ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކޮރެއަން އެއަރ 8509: އިންޒާރުތަކަށް ބީރު ކަންފަތެއް

އިނގިރޭސިވިލާތުގެ ސްޓެންސްޓެޑް އެއާޕޯޓުން ނައްޓާލި ބޮއިންގ 747 މަރުކާގެ ބިޔަ މަތިންދާބޯޓު، ނައްޓާލިތާ 60 ސިކުންތުވެސް ނުވަނީސް ވެއްޓި ބިމާ ހަމަވެގެންދިޔައީ ހީވެސް ނުކުރާ ފަދަ ބިރުވެރި ގޮތަކަށެވެ. މުޅި އެ ހިސާބުގަނޑު ސިއްސުވާލީ ހަނގުރާމައިގެ މައިދާނެއް ފަދައިން އަރައިގެން ދިޔަ އަލިފާނުގެ ބޮޑު ދުމާއި، ގަދަފަދަ ގޮވުމުގެ އަޑުންނެވެ.

ކްރިސްމަސް ޗުއްޓީގައި ގޭގައި ހުރި ގެރީ ޑޭންއަށް ކުއްލިއަކަށް އިވުނީ ފުރާޅުމަތިން ވަރަށް ތިރިން މަތިންދާބޯޓެއް ދިޔަ ބާރު އަޑެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ބޯޓުގެ އިންޖީނުން އަލިފާން ކަނިތައް ބުރައިގެންދާ މަންޒަރާއި، ބޯޓު އާދަޔާ ޚިލާފަށް އެއްފަރާތަކަށް އަރިވަމުން ގޮސް ގްރޭޓް ހެލިންގބަރީގެ ޖަންގަލީގެ ތެރެއަށް ވެއްޓި ގޮވި މަންޒަރު ފެނުނެވެ. އޭނާއާއި އޭނާގެ ކޮއްކޮ ވަގުތުން އެ ދިމާއަށް ދުވެފައި ގޮސް، ދުންތަކުގެ ތެރޭގައި އެއްވެސް މީހަކު ސަލާމަތްވެފައި ހުރިތޯ ހަޅޭއްލަވައި ގޮވި ނަމަވެސް، އެ ބޮޑު ވަޅުގަނޑުގެ ތެރެއިން އެއްވެސް އަޑެއް ނީވުނެވެ. އެ ހާދިސާގައި ބޯޓުގައި ތިބި ހަތަރު ފަޅުވެރިންވެސް ވަނީ ފުރާނަ ގެއްލިފައެވެ.

ޔޫކޭގެ އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން ބްރާންޗް (އޭއޭއައިބީ)ގެ ތަހުގީގު ޓީމުތަކުން ވަގުތުން މަސައްކަތް ފެށިއެވެ. ސޭފްޓީ ސްޕެޝަލިސްޓް ސިޑް ހޯކިންސްއާއި އޮޕަރޭޝަންސް އިންވެސްޓިގޭޓަރ ޑޭވިޑް މިލަރއަށް އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ ހާދިސާގެ ބިރުވެރިކަމެވެ. ބޯޓުގެ ބައިތައް މުޅި ސަރަހައްދަށް ބުރައިގެން ގޮސްފައިވާއިރު، ރަންވޭ މައްޗަށްވެސް ބައެއް ކުދި ބައިތައް ވިއްސައިގެން ގޮސްފައި ހުއްޓެވެ.

ތަހުގީގުގައި އެންމެ ބޮޑު ސުވާލަކަށްވީ، ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު ކްރޫއަކު ދުއްވި މިފަދަ ޒަމާނީ ބޯޓެއް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ ކީއްވެގެންތޯއެވެ؟

ބޯޓުގެ ކަޅު ފޮށިތަކާއި އިންސްޓްރޫމަންޓްތައް ތަހުލީލު ކުރުމުން އެނގުނު ގޮތުގައި، ކެޕްޓަން ޕާކް ޑުކް-ކިއު ކުރިމަތީގައި ހުރި އާޓިފިޝަލް ހޮރައިޒަން ނުވަތަ “އެޓިޓިއުޑް ޑިރެކްޓަރ އިންޑިކޭޓަރ” (އޭޑީއައި) އިނީ ހަލާކުވެފައެވެ. ބޯޓު އަރިއަރިވަމުން ދިޔައިރުވެސް، ކެޕްޓަންގެ އިންސްޓްރޫމަންޓުން ދައްކަނީ ބޯޓު ހަމައަށް ދަތުރުކުރާ ކަމަށެވެ. އެހެންކަމުން އޭނާ ދިޔައީ ބޯޓު އަދިވެސް ބޮޑަށް އަރިކުރަމުންނެވެ. ނަމަވެސް ފަސްޓް އޮފިސަރު ޔޫން ކީ-ސިކްގެ ކުރިމަތީގައި ހުރި އިންސްޓްރޫމަންޓާއި، ބެކަޕް އިންސްޓްރޫމަންޓް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔައެވެ. އަދި ބޯޓުގައި އިންޒާރުގެ ރަނގަބީލުތައް މެދުކެނޑުމެއްނެތި އަޅަމުން ދިޔައެވެ.

މިވެސް ކިޔާލަން:  ނުރައްކާތެރި ދަތުރު: ކަނޑުމައްޗަށް ތިރިކުރި ފްލައިޓް 961

އެންމެ ހައިރާންކުރުވަނިވި ކަމަކީ، ކޮކްޕިޓް ވޮއިސް ރެކޯޑަރ (ސީވީއާރް) އަޑުއެހުމުން އެނގުނު ގޮތުގައި، ފްލައިޓް އިންޖިނިއަރު “ބޭންކް މަސައްކަތެއް ނުކުރޭ!” އޭ ބުނެ އިންޒާރު ދިނުމުންވެސް ކެޕްޓަން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިނުމެވެ. އަދި ބޯޓު ނުރައްކާތެރި ދަރަޖައަކަށް 80-90 ޑިގްރީއަށް އަރިވެގެން ވެއްޓެން ދާއިރުވެސް، ބޯޓުގެ ހަގީގީ ހާލަތު އެނގިހުރި ފަސްޓް އޮފިސަރު ކެޕްޓަނަށް އެއްވެސް އެއްޗެއް ބުނަން ނުކެރި ހިމޭނުން އިނުމެވެ.

މި ބިރުވެރި ހިމޭންކަމުގެ އަސްލު ފެށިފައިވަނީ އެތައް ސަތޭކަ އަހަރެއްވީ ކޮރެއާގެ ސަގާފީ އަދި އަސްކަރީ އިސްފަސްމިނުގެ ތެރެއިންނެވެ. ކެޕްޓަން ޕާކަކީ އަސްކަރިއްޔާގެ ކުރީގެ ކާނަލެކެވެ. އޭނާއަކީ ޖެޓް ފައިޓަރުން ދުއްވުމުގައި އަމިއްލައަށް ކަންކަން ނިންމުމަށް އާދަވެފައިވާ، އަދި ވަރަށް ހަރުކަށި ބޭފުޅެކެވެ. ފްލައިޓް ފުރުމުގެ ކުރިން ދިމާވި ލަސްތަކާ ހެދި އޭނާ އިނީ ރުޅިގަދަވެފައެވެ. އަދި ފަސްޓް އޮފިސަރަށް ހަޅޭއްލަވައި، އޭނާގެ އަޑު ކަނޑުވާލާފައި އޮތެވެ.

ކޮރެއާގެ އޭރުގެ ސަގާފަތުގައި އިސް މީހުންނަށް ނުވަތަ އިސް ރޭންކުގެ މީހުންނަށް ރައްދު ދިނުމަކީ ނުވަތަ އެމީހުންގެ ގޯހެއް ދެއްކުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެ. ފަސްޓް އޮފިސަރުގެ ކުރިމަތީގައި މަރުގެ ތުންފަތްމަތި ފެންނަން އޮތްއިރުވެސް، އިސް ކެޕްޓަނުގެ ނިންމުމަށް ފާޑުކިޔައި، ބޯޓުގެ ކޮންޓްރޯލް ނަގަން އޭނާ ފަސްޖެހުނީ މި ސަގާފީ ބިރުވެރިކަމުގެ ސަބަބުންނެވެ.

އިންވެސްޓިގޭޓަރުންގެ ސިމިއުލޭޝަންތަކުން ދެއްކި ގޮތުގައި، އެންމެ ފަހު ވަގުތުވެސް ފަސްޓް އޮފިސަރު ނުވަތަ ކެޕްޓަން އެ އިންޒާރުތަކަށް ސަމާލުވެ، ބޯޓު ސީދާކުރި ނަމަ އެ ހާދިސާއިން ސަލާމަތްވެވުނީހެވެ. ނަމަވެސް، ކޮކްޕިޓްގެ ތެރޭގައި އޮތް ހަރުކަށި އިސްފަސްމިނާއި، އެކަކު އަނެކަކާ ވާހަކަދެއްކުމުގައި އޮތް ބޮޑު ހުރަހުގެ ސަބަބުން، ހުރިހާ އިންޒާރަކަށް ބީރު ކަންފަތެއް ދެވި، ކޮރެއަން އެއަރ 8509 ބިމާ ހަމަވެގެން ދިޔައީ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ފޮހެވިގެން ނުދާނެ ފަދަ ހިތާމަވެރި ފިލާވަޅެއް ދޫކޮށްފައެވެ.

މިވެސް ކިޔާލަން:  ފޮރުވިފައިވާ އަލިފާން: ނައިޖީރިއާ އެއަރވޭސް ފްލައިޓް 2120 ގެ ހިތާމަވެރި ހާދިސާ

—–

ތަޙުޤީޤުކުރާ ފަރާތްތަކުން މިހާރު ޝައްކުކުރާ ގޮތުގައި، މި ނުރައްކާތެރި ހާދިސާގެ އަސްލު ގުޅިފައިވަނީ ބޮއިންގ 747 މަތިންދާބޯޓު ވައިގެ ތެރެއަށް އުދުއްސައިގަތުމުގެ އެތައް ސަތޭކަ އަހަރެއް ކުރީގެ ކަންކަމާއެވެ.

ޒަމާންތަކެއް ވަންދެން ކޮރެއާގެ ސަގާފަތް ބިނާވެފައި އޮތީ އިޖުތިމާޢީ ދަރަޖަތަކާއި، އިސްސަފުގެ މީހުންނަށް އޮންނަ ހަރުކަށި އިޙުތިރާމުގެ މައްޗަށެވެ. އަދި އަސްކަރިއްޔާގެ އުސޫލުތަކާއި ޤަވާޢިދުތަކުގެ ނުފޫޒު ކޮރެއާގެ ވިޔަފާރި އުދުހުންތަކަށް ވަރަށް ބޮޑަށް ފޯރާފައިވާކަން ތަޙުޤީޤު ޓީމަށް ފާހަގަކުރެވުނެވެ. މި ސަގާފީ ހަރުކަށި އާދަކާދަތަކުގެ ސަބަބުން، ކޮރެއަން އެއަރ ފްލައިޓް 8509 ގެ ފަޅުވެރިން ކޮކްޕިޓަށް ވަން ވަގުތުން ފެށިގެން އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަން މިހާރު ސާފުވެއްޖެއެވެ. ޒަމާންވީ ސަގާފީ ޤަބޫލުކުރުންތަކުން ބޭރުވުމަކީ ފަސޭހަކަމެއް ނޫނެވެ.

މި ދެ ޕައިލެޓުންގެ ދެމެދުގައި އޮތް ފަރަޤު އިތުރަށް ބޮޑުވެގެން ދިޔައީ އަސްކަރީ ރޭންކުގެ ތަފާތުގެ ސަބަބުންނެވެ. އެމީހުން ބޮޑުވެގެން އައި ސަގާފީ ވެށީގެ ނުފޫޒު މި ހާދިސާގައި އިންތިހާއަށް ބޮޑުވިއެވެ. ކޮކްޕިޓް ތެރޭގައި އެ ދެމީހުންގެ ދެމެދުގައި ހަމަހަމަކަމުގެ އެއްވެސް ގުޅުމެއް ނެތެވެ. މި ހާދިސާ ހިނގުމުގެ ދެ އަހަރާއި ބައި ކުރިންވެސް، ދެކުނު ޕެސިފިކް ކަނޑަށް ކޮރެއަން އެއަރގެ ފްލައިޓެއް ވެއްޓި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ގުއާމްއަށް ވެއްޓުނު އެ ބޯޓުގެ ހާދިސާގައިވެސް މައިގަނޑު ސަބަބަކަށް ވެފައިވަނީ ފަޅުވެރިންގެ މެދުގައި އޮތް މުއާމަލާތު ކުރުމުގެ ދޯދިޔާކަމާއި، ސަގާފީ ދަރަޖަތަކުގެ ނުފޫޒެވެ. އެހެންކަމުން އެއަރލައިންގެ އަގު އޮތީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

މިވެސް ކިޔާލަން:  އެއާރ ކެނެޑާ ބޯޓެއް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

ފްލައިޓް 8509 ގެ ހާދިސާއާއެކު، އެމެރިކާގެ އަސްކަރިއްޔާއިން ޕެސިފިކް ސަރަޙައްދުގައި އެމީހުންގެ އޮފިޝަލުން އުފުލުމަށް ކޮރެއަން އެއަރ ބޭނުންކުރުން ހުއްޓާލިއެވެ. އަދި މުޅި ދުނިޔޭގެ ލޯތައް އެ އެއަރލައިނަށް އަމާޒުވެ، އެއަރލައިންގެ އިތުބާރު އެއްކޮށް ގެއްލިގެން ދިޔައެވެ. ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮރެއަން އެއަރލައިންސްގެ އިސްވެރިން ވަނީ އަސްކަރިއްޔާއިން އަންނަ ޕައިލެޓުން ބައެއް ފަހަރު ނުރައްކާތެރި ގޮތްތައް އިޚުތިޔާރުކުރާ ކަމަށް އެއްބަސްވެފައެވެ.

ނަމަވެސް، މި ހުރިހާ ނޭދެވޭ ކަންތައްތަކުގެ ތެރެއިންވެސް، ތަޙުޤީޤުކުރާ ފަރާތްތަކަށް މި މައްސަލަތައް ހައްލުކުރާނެ މަގެއް ފެނުނެވެ. ކޮންމެ ހާދިސާއަކީވެސް އޭވިއޭޝަން ސަލާމަތްތެރިކަން އިތުރުކުރުމަށް ލިބޭ ފިލާވަޅެކެވެ. އިނގިރޭސިވިލާތުގެ އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން ބްރާންޗް (އޭއޭއައިބީ) އިން ލަފާދިނީ، ޕައިލެޓުން ތަމްރީނުކުރުމަށް ބޭރުން ގެންނަ ތަކެތި ކޮރެއާގެ ސަގާފަތާ ގުޅޭގޮތަށް ބަދަލުކުރުމަށެވެ.

މި ހާދިސާއަށްފަހު، ކޮރެއަން އެއަރއިން އެމީހުންގެ ތަމްރީނު ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޮކްޕިޓް ތެރޭގައި މުޅިން އައު ސަގާފަތެއް ޤާއިމުކުރިއެވެ. ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކުންފުނިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރިއެވެ. ޚާއްޞަކޮށް ޕައިލެޓުންގެ މެދުގައި އޮންނަންޖެހޭ މުއާމަލާތުތަކާއި، މަތިންދާބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ކޮކްޕިޓް ރިސޯސް މެނޭޖްމަންޓަށް ވަރަށް ޚާއްޞަ އިސްކަމެއް ދިނެވެ.

ފްލައިޓް 8509 ގެ ހިތާމަވެރި ހާދިސާއިން ލިބުނު ފިލާވަޅުތަކުގެ ސަބަބުން، ކޮރެއަން އެއަރ މުޅިން ބަދަލުވެގެން ދިޔައެވެ. 1999 ވަނަ އަހަރަށްފަހު، އެ އެއަރލައިންގެ އެއްވެސް ބޯޓެއް ވެއްޓި، ނުވަތަ އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެއެވެ. އަދި މިއަދު އެއީ ދުނިޔޭގައި އޮތް އެންމެ ރައްކާތެރި، އެންމެ އިތުބާރު ބޮޑު އެއް އެއަރލައިނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top