މިދުނިޔެ އަކީ، ދާއިމީ ތަނެއް ކަމުގައި ނުވާ ފަދައިން، އަޅުގަޑުމެންނާއި ކުރިމަތިވާ ހިތާމަތަކާއި، ތަދުމަޑުކަމާއި، ބަލިމަޑުކަމަކީ ވެސް ދާއީމީ ހާލަތްތަކެއް ނޫން ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ނަފުސާނީ ހިތް ހަމަޖެހުން އޮތީ، ޚާލިޤުވަންތަ ﷲގެ ރަޙުމަތަށް އެދި ދުޢާ ދެންނެވުމުގައި ސާބިތުވެ ތިބުމުގައި ކަމަށާއި އެކަލާނގެ ރަޙުމަތްފުޅާއި މެދު އެއްގޮތަކަށް ވެސް މާޔޫސް ނުވެ، ވޭނާއި ތަދާއި އުދާސްތަކަށް ކެތްތެރިވުމުން ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ޙަޔާތުގެ ވޭނަކީ ދަރުސެކެވެ. އަދި މިފަދަ ކޮންމެ ދަރުސަކުން ޢިބްރަތް ލިބިގަނެ އަޅުގަޑުމެންގެ ނަފުސު މަތިވެރި ދަރަޖައަކަށް ގެންދެވޭތޯ މަސައްކަތްކުރަމަކީ މުހިންމު ކަމެއްކަމުގައި މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

މިވަގުތު ދުނިޔޭގައި ފެތުރެމުންދާ ވަބާއީ ބަލިމަޑުކަމުގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް ޓަކައި، ދީލަތިވަންތަ އިލާހުގެ ޙަޟްރަތުން ޢާފިޔަތާއި ރައްކައުތެރިކަމަށް އެދޭ ހާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް ހެޔޮ ނަސޭޙަތާއި އެހީ ފޯރުވުމަށާއި އަދި އެމީހަކު ހުރި ތަނެއްގައި ދިގު މުއްދަތަކަށް ބަންދުވެ ތިބެން ޖެހުމުގެ ސަބަބުން، އިޤްތިޞާދީ ހަރަކާތްތައް ހުއްޓި، ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ ނަފްސާނީ، ބަލިމަޑުކަމާ ކުރިމަތިވުމަކީ ނުވެ ނުދާނެ ކަމެއްކަމުގައި މިއަދުގެ ޚުތުބާގައި ވެއެވެ. އަދި މީގެ އިތުރުން އާމްދަނީގެ މަގުތައް ހަނިވުމުންނާއި، އިހު އުޅުނު ގޮތަށް މިނިވަންކަމާ އެކު ހެލިފެލިވެ އުޅެވޭން ނެތުމުގެ ސަބަބުން، މި ކަންކަމުން ހައްޓަށް ވެރިވާ ބުރަހެލިކަމާއި، ހިތަށް ވެރިވާ ހިތްދަތިކަމުން މިންޖުވުމަށް ޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައިﷲ ތަޢާލާގެ ތަނަވަސް ރަޙުމަތަށް އެދި ދެންނެވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ހާލަތުން ސަލާމަތް ވެވެން އޮތީ ﷲ ތަޢާލާ ދުނިޔޭގައި ލައްވާފައިވާ ސަބަބުތަކުގައި ހިފައި، އެ ކަލާނގެ ރަޙުމަތްފުޅާ ލައިގެންނެވެ. މާޒީވެދިޔަ ތާރީޚުގައި، އަހަރެމެންނަށް ވުރެ މާ މަތިވެރި، އިންސާނުންކަމުގައިވި ނަބިއްޔުންނާއި ރަސޫލުންނަށް، މިފަދަ އެތަކެއް ހިތްދަތި ޙާދިޘާތަކާ ކުރިމަތިވިއެވެ. އަދި ބިރުވެރި މާޙައުލުގައި އުޅުއްވަން ޖެހިވަޑައިގަތެވެ. ނަމަވެސް އެ ބޭބޭކަލުން މި ކާއިނާތުގެ ވެރި ﷲ ގެ ޙަޟްރަތުން ރަޙްމަތާއި އޯގާވެރިކަމުގެ އުންމީދުން މާޔޫސް ވުމެއް ނެތި، ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވި އެވެ.

ދުނިޔޭގެ ޙަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށް ފަހު އެތައް ފަސޭހަތަކެއް އަންނާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވާކަން ހަނދާން ކުރާށެވެ! މި ވަޢުދުފުޅުގެ މަތީން ހަނދާންކޮށް ހިތްވަރު އައުކުރުމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވެފައި ވެއެވެ. މާތް ﷲ ސޫރަތުލް ޝަރްޙުގެ ފަހެއް އަދި ހަވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. މާނައީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާ އެކު ފަސޭހަކަންވެއެވެ.”

މި ބަލިމަޑުކަމުގެ ހާލަތުގައި އައަޅުގަޑުމެންގެ ޖިސްމާނީ ޞިއްޙަތަށް ދުޅަހެޔޮކަން ލިބުން ބިނާވެފައި ވަނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ. ހިތްދަތިކަމާއި ހާސްކަމުން މިންޖުވުމަށްޓަކައި، ނަފުސަށް އަޅައިލުން ވަރަށް މުހިއްމެވެ. އެއްތަނެއް ގައި ބަންދުވެގެން ތިބެން ޖެހުނަސް، ނަފްސަށް ބޭނުންވާ ރޫޙާނީ ޣިޒާ ކަމުގައިވާ އަޅުކަމާއި، ޖިސްމަށް ބޭނުންވާ ކަސްރަތާއި، ޞިއްޙަތަށް ފައިދާހުރި ކާނާ އާއި، ޞިއްއީ މިންގަޑުތަކަށް ފެތޭ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން ލިބިގެންދާނޭ ކަންކަމެވެ. ވީމާ، ދުވަހުގެ ތާވަލު ރާވާލާ އިރު، ތިމާގެ ވަގުތު ބޭނުންތެރި ގޮތެއްގައި ހޭދަކުރެވޭތޯ މަސައްކަތް ކުރެއްވުމަށް މިއަދުގެ ޚުތުބާގައި ނަޞޭހަތްތެރިވެފައި ވެއެވެ.

އެހީތެރިކަމާއި، ޚިދުމަތަށް، މުޅި ދުނިޔެ އެދިގޮވަމުން މިދާ ދަނޑިވަޅު ގައި، ދެވޭ ކޮންމެ ޚިދުމަތެއް، ޝުކުރުވެރި ހިތަކުން ބަލައިގަތުމުގެ ވިސްނުން އިސްކުރުމަކީ، ނަފުސަށް ލިބޭނޭ ހިތްހަމަޖެހުމަކަށް ވާނެއެވެ. އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށްޓަކައި އެޅިގެންދާ ވަރުގަދަ ބިންގަލެއް ކަމުގައިވާނެކަން ޔަޤީނެވެ. މިފަދަ ދަތިހާލަތުގައި ދީލަތިކަން އިސްކުރުމަކީ މުސްލިމުންގެ ސިފައެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ސޫރަތުލް ޙަޝްރުގެ ނުވަވަނަ އާޔަތުގައި ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. މާނައީ: “އަދި އެއުރެންގެ ކުރީގައި، އަލްމަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންސާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުން ދެކެ ލޯބިވެއެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސު ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަން ދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެއަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަދިންނަވާނެ މީހުންނެވެ.”

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.