މާލެއިން ފުރައިގެން އދ. މަންދޫއަށް ދަތުރުކުރި “ރަންތަރި” ދޯނިން ދަތުރުކުރި އދ.މަންދޫ، ރަތްވިލާގެ، އުމުރުން 27 އަހަރުގެ ޢަލީ ޝާހު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައި ވަނީ 2020 ޖުލައި 17 ވަނަ ދުވަހުގެ މެންދަމު 02:10 ހާއިރު ކަމަށެވެ. ރަށުގެ ނެރުން ދޯނި ވަންއިރުވެސް ގެއްލިގެން ހޯދާ ޢަލީ ޝާހު ދޯނީގައި ހުރިކަމަށާއި ނަމަވެސް ފާލަމާ ކައިރިކުރިއިރު އޭނާ ދޯނީގައި ނެތްކަމަށް ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

ޢަލީ ޝާހު ގެއްލުނު އިރު ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. ޢަލީ ޝާހު ހޯދުމުގެ މަސައްކަތުގައި އދ. މަންދޫ ރައްޔިތުންނާ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޢަލީ ޝާހު އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ޢަލީ ޝާހު ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ކޯސްޓްގާޑުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.