އާންމުގޮތެއްގައި އިންސާނުންގެ ލޮލަށް ނުފެންނަ ކަމުގައި ވިޔަސް، ޖިންނި ޝައިޠާނުންނަކީ ވެސް އިންސާނުން ފަދައިން މާތް ﷲ سُبْحَانَهُ وَتَعَالَى ހައްދަވާފައިވާ މަޚުލޫޤުންތަކެކެވެ. އަޅުގަނޑުމެން އިންސާނުންނަށް ކަންކަން އިޚްތިޔާރުކުރުމުގެ ގާބިލުކަން ދެއްވާފައިވާ ގޮތަށް ޖިންނީންނަށް ވެސް މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ އެ ގާބިލުކަން ދެއްވާފައެވެ. އެހެންކަމުން އިންސާނުންގެ ތެރޭގައި ޞާލިޙު މީހުންނާއި، ގޯސް މީހުން އުޅޭގޮތަށް ޖިންނި ޝައިޠާނުންގެ ތެރޭގައި ވެސް ޞާލިހު ޖިންނީންނާއި، ގޯސް ޖިންނީން އުޅެއެވެ.

ޖިންނި ޝައިޠާނުން އިންސާނުންގެ ހަށިގަނޑަށް ވަންނަން މެދުވެރިވާ ތިން ސަބަބެއް އޮންނަކަމަށް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ ٱللّٰهُ ވިދާޅުވެފައިވެއެވެ.

ފުރަތަަމަ ސަބަބެއް ކަމުގައި ޝެއިޚް ވިދާޅުވަނީ އިންސާނުން ފަދައިން ޖިންނީންނަކީ ވެސް ޢަދާވާތްތެރިކަން އޮންނަ ބަޔަކަށް ވުމުން، ސަބަބެއް ނެތި ވެސް، އިންސާނުންނަށް ގޯނާކުރުމުގެ ގޮތުން ހަށިގަނޑަށް ވަންނަ ކަމަށެވެ. އިންސާނުން މިހެން އުޅޭ އުޅުމުގެ ތެރޭގައި ޖިންނިއަކަށް ފެނި، އެމީހާ ދެކެ އެ ޖިންނި ހިތްހަމަ ނުޖެހިގެން ގޯނާކޮށްލުމުގެ ނިޔަތުގައި ވެސް ބައެއްފަހަރު އިންސާނުންގެ ހަށިގަނޑަށް ވަންނަ ކަމަށް ޝެއިޚް ވިދާޅުވިއެވެ. ނަމަވެސް، ރައްކާތެރިވުމަށް ޓަކައި ކިޔަން އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔާ އުޅޭނަމަ، އެކަމުން ސަލާމަތްވާނެއެވެ.

ދެވަނަ ސަބަބެއް ކަމުގައި ޝައިޚް ވިދާޅުވީ ލޯތްބެވެ. އިންސާނުން ފަދައިން ޖިންނި ޝައިޠާނުންނަކީ ވެސް ލޯބިވުމާއި، ރުޅިއައުމާއި، ދެރަވުމާއި، އުފާވުން ފަދަ ހުރިހާ އިޙްސާސްތަކެއް ލައްވާފައިވާ ބައެކެވެ. މަގުމަތީ ގައްޔާއި، ގޭތެރޭ ގައްޔާއި، ފާޚާނަ ފަދަ ތަންތަނަށް ވަދެނުކުމެ ހަދާއިރު، ރައްކާތެރިވުމަށް ޓަކައި ކިޔަން އަންގަވާފައިވާ ޒިކުރުތަކާއި، ދުޢާތައް ނުކިޔާ އުޅޭނަމަ، ފަހަރުގައި ޖިންނި އެއް އަވަލުމަކީ އެކަށީގެންވާ ކަމެކެވެ. ހެދުން ބާލައި ހަދާއިރު ގައްޔާއި، ނިވައިކަން ކުޑަ ހެދުން ލައިގެން އުޅުމަކީ ޖިންނީން ވަރަށް ގަޔާވާ މަންޒަރެކެވެ.  ފަހަރުގައި ޖިންނިއެއް އެ މަންޒަރު ބަލަން ހުރުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ މަންޒަރުތައް އޭގެއަށް ފެނި އިންސާނުން ދެކެ ލޯބިވެވި ހަށިގަނޑަށް ވަންނަ ކަމަށް ޝެއިޚް ވިދާޅުވިއެވެ. ޚާއްޞަކޮށް މިފަދަ ކަންކަން ގިނައިން ދިމާވަނީ އަންހެން ކަނބަލުންނަށެވެ. އެހެންކަމުން ރައްކާތެރިވުމަށް ޓަކައި ކިޔަން އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔާ މާތް ﷲ އަންގަވާފައިވާ ފަދައިން އައުރަ ނިވާވާގޮތަށް ހެދުން އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ތިންވަނަ ސަބަބެއް ކަމުގައި ޝެއިޚް ވިދާޅުވީ ޖިންނި ޝައިޠާނުންނަށް އަނިޔާއެއް ދިނުމެވެ. ޖިންނި ޝައިޠާނުންނަކީ އާއްމުގޮތެއްގައި އިންސާނުންގެ ލޮލަށް ނުފެންނަ ބައެއް ކަމުން، އިންސާނުން އުޅޭ އުޅުމުގައި ނޭނގި އޭގެއަށް އަނިޔާއެއް ދެވުމަކީ އެކަށީގެންވާ ކަމެކެވެ. ރައްކާތެރިވުމަށް ޓަކައި ކިޔަން އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ނުކިޔާ މަގުމައްޗަށާއި އެހެން ތަންތަނަށް ކުޅު ޖަހާއިރު ގައްޔާއި، އެއްޗެތި އުކާ ހަދާއިރު ފަހަރުގައި އެތަނުގައި ޖިންނިއެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ. އެކަން ކުރީ ނޭނގި ނަމަވެސް، އެއްލާ އެއްޗަކުން ޖިންނި އަށް އަނިޔާ ލިބުމުން ބަދަލުހިފުމުގެ މަގުޞަދުގައި އިންސާނާގެ ހަށިގަނޑަށް އޭތި ވަންނަ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެން އުޅޭ ފަދައިން އެހެން މަޚުލޫޤުންތައް ވެސް އުޅޭކަން ދަނެގެން މާތް ﷲ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ ގޮތަށް ދިރިއުޅުން ބައްޓަށްކޮށް، ރައްކާތެރިވުމަށް ޓަކައި ކިޔަން އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ގަވާއިދުން ކިޔައި، އެކަލާނގެ އަންގަވާފައިވާ ފަދައިން އައުރަ ނިވާކޮށްގެން އުޅުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް އޮތްމަގެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.