އޮނަވިހި ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ފިލްމީ ދާއިރާއަށް ތަޢާރަފުވެ ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދިޔަ މަރިޔަމް ނިޝާ ފިލްމީ ދާއިރާއާއި ދުރަށް ގޮސް ހުންނަތާ 09 ވަރަކަށް އަހަރު ވެއްޖެއެވެ. ދިގު ބްރޭކަކަށް ފަހު، ވަރަށް ޚާއްޞަ ވީޑިއޯ ލަވައަކުން މި ޖުލައި މަހުގެ 26ގައި ނިޝާ ފެންނާނެކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ.

ނިޝާ ފެނިގެންދާނީ ގިނަ އަދަދެއްގެ ފިލްމީ ތަރިން ހަރަކާތްތެރިވާ ވަރަށް ޚާއްޞަ ވީޑިއޯ ލަވައަކުންނެވެ. މި ލަވަ އަކީ ދިވެހި ފިލްމީ ފަންނާނުން އެންމެ ގިނަ އަދަދަކަށް ފެނިގެންދާނެ ވީޑިއޯ ލަވަކަމަށް، އެކްޓަރ ޖާދުﷲ އިސްމާޢީލް (ޖާދު) މުނިއަވަސް އަށް ބުނެފައިވެއެވެ.

♪♫♬ ގެންދަންޏާ ގެންދަންވާށޭ ♬♫♪ މިއީ ފިލްމީ ދާއިރާއަށް ނިޝާ ތަޢާރަފުވި ވީޑިއޯ ލަވައެވެ. ޓީވީއެމުން ރޯދަމަހު ދެއްކި ލަވަ ޕްރޮގްރާމް މަހުރަބު ގައި ބައިވެރިވެ، މަލިކު މުޙައްމަދު އާއެކު ނިޝާ އެކްޓް ކުރި މިލަވަ އެޕްރޮގްރާމްގެ 1 ވަނަ ލަވަޔަށް ވެސް ހޮވުނެވެ. ފިލްމީ ދާއިރާ އަށް ނިޝާ އަށް ނިކުމެވުނީ މިގޮތުގެ މަތީންނެވެ.

މިއަދު ނިޝާގެ ފަހަތުން މުހައްމާ ދުވަމުން އަންނަ ކަމަށް ނިޝާ ބުނީ ♪♫♬ ދަނީހެ އައިސްބަލާ، ބުނެލަ ދީބަލާ އަނގައިން ♬♫♪ މި ލަވައިގައި ރީކޯ މޫސަ އޭނާގެ ފަހަތުން ދުވިގޮތަށް ކަމަށެވެ. ނިޝާ ހިމަނައިގެން ދިވެހި ފިލްމެއް ހެދުމުގެ ބޭނުމުގައެވެ. ހަމަ ގައިމުވެސް މިއަދު މުހައްމާ އާއި ނިޝާގެ ފޭނުންވެސް އެދޭނީ ނިޝާގެ މި ޖަވާބެވެ. ♪♫♬ ގެންދަންޏާ ގެންދަންވާށޭ ♬♫♪ ނިޝާގެ ފަރާތުން މި ޖަވާބު ލިބިއްޖެއްޔާ މުހައްމާ ހުރީ “ނިޝާ”ގެ ނަމުގައި ވަރުގަދަ ފިލްމެއް ހަދަން ތައްޔާރަށެވެ.

މުނިއަވަސް އަށް މިދިޔަ ހުކުރުވިލޭރޭ ޖާދު ބުނީ މިނިވަން ދުވަހަށް ހަދާ ޚާއްޞަ ވީޑިއޯ ލަވައިގައި ނިޝާ ފެނިގެންދާނެ ކަމަށެވެ.

ނިޝާ އެނބުރި ސްކްރީނަށް އައިސް ކުރާ ފުރަތަ މަސައްކަތް ބަލައިލަން ތިބެމާ ހިނގާށެވެ. ލަވަ ނިންމުމުގެ މަސައްކަތުގައި އެކަމުގެ ޓެކްނިކަލް ޓީމުން ވަރަށް ވަދިކޮށް އުޅޭކަން ގައިމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.