ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިބޭ އެންމެ ހިތްވަރުގަދަ އެއް ބަޔަކީ ދިވެހި ފުލުހުން ކަމާއިމެދު ޝައްކެއް ނެތެވެ. އެމީހުން މިކަމަށް ކުރާ ހޭދަ އެންމެނަށްވެސް އެނގެއެވެ. ނަމަވެސް މިކަމާ ދޭތެރޭގައި ވިސްނައި ފިކުރުކުރަނީ ކިތައް މީހުންކަމާއިމެދު މިހާރު ސުވާލު އުފެދެއެވެ. ސަބަބަކީ ދިވެހި ފުލުހުން ރައްޔިތުންގެ ހައްޤުގައި ކުރާ މަސައްކަތް އަގުވަޒަން ކުރެވެނީ މަދު ބަޔަކަށްކަން މިއަދު ހާމަވެގެން ދާތީއެވެ. ނަމަވެސް އެއީ ހިތާމަ ހުރި ކަމެއްކަން އެންމެނަށްވެސް އެނގި ހާމަވާން ޖެހެއެވެ. އަދި އެތައް ސަބަބުތައް މިކަމަށް ހެކިދެއެވެ.

ދިވެހި ފުލުހުންނަކީ މި ބިމުގެ ޝަރަފެވެ. އެމީހުންނަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޔަޤީންކޮށްދިނުމުގެ މަތިވެރި ބޭނުމުގައި ތިބޭ ހިތްވަރުގަދަ ބައެއްކަމާއިމެދު އިތުރު ބަހުސަކަށް ދާކަށް ނުޖެހޭނެއެވެ. ފުރާނަ އައްޑަނައަކަށް ހަދައިގެން ދިވެހިންގެ ޙައްޤުގައި ރެޔާ ދުވާލު ކޮށްދޭ މަސައްކަތްތަށް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ޝަކުވާއެއް އަދި އެއްވެސް ކަހަލަ ހިތްބުރަކަމެއް ނެތި ހެޔޮހިތުންނެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހެއްގެ ޢާއިލާއެއް ވާނެ ފަދައިން އެމީހުންގެ ޢާއިލާވެސް ވާނެއެވެ. ނަމަވެސް ޢާއިލާތަކާއި ދުރުގައި އެތައް ވަގުތެއް އެމީހުން ނަގާލަނީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައެވެ. ކުރަން ހުންނަ ކަންކަން ނުކޮށް، ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއް ރައްކާތެރިކަމާއިއެކު ކުރެވޭތޯ ޔަޤީންކޮށްދިނުމުގައި ދިވެހި ފުލުހުން ވަނީ އަބަދާއި އަބަދުއެވެ. ހަމަ އެގޮތައް ރައްޔިތުންނަށް ނުވިސްނުނަސް، އަހަރުމެންނަށް މިހާ ހަމަޖެހިގެން އުޅެވެނީ ދިވެހި ފުލުހުން ދިވެހިންގެ ދިފާޢުގައި އަބަދުމެ ތިބޭތީކަން ގައިމެވެ. ކުރިމަތިވާ ކޮންމެ ހާދިސާއަކާއި ކާދިސާއެއްގައި ފުލުހުންނަކީ ދިވެހިންނާއިއެކު ދިވެހިންގެ ޙައްޤުގައިވާ ބައެއްކަމުގައި އެމީހުން ދަނީ ތާއަބަދު ސާބިތުކޮށްދެމުންނެވެ.

ދިވެހިން ހަނދާން ނުނެތޭނެ ދުވަސްތަކަކީ އެންމެ ފަހުން މުޅި ދުނިޔެއަށް ކުރިމަތިވި އަދިވެސް އެކަމަކުން ސަލާމަތް ނުވެވިގެން ހުރިހައި އެންމެންވެސް އުޅޭ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދުވަސްތަކެވެ. މިކަމަކީ ކިހާ ނުރައްކާ ކަމެއްކަން މިވަނީ އަދު މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައެވެ. މި ނާޒުކު ދަނޑިވަޅުގައިވެސް އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށް އަދި ބަލީގެ ބިރަކަށް ނުބަލައި، ހިތްވަރުގަދަ އަދި މުޅި ޤައުމު އެބަޔަކަށްޓަކައި ޝުކުރު ޙައްޤުވެގެންވާ މުހިންމު އެއް ބަޔަކީ ފުލުހުންނެވެ. މި ދަތި ވަގުތުގައި ދިވެހިންނަށް ބޭނުންވާ ކޮންމެ ކަމެއް އަދި ކޮންމެ ބޭނުމެއް އެމީހުންގެ ޞިއްޙަތަށް ނުބަލައި ކޮށްދޭކަން މިއީ މިއަދު އެންމެނަށްވެސް ފެނިގެންދާ ސާފު މަންޒަރެކެވެ. ހިތްހެޔޮކަމާއިއެކު ހިތުގެ ސާފުކަމާއިއެކު އެމީހުން ރައްޔިތުންގެ ފަރާތުން އެދޭ ހަމައެކަނި އެދުމަކީ ގޭގައި މަޑުކުރުމަށެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި ވާނެކަމާއިމެދު އެމީހުން ދެނީ ފުރިހަމަ ޔަޤީންކަމެވެ.

ދިވެހި ޤައުމަކީ މަގުމަތީގެ އަމާންކަން ނޯންނަ ޤައުމެކޭ ނުބުނެވޭނެކަން ގައިމެވެ. އެންމެންވެސް ހަމަޖެހުމާއިއެކު މަގުތައް މަތީގައި އުޅެވޭކަން މިއީ އޭގެ ހެއްކެކެވެ. މިކަމުގެ އުފާ ހުރިހައި ދިވެހި ރައްޔިތުންނަށް ލިބޭއިރު ހަނދާނުން ކައްސާލާ ތަންކޮޅަކީ މިހެން މިގޮތަށް ވުމަށް މަގުފަހިކޮށްދޭ ބަޔަކީ ކޮންބައެއްކަމެވެ. މީގެ ޖަވާބަކަށްވެސް ވާނީ ހަމަ މަގުތަށް މަތީގައި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިބޭ ފުލުހުންނެވެ. ދިވެހިން ސަމާލުކަން ނުދިނަސް އެމީހުން އެވަނީ ކިހާބޮޑު ޤުރުބާނީއެއްކަން ސާފުވަނީ އެކިއެކި ހާދިސާތަކާއި ގުޅިގެން އަހަރުމެންގެ ޚިދުމަތުގައި ހުރެ ދުނިޔޭގެ މި ވަގުތީ ޢާލަމުން ވަކިވެދިޔަ އެތައް ފުލުހުންތަކެއް ވާތީއެވެ. ޤައުމަށްޓަކައި އަދި ރައްޔިތުންނަށްޓަކައި މިއަށްވުރެ ބޮޑު ޤުރުބާނީއެއް ބަޔަކަށް ވެވޭނެބާއެވެ؟ މިއީ މިއަދު ހުރިހާ ދިވެހިންވެސް އަމިއްލަ ނަފްސަށް ކޮށްލުން ރަނގަޅު އަދި މުހިންމު ސުވާލެކެވެ.

ޙަޔާތުގެ ކޮންމެ ސިކުންތެއް ރައްޔިތުންނަށްޓަކައި ހޭދަކުރަމުންދާ ހިތްވަރުގަދަ ބަޔަކު ކޮށްދޭ ކަންކަމާއި ދޭ ޚިދުމަތްތަކަކީ ގުނާ އަދަދުކުރަން ނޭނގޭ އަދި ދުވަހަކު ޝުކުރުވެރި ނުވެވޭނެ ފުރިހަމަ ޚިދުމަތްތަކެވެ. އަދި މިހެން ލިޔުމަކުން ދުވަހަކުވެސް ބަޔާން ނުކޮށްދެވޭނެ ޤުރުބާނީތަކެކެވެ. ދޭހާ އަތްވަކާއި ވެހޭހައި ވާރެއެއްގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން އިސްކުރާ ބަޔަކަށް ފުލުހުން ވާއިރު، އެމީހުންގެ އަގުވަޒަން ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއްކަމުގައި މިއަދު ދެކެން ޖެހެއެވެ. ދުވަހަކުވެސް ބަދަލު ނުދެވޭނެ ޚިދުމަތްތަކެއް ވަރުބަލިކަމެއް ނެތި ކުރަމުންދާ ފުލުހުންގެ މުއައްސަސާގެ ކޮންމެ ހިތްވަރުގަދަ ފުލުހެއް ރައްކާތެރިކަމާއިއެކު ހެޔޮޙާލުގައި އަބަދުވެސް ލެއްވުމަށް މާތް ﷲގެ ކިބަފުޅަށް ނިމުމެއް ނެތް ދުޢާ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިކަމާއިއެކު ކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.