ދިވެހިންގެ މުޖުތަމަޢު އަކީ ވެސް އެތައް ކުށްތަކެއް ކުރެވެމުންދާ މުުޖުތަމަޢެއްކަން މިއަދު ހާމަ ވެގެން އެބަދެއެވެ. ކުދި އަދި ބޮޑެތި ކުށްތައް ދުލުން އަދަދު ނުކުރެވޭ ހިސާބަށް މިއަދުގެ ހާލަތު މިވަނީ ބަދަލު ވެފައެވެ. އޭގެ ތެރެއިން ބޮޑު އެއް މައްސަލަ އަކީ ރޭޕުގެ މައްސަލަ ތަކެވެ. މިކަހަލަ އެތައް ކަމެއް ދިވެހިންގެ ތެރެއިން އަބަދާއި އަބަދު ފެނިގެން ދިއުމަކީ އެންމެންގެވެސް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިކަމަށް އިތުރުވާ އަނެއް ބޮޑު ހިތާމަ އަކީ އަދި ކަންބޮޑު ވުމަކީ މީގެން އެއްވެސް ކަމެއް ހުއްޓުވުމަށް ކުރެވޭ އެއްވެސް ކަމެއް ނުފެންނަ ކަމެވެ. އަދި ދެވެން ޖެހޭ ހައްޤު އަދަބު ވެސް ނުދެވޭ ކަމެވެ. ދެވޭ ނަމަ މިއަދު މި އިތުރުވާ ރޭޕުގެ މައްސަލަތަކުގެ އަޑު މަޑުވާނެ ކަން ރައްޔިތުން ފާހަގަ ކުރެއެވެ.

އަބަދާއި އަބަދު ކޮންމެ ތާކުންވެސް އިވެމުންދާ އަޑަކީ ކޮންމެވެސް ހިސާބަކުން މީހަކު ރޭޕު ކޮށްގެން އެ މައްސަލަ އިތުރަށް ބަލެމުންދާ ވާހަކައެވެ. އަދި މިދުވަސް ކޮޅަކީ އެކަން ބޮޑަށް އިތުރުވެފައިވާ ދުވަސް ކޮޅެއްކަން އެންމެނަށް އެނގޭނެކަން ގައިމެވެ. ނަމަވެސް މިކަމުގެ ހައްލެއް ލިބިގެން ދުވަހަކުވެސް ޚަބަރެއް އައިސްފައި ނުވާ ކަން މީ ހިތާމަހުރި ކަމެކެވެ. މިފަދަ ލާއިންސާނީ ޢަމަލު ތައް ހިންގާ މީހުން މިނިވަންކަމާއި އެކު އުޅުމުގެ ހުއްދަ ދެވޭއިރު އަނެއްކާވެސް ކުށެއް ނެތް އެހެން މީހަކު ނުވަތަ ކުއްޖަކު އެމީހެއްގެ ޝިކާރަ އަކަށް ވާން ދޫކޮށްލެވެނީ ކަމެއް ހަމަ ނޭނގެނީ ހެއްޔެވެ؟ މިކަމާ ޖަވާބުދާރީ ވާންޖެހޭ ފަރާތް ތަކުން މިކަމަށް ޖަވާބެއް ނުދެވި ރައްޔިތުންގެ ކުރިމަތީގައި ފެއިލު ވަމުންދާ ކަން މީ މިއަދު އެންމެން ދައްކަމުންދާ ވާހަކައެވެ.

މިއަދު މިކަމުގެ ޝިކާރަ އަކަށް ވެގެން އުޅޭ މީހުންނަކީ އެންމެ ދެމީހެއް ނޫނެވެ. ގުނާ އަދަދު ނުކުރެވޭ ވަރަށް މިކަހަލަ ކަންކަން އާންމުވާއިރު، ދުވަހަކުވެސް މިކަން ކުރާ މީހުންނަކަށް އޭގެ އަދަބެއް ނުލިބެއެވެ. މީގެ ބަދަލުގައި އަބަދުވެސް ކޮންމެވެސް ސަބަބަކާއި ހުރެ އެމީހުން ދޫކޮށްލާތަން ފެނިގެންދެއެވެ. ނުވަތަ ހެކި ނުލިބިގެން އެހެން ނޫންނަމަ އެހެން ކަމަކާއި ހުރެ އެމީހުންގެ މައްޗައް ދަޢުވާ ނުކުރެވޭ ކަން ހިތާމަޔާ އެކު ފާހަގަ ކޮށްލަން ޖެހެއެވެ. މިކަމުގައި އަނިޔާ ލިބުނު ފަރާތުގެ ބަސް މިކަމަށް ފުދޭ ހެއްކަށް ނުވަނީ ބާއެވެ؟ މީ މިކަމާ ގުޅިގެން ދެން ކޮށްލެވޭ އިތުރު ސުވާލެކެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 378 މައްސަލައެއް ވާކަމަށް ބުނި އިރު، މި އަނިޔާ ލިބުނު އެއްވެސް ކުއްޖަކަށް އިންސާފު ގާއިމު ކުރެވުނު ތޯ މީ ކޮށްލަން ރަނގަޅު ސުވާލެއްގެ ގޮތުގައި މިހާރު ރައްޔިތުން ދެކެއެވެ.

މިކަމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބެލިކަމުގައި ވީނަމަވެސް ދެރަ އަދި ލަދުވެތި ކަމެކެވެ. އިންސާނިއްޔަތު ކަމުގެ ކުޑަ ވެސް ރަހުމެއް ހުރި މީހަކު މިކަހަލަ ކަމެއް ކުރަން ހިތަށްވެސް ނާރާނެކަން މީ މިއަދު ގަބޫލު ކުރެވޭ ހަޤީޤަތެކެވެ. ދީނުގައި މިކަހަލަ ކަންކަމަށް ކަނޑަ އެޅިފައިވާ ޝަރީޢަތް ގާއިމު ނުކުރެވޭ އިރު، އިންސާނީ ހައްޤުތަކަށް ބަލައިގެންވެސް މިކަމަށް އަދުލު އިންސާފު ދެވެން އެބަ ޖޭހޭކަން މިއަދު ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ދިވެހި ރާއްޖޭގެ ކަމާބެހޭ ފަރާތްތައް މިކަމަށް ގޮތެއް ނިންމަން ލަސްވާ ކޮންމެ ދަނޑިވަޅެއްގައި، މިކަހަލަ ރަހުމު ކުޑަ ކަމަކާއި ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ގިނަ ވާކަން މިއަދުގެ ހާލަތު އެބަ ހެކިވެއެވެ. ރައްޔިތުންގެ ކަންބޮޑު ވުމަކީ މީއެވެ. ނަމަވެސް އިންސާފުގެ ހުރިހާ ދިމާލެއް ބަންދު ވެފައި މިއަދު ވާކަހަލަ ކަން ލަދުވެތިކަމާއި އެކު ފާހަގަ ކުރަންޖެހެއެވެ. ރައްޔިންގެ މި އާދޭސްތަކަށް ބީރު ކަންފަތެއް ދެވޭ އިރު މިކަމުގެ ބިރުވެރިކަން، ރައްކާތެރިކަން ފޯރުކޮށްދޭން ތިބޭ ފަރާތް ތަކަށް ހަމަ ނޭނގެނީބާއެވެ؟

ސަމާލުކަން އެންމެ ދޭންޖެހޭ ކަންކަމުގައި އިހުމާލުވާ ކަން މީ މިއަދު މިކަންތައްތަކަށް އަދުލު އިންސާފު ގާއިމުނުކޮށް މިދާ ކޮންމެ ހިނދުކޮޅެއް ސާބިތު ކޮށްދޭ ދެރަ ހިތާމަވެރި ކަމެކެވެ. ސިޔާސީ ގޮތުންނާއި އަދި އެހެން ގޮތް ގޮތުން މައްސަލަތައް ބަލަން ހުންނަ ފޯރި މިކަހަލަ ބޮޑެތި އަދި ގަސްދުގައި ދެވޭ އަނިޔާތަކަށް ނުހުންނަނީ ކީއްވެ ބާއެވެ؟ މިހާރުވެސް ކުޅެވޭ “ވީޑިއޯ ގޭމު” ތައް ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބުނާ އިރު މީހުން ރޭޕު ކޮށް އަދި މިފަދަ ހުރިހާ އަމަލެއް ހިންގާ މީހުން މިނިވަން ކުރެވޭ ސަބަބު ދެނެނުގަނެވޭ ކަމަށް މިއަދު ރައްޔިތުން ޤަބޫލު ކުރެއެވެ. މިހާރު ކިޔާ ތަސްބީހައެއްހެން މިކަހަލަ ބޮޑެތި ކުށްތައް އިތުރު ވާއިރު މިކަމާ ފިޔަވަޅެއް އެޅޭ އެއްވެސް މުއަސަސާއެއް ނުވާކަން މިއަދު އެބަ ސާބިތުވެއެވެ. މީ ބޮޑު އަނިޔާއެއްގެ މަައްޗައް ދެވޭ އިތުރު އަނިޔާ އަކަށް މިކަން އަޅެ ނުވާނެ ބާއެވެ؟

މިއަދު މިކަމާ ކުރިމަތި ލާން ޖެހުނީ ތިބާ ނުދަންނަ މީހަކާއެވެ. މާދަމާ ތިބާ ދަންނަ މީހަކަށެވެ. އަދި އަނެއް ފަހަރު ތިބާ ވަރަށް ލޯބިވާ އަދި އަބަދުވެސް ހުރިހާ ދެރައަކުން ސަލަމާތް ކުރަން ބޭނުންވާ ފަރާތަކަށެވެ. އަދި އެންމެ ފަހުން ތިބާއަށެވެ. މިގޮތަށް ކަންތައް ވެއްޖެނަމަ ވާނެ ގޮތް ނުވަތަ ކުރާނެ ކަމެއް އަދި ހިތަށް އަރާނެ އެއްޗެއްވެސް ޚިޔާލަށްވެސް ނުގެނެވޭނެ ކަން ގައިމެވެ. އެހެން ކަމަށް ވީއިރު ރެޔާދުވާލު މި ބޮޑު އަދި ދެރަ އަނިޔާ ތަހަންމަލުކުރާ މީހުންގެ ހިތުގެ އާދޭސް ނީވެނީ ފަހެ ކިހިނެއްވެ ހެއްޔެވެ؟ އެއީވެސް ހަމަ ހިތުގައި ވިންދު ހިނގާ، އެތައް އިހުސާސް ތަކެއް ކުރެވޭ އަދި ދިރުއުޅުމާއި ދޭތެރޭގައި އެތައް އުންމީދު ތަކެއް ކުރާނެ ބައެކެވެ. ނަމަވެސް އެންމެ ފަހުން ގެއްލުވާލެވެނީ އެމީހުންގެ ދިރި ހުރުމުގެ އުންމީދެވެ. މީ މިއަދު އިންސާފު ދިނުމަށް ފަސްޖެހިފައި ތިބޭ އަދި މިކަމާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް ނާޅައި ނަމަވެސް އިންސާފު ދިނުމުގެ ބާރު އޮތް ކޮންމެ މުއައްސަސާ އެއްގައި ތިބޭ ފަރާތްތައްވެސް ވިސްނާލުން މުހިންމު ކަމެކެވެ.

މި ހާލަތަކީ މިއަދު ދިވެހިންގެ ހާލަތެވެ. މިކަމުގައި ދިރިއުޅުން ގެއްލި އަދި ވެއްޔާ މޮޑެވިގެންވެސް މިދަނީ ހަމަ މި ފަސްގަނޑުގައި އުޅޭ އެތަކެއް ހުވަފެންތަކެއް ދިރިއުޅުމާއި ދޭތެރޭގައި ގެންގުޅޭނެ ބައެކެވެ. އެމީހުންގެ ވޭން އަދި ހިތުގެ ކެކުޅުން ދެނެގަނެވުނުކަމަށް ވާނީ އެމީހުންނަށް އިންސާފު ލިބުނު ދުވަހަކުންނެވެ. މިއަދު އަދުލު އިންސާފު ނުދެވިދާ ކޮންމެ ހިނދުކޮޅަކީ މިކަން ކުރާ ރަހުމެއް ނެތް ފަރާތްތަކަށް ދެވޭ ހިތްވަރެއްކަން ހަނދާނުގައި ބަހައްޓާލުން މުހިންމެވެ. އަދި މީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ އެންމެ ބޮޑު އެއް ސަބަބު ކަން ޔަޤީނެވެ. މިއަދު ހެޔޮ ވިސްނޭ ކޮންމެ ދިވެހި ރައްޔިތެއްގެ ދުޢާއަކީ މި ހުރިހާ ކަމަކަށް އިންސާފު ގާއިމު ކުރެވި ދިވެހިންގެ މުޖުތަމައަކީ ހަމަ ޖެހިގެން މިކަހަލަ ކަމެއްގެ ބިރާއި ނުލައި އުޅެވޭނެ ތަނެއްގެ ގޮތުގައި ލެއްވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފިރުޝަތު ޒަމީލް
ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.