ދަރިންނަކީ މާތް ﷲ سُبْحَانَهُ وَتَعَالَى ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެކެވެ. ހަމައެހެންމެ، އެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކާއި، އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. އަދި ކިއެއްތަ ދަރިންނަކީ އަޅުގަނޑުމެންނާ ހަވާލު ކުރެވިފައިވާ އަމާނާތެކެވެ.
އެހެންކަމުން، ދަރިންނާއި މެދު، ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑުމެންނަށް ވަނީ އަމުރު ކުރައްވާފައެވެ. އެގޮތުން، އެކަލޭގެފާނު ވަނީ ދަރިން ރައްކާތެރިކޮށް ދެއްވުމަށް އެދި މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ހަޟްރަތަށް ކުރާނެ ދުޢާ އެއް އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ.
حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا جَرِيرٌ، عَنْ مَنْصُورٍ، عَنِ الْمِنْهَالِ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ.
މާނަ: އިބްނު ޢައްބާސް رَضِيَ ٱللّٰهُ عَنْهُ ރިވާކުރައްވާފައިވެއެވެ.
މާތް ރަސޫލާ صَلَّىٰ ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަސަނުގެފާނާއި، ޙުސައިނުގެފާނަށް މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ހަޟްރަތުން ރައްކާތެރިކަން ދެއްވުމަށް އެދި މިފަދައިން ދަންނަވައެވެ.
إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ،
“أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ”
މާނަ: ތިޔަ ބޭކަލުންގެ ކާފާފުޅު (އިބްރާހީމް عَلَيْهِ ٱلصَّلَاةُ وَٱلسَّلَامُ) އިސްމާޢީލް عَلَيْهِ ٱلسَّلَامُ އާއި، އިސްޙާޤު عَلَيْهِ ٱلسَّلَامُ އަށް މާތް ﷲ سُبْحَانَهُ وَتَعَالَى ގެ ހަޟްރަތުން ރައްކާތެރިކަން ދެއްވުމަށް އެދި މިފަދައިން ދަންނަވައެވެ.
“އެންމެހާ ޝައިޠާނުންނާއި، އެންމެހާ ވިހަލާ ސޫފިތަކުންނާއި، އެންމެހާ އެސްފީނާ ލޯތަކުން ރައްކާތެރިކަން ދެއްވުމަށް އެދި ﷲ ގެ ފުރިހަމަ ކަލިމަފުޅުތަކުން ދަންނަވަމެވެ.”
(ސަޙީޙް ބުޚާރީ 3371)
