‘މީ ޕްރޮޑަކްޝަން’ އިން އުފައްދައި ބައިސްކޯފުން ގެނެސްދިން ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ”ގެ ދެވަނަ ސީޒަންގެ ޑަބިން ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ”ގެ ލީޑް އެކްޓަރ އަދި ‘މީ ޕްރޮޑަކްޝަން’ގައި މަސައްކަތްކުރަމުން އަންނަ އިބްރާހިމް ސޮބާހް (ކުޑަ ސޮބާ) މުނިއަވަސްއަށް ބުނީ ސީރީޒްގެ ޑަބިން މަސައްކަތް މިހާރު ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

“މި ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް ބުނަން އެނގޭނީ ބައިސްކޯފަށް. މީ ޕްރޮޑަކްޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް ނިންމާފަ ބައިސްކޯފާ ހަވާލުކުރަން. ސީރީޒްގެ މަސައްކަތް ލަސްވީ ކޮވިޑް-19ގެ ސަބަބުން.” ފެބްރުއަރީ މަހު ގެނެސްދޭން މަސައްކަތް ފެށި ސީރީޒް ނުނިމި ލަސްވެގެން ދިޔަ ސަބަބު ހާމަކުރަމުން ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނީ މި ސީޒަންގައި ވަރުގަދަ އަދި މުހިންމު ރޯލަކުން، އެއް ގާގަނޑުން ޖަހައި ދެދޫނި މަރާލާ ހާމިދު ޢަލީ ފެނިގެންދާނެ ކަމަށެވެ.

އެކްޓަރ ހާމިދު ޢަލީ

ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު ދެވަނަ ސީޒަން ގެނެސްދޭ އިރު ސީރީޒްގައި ހަރަކާތްތެރިވާ ތަރިންނަކީ ޝާފިޢު މުޙައްމަދު، މާއެނބޫ، އާއިޝަތު ޔާސިރާ، ކުޑަ ސޮބާ އަދި ނެށުންތެރިޔާ ފާތިމަތު ސަމާ، މަރިޔަމް ހަލީމް، އަލީ ފާރޫގް އަދި ޒުލައިޚާ މަނިކެއެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢާއިޝަތު ތުހުފާ، ޢަލީ ސީޒަންގެ “އެރެއަށްފަހު” ގައި އުޅުނު ސުޖީތާ، ޓިކްޓޮކްގައި ވިދާލި ޔާމްބެގެ އިތުރުން ޒޫފާ، މުހުސިނާ، ރިފްޝާން (ރިއްޕެ)، ފަދަ އިތުރު ތަރިން ފެނިގެންދާނެއެވެ.

އެކްޓަރ ރިފްޝާން (ރިއްޕެ)

“އަހަރެންވެސް ލޯބިވޭ 02” ގެ ވާހަކަ ލިޔެ ސްކްރީންޕްލޭ ލިޔުނީވެސް މާއެނބޫއެވެ. ސީޒަން އެކެއް ހެދީ ސާފިރާ މޫސާ ލިޔެފައިވާ ވާހަކައަކަށް މާއެނބޫ ތައްޔާރުކުރި ސްކްރީންޕްލޭއަކަށެވެ.

“އަހަރެންވެސް ލޯބިވޭ 02” ޑައިރެކްޓްކުރަނީ މާއެނބޫއެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ސޮބާއެވެ.

“ސީޒަން ދޭއްގަ ވަރަށް ގިނަ ޓްވިސްޓްތަކެއް ހުންނާނެ. ހާމިދުގެ ރޯލުވެސް ވަރަށް ތަފާތުވާނެ. ނޭވާ ހިފަހައްޓާލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މިފަހަރު ހުންނާނެ.” ސީޒަން އެކަކަށް ބެލުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނުކަން ފާހަގަކުރަމުން ސީރީޒްގެ ޑައިރެކްޓަރ މާއެނބޫ ބުންޏެވެ. މާއެނބޫ ބުނީ ދެވަނަ ސީޒަނެއް ހަދަން ނިންމީވެސް ފުރަތަމަ ސީޒަންނަށް އަށް ލިބުނު ތާއިދުގެ ސަބަބުންކަމަށެވެ.

“ބެލުންތެރިންނަށް ވަރަށް ސަޅި، ވަރަށް ރީތި ޑްރާމާއެއްގެ ގޮތުގައި މީތި ވެގެންދާނެ.” ޖުމްލަ 08 އެޕިސޯޑް ހިމެނޭ މި ސީރީޒާމެދު މާއެނބޫ ބުންޏެވެ.

“އަހަރެންވެސް ލޯބިވޭ” ޝޫޓިން ތެރެއިން ޝާފިޢު، މާއެނބޫ

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމަކީ ބިރުވެރި ފިލްމި “ކާކު؟” އެވެ. އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެކެވެ.

‘މީ ޕްރޮޑަކްޝަން’ގެ އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.