​ރަސްމަތިފުށުގެ ބޮޑުންނަށް މޮޅުގޮތް އޮވެފައި އާދައިގެ ދެރަ ނިކަމެތިންނަށް ދެރަގޮތް އޮތުމަކީ ޖާހިލިއްޔަ ޒަމާނުގެ ސިފައެއްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ އިންސާނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުން ކަމަށެވެ. އަދި މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތި އުވިގެން ގޮސްފި ނަމަ، އެތަނެއް ގައި ޖާހިލިއްޔަތު އުފަންވެ، އާލާވެގެންދާނެ ކަމަށާއި އަދި އެފަދަ މުޖުތަމައެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމުކަމަށެވެ. އެހެންވެ، އިސްލާމް ދީނާއީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށެވެ. 

އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަޤާމަކާއި އެއް ޙައިޘިއްޔަތެއް ލިބިގެންވާ، އެއް ދަރަޖައިގެ ބަޔެކެވެ. އިންސާނާ އުފެދުމުގެ އަޞްލާއި، އިންސާނީ ވަންތަކަމުގެ ސިފަތަކާއި، އިންސާނީ އިޙްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެކެވެ. އިންސާނަކަށް ވީތީ، ދޭންޖެހޭ މަޤާމާއި، އިޙްތިރާމާއި، ރަޙުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި، ތަފާތު ކުރުމެއް ނުވެއެވެ. ނަސްލާއި، ޤަބީލާ އާއި، ޤައުމާއި، ޢާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލަ އާއި، ބުރުސޫރައާއި، ޖިންސާއި، ޢުމުރަކީ، އެ މީހުންގެ މެދުގައި ތަފާތު ކުރެވޭނޭ އަސާސެއް ނޫނެވެ. އާރާއި ބާރާއި، މަޤާމާއި، ނުފޫޒާއި، މާލާއި، ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަންކަމެއް ނޫނެވެ. މިއަދުގެ ޚުތުބާގައިވެއެވެ.

އިންސާނީ ވަންތަކަމުގައި އެންމެހާ މީސްތަކުންގެ ﷲ ގެ ޙަޟްރަތު ގައި ހަމަހަމަވެގެންވާކަން އިޢުލާން ކުރައްވައި ކީރިތިވަންތަ ﷲ އެންމެހާ އިންސާނުންނާއި މުޚާޠަބު ކުރައްވައި، ވަޙީކުރައްވާފައި ވަނީ، މިފަދައިންނެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا (سورة الحجرات 13 )

މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމު ތަކަށާއި، ޤަބީލާ ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު، އަނެއް ބަޔަކަށް ތަޢާރުފު ވުމަށްޓަކައެވެ.” މި ޙަޤީޤަތް އިތުރަށް ކަށަވަރު ކުރައްވައި، ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. މާނައީ: “އެންމެހާ މީސްތަކުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ އެއް އިލާހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން އެންމެންގެ ބައްޕަޔަކީ އެކެކެވެ.

ތަފާތު އެކި ނަސްލުތަކާއި، އެކި ކުލަތަކާއި، އެކި ބަހުރުވަތަކެއްގެ މައްޗަށް އިންސާނިއްޔަތު ލައްވާފައި ވަނީ، ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِلْعَالِمِينَ (سورة الروم 22 )

 މާނައީ: “އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ކަމުގައި (އެފަދަ ކަންތައް) ދަންނަ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ.” 

ތަފާތުވުން ތަކަކީ، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް މާތްކުރެވި މަތިވެރިވުމަށްޓަކައި ލައްވާފައިވާ ތަފާތުވުން ތަކެއް ނޫނެވެ. އިސްލާމް ދީނުގައި މީސްތަކުންގެ ޢަދަދާއި، ކުލަޔާއި، ތަނަވަސްކަމަށް ބަލައި ތަފާތު ކުރުމެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟާރަތު ގައި މާތްކަމާއި، ޢިއްޒަތާއި، ޤަދަރުގެ ނާރެހަކީ ތަޤްވާއެވެ. ޝަރަފާއި ޢިއްޒަތް ޙާޞިލު ވުމުގައި ކަޅެއް ދޮނެއް، ޢަރަތްބެއް، ޢަޖަމީއެއް، ފަރަޤުކުރުމެއް ނުވެއެވެ. 

މިއަދުގެ ޚުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ފުރައްސާރަ ކުރުމާއި، ހަޑިހުތުރު ލަޤަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި، ދިމާކުރުން ފަދަ ކަންކަމަކީ، އިޖުތިމާޢީ ފޭރާން ވީދި، މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތެކެވެ. މިކަން ބަޔާން ކުރައްވައި ﷲ ތަޢާލާ ސޫރަތުލް ހުޖްރާތުގެ އެގާރަވަނަ އާޔަތުގައި އެ ކަލާންގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ މިފަދައިންނެވެ.

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރު ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށް ވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބު ތަކުން ނުގޮވާށެވެ! އީމާން ވުމަށް ފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވާ މީހާ ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”

ޢުންޞުރީ ތަފާތުކުރުމުގެ ނުބައި ޖާހިލީ އާދަ އެންމެ ފުރަތަމަ ތަޢާރުފު ކުރީ އިބްލީހެވެ. އެއީ އާދަމް ޢަލައިހިއްސަލާމަށް ސަޖިދަ ޖެހުމަށް ﷲ އޭނާ އަށް ޢަމުރުކުރެއްވި ހިނދެވެ. ﷲގެ އެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމުގެ ގޮތުން އިބްލީސް ގެނައި ޙުއްޖަތަކީ، އުފެދުމުގެ އަޞްލަށް ބަލައި، އޭނާ އާދަމްގެފާނަށް ވުރެ މޮޅުވެގެންވާ ކަމުގެ މުޑުދާރު ޙުއްޖަތެވެ. ދެން އެއަށްފަހު އެކި ޒަމާންތަކުގައި މި ޖާހިލިއްޔަތުގެ އަނދިރިކަން ފެތުރި، އެންމެ ބޮޑަށް އެ ބައެއްގެ ތެރޭގައި މިކަން ވަކިހިއްޕާލާފައި އޮތް އެއް ބަޔަކީ ކީރިތި ރަސޫލާ އަކީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހުލުވެރިންނެވެ. އެކަލޭގެފާނު ވަޑައިގެން އެ ޖާހިލިއްޔަތު ފޮހެލެއްވިއެވެ. އަދި ޖާހިލީ ސިފަތަކުގެ މުޑުދާރުކަން ބަޔާންކޮށްދެއްވައި، އެފަދަ ކަންކަމަށް ގޮވާލާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ބޮޑުކަން ބަޔާންކޮށްދެއްވިއެވެ. އިތުރު އެކަލޭގެފާނު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ . މާނައީ: ޖާހިލިއްޔަތުގެ ގޮވާލުމަކަށް ގޮވާލާ މީހާ ދަންނާށެވެ! އޭނާ ވާހުށީ ޖަހަންނަމައިގައި ކުޑަކަކޫ ޖެހިގެންވާ މީހުންގެ ތެރެއިންނެވެ.” އެހިނދު މީހަކު ދެންނެވިއެވެ. އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އޭނާ ނަމާދުކޮށް ރޯދަހިފި ނަމަވެސް މެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.