މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ނ. މިލަދޫގައި ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.
ސަން ބްރަދަރ ކުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތަށް ގާތްގަނޑަކަށް 1،035,000 (އެއް މިލައަން ތިރީސް ފަސް ހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ . މި މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައެވެ.
ޓާފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށްފައިވާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ މިލަދޫ ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ކަމަށެވެ. ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި ދަނޑުގެ މަސައްކަތް ނިންމާލުމަށް މިލަދޫ ކައުންސިލާއި ޒުވާނުން އަދި މިލަދޫ ހިމެނޭ ހޮޅުދޫ ދާއިރާާގެ މެމްބަރު ޔޫނުސް އަލީ ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
N. Miladhoo’s Futsal pitch has been completed as requested by the council & youth. Hope to see the pitch being utilized by both women & men of the island. Thank the island council and MP @YoonusAli_ for their corporation in completing the project. pic.twitter.com/LzE7jM6zKw
— Ahmed Mahloof (@AhmedMahloof) July 5, 2020
ފުޓްސަލް އަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާއިރު، ފުޓްސަލް ކުރިއެރުވުމަށް މިނިސްޓަރ މަޙްލޫފްގެ އިސް ނެންގެވުމަށް ޔޫތު މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑުތައް ތަރައްގީ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
