އެނގޭނީ މިކަހަލަ ކޮންމެ މިނިވަންކަމަކުން މަޙުރޫމުވެފައިވާ މީހުންނަށެވެ. އަޅުގަނޑުމެންނަކީ އޭގެ ތެރެއިންވާ ބަޔަކަށް ނުވާތީ ﷲ ގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ. ސަބަބަކީ ދިވެހިންގެ ތާރީޚުންވެސް މިނިވަންކަމަކީ ޤައުމެއް އެންމެ ރަނގަޅު ގޮތުގައި ދެމިއޮތުމަށް ކިހާ މުހިންމު ކަމެއްކަން އަންގައިދޭތީއެވެ. މިނިވަންކަން ބީވެގެން ދިޔަ ކޮންމެ ފަހަރަކު ދިވެހިން އުޅުނު ހިތްދަތި އަދި ކަޅު އަނދިރި ދުވަސްތަކަކީ، މިނިވަންކަމުގެ މުހިންމުކަން އެންމެ ބޮޑަށް ދޭހަކޮށްދޭ މިސާލުތަކެވެ. އަދި އެދުވަސްތަކަކީ ދިވެހިން ދުވަހަކުވެސް ދެން ތަކުރާރުވާން ބޭނުން ނުވާނެ ދުވަސްތަކެއްކަން ކަށަވަރެވެ. މިހާ މުހިންމު އެއްޗަކަށް މިނިވަންކަން ވީއިރު، ދިވެހި މިބިން އަމާންކަންމަތީ ދެމިއޮތުމަށް ކުރާ އާދޭސް ކުޑަކޮށް ނަމަވެސް މިހާރު ތަޞައްވަރު ކޮށްލެވޭނެކަން ގައިމެވެ.

އަމިއްލަ މާދަރީ ބަހެއް އޮތުމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފެވެ. މަޝްހޫރު އެހެން ޤައުމުތަކާއި ޚިލާފަށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މި ޝަރަފުގެ މަތީގައި ވިދަމުންދާ ޤައުމެކެވެ. އަމިއްލަ ބަހެއްގެ އިތުރުން އަމިއްލަ އަކުރެއްވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. ދިވެހިންގެ މާދަރީ ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ އަލިގަދަ ނިޝާނެކެވެ. ދިވެހިވަންތަކަން ރަމްޒުކޮށްދޭ ފުރިހަމަ ހެއްކެކެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ޤައުމިއްޔަތުގެ މުހިންމު އެއް ބަހާއަކަށްވެފައި ޤައުމިޔަތު ފުރިހަމަކޮށްދޭ ބޮޑު ބައެކެވެ. މި ހުރިހާ ކަންކަމަކީ ދިވެހިބަހުގެ މުހިންމުކަން ފުރިހަމައަށް ދޭހަކޮށްދޭ ކަންކަމެވެ. އަދި ދިވެހިބަސް ނެތިގެންދާ ހާލަތަކީ ދިވެހިންގެ އަމިއްލަވަންތަކަން ގެއްލި ދިޔުންކަން ހާމަކޮށްދޭ ސަބަބުތަކެވެ. މިއީ ދިވެހި ޤައުމު އަމާންކަންމަތީ ލެއްވުމަށް ކުރާ އާދޭހުގެ މުހިންމު އެއް މަޤުސަދެވެ.

ދިވެހި ތާރީޚާއި ސަޤާފަތަކީ މުއްސަނދިކަމުގެ ދެވަނައެއް ނުވާ ލާމަސީލު މިސާލެކެވެ. ދިވެހިންގެ ތާރީޚުގެ ތެރެއިން އުކާލެވޭ ކޮންމެ ޞަފުޙާއަކީ ލިބިގެންދާ އެތައް ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. ހިތްވަރުގަދަ އެތައް ދިވެހި ދަރިންތަކެއްގެ ޤައުމީ ޚިދުމަތްތަކެއްގެ ވާހަކައެވެ. ދިވެހިންނަށް ދިމާވި އެތައް ކަމަކުން ދަސްކޮށްދޭ މުހިންމު ފިލާވަޅުތަކެކެވެ. މާޒީއަކީ މުސްތަޤުބަލު ބަލާ ލޯގަނޑެއް ފަދައިން ބެލޭނެ އެތައް ކަމެއް ދޭހަކޮށްދޭ ކަންކަމެވެ. އަދި ހަމަ އެއާއިއެކު ދިވެހި ކާބަފައިންގެ ސާދާ ދިރިއުޅުމާއި ދިވެހިންގެ އާދަކާދައާއި ސަޤާފަތް އަންގައިދޭ ކަންކަމެވެ. ދިވެހިންގެ އަސްލާއި ދިވެހިން މިއަދާއި ހަމައަށް ކުރި މި ދަތުރުގެ ހުރިހައި ކަމަކާއި އައިސްފައިވާ ކުރިއެރުން އަންގައިދޭ ކަންކަމެވެ. އާ ޖީލުތަކަކަށް ޤައުމެއް ބިނާވެގެންދާއިރު އެ ޤައުމެއްގެ ތާރީޚު ފެންނަން އޮތުމަކީ އިންތިހާއަށް ބޭނުންތެރި ކަމެކެވެ. އެއްޖީލުން އަނެއް ޖީލަށް ދިވެހި ތާރީޚާއި އާދަކާދައާއި ސަޤާފަތް ފޯރުކޮށްދިނުމުގެ މަތިވެރި ބޭނުމުގައެވެ. ތާރީޚު ނެތިއްޖެނަމަ ގެއްލިގެން އެދަނީ ޤައުމު ކުރިއަރައިގެން އައިގޮތުގެ އެއްބައެވެ. މި ހުރިހާ ކަމެއް ހެކިދެނީ ތާރީޚުގެ މުހިންމު ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދިވެހި ފަސްގަނޑު އަމާންކަމުގެ ހިޔަލުގައި އަބަދުމެ ލެއްވުން އެދި ކުރެވޭ ދުޢާގެ ބޮޑު ބަޔަކަށް ދިވެހި ތާރީޚުވެސް ވާތީއެވެ.

ދިވެހި ޤައުމުގެ ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް ފެންނަމުން ދަނީ ދިވެއްސަކަށް ވީތީ އަޅުގަނޑުމެން ފަޚުރުވެރިވާންވީ އެތައް ކަމެކެވެ. އަދި މާތް ﷲ ގެ ކިބަފުޅަށް ޙަމްދުކޮށް ޝުކުރުވެރިވާންވީ އެތައް ނިޢުމަތްތަކެކެވެ. ޚާއްޞަކޮށް ޤައުމިއްޔަތުގެ ބަހާތަކުން މިކަންކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މި ކަންކަމަކީ އަޅުގަނޑުމެން ދިވެހިންނަށްވެ ތިބެ ކޮންމެހެން ވިސްނާ ފިކުރުކުރުން މުހިންމު ކަންކަމެވެ. އޭރުން ޝައްކެއްވެސް ނެތްގޮތުގައި ޤައުމު އޭގެ އަމިއްލަ އަމާންކަމަށް އެދޭވަރަށް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދިވެއްސެއްގެވެސް ނިމުމެއް ނެތް ދުޢާއަކަށް ވާނީ ދިވެހިންގެ މި އުފަން ފަސްގަނޑު އަބަދަށްޓަކައި އަމާން އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ލެއްވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.