މިއީ 1990ގެ ކުރީގެ ދުވަސްތައް ހަނދާންހުރި ބަޔަކަށް އެނގޭނޭ، އެ ހަނދާންތައް އާވެގެންދާނޭ ވާހަކައަކަށް ވުން ޔަގީނެވެ. ފޫހިފިލުވާލަން ބަލާލާނެ ޓީވީއެއް، ކުޅެލާނެ ފޯނެއް، ޓެބެއް އޭރަކު ނުހުރެއެވެ. މީސްމީޑިޔާއަކީ ކޮން އެއްޗެއްކަން ވެސް އޭރަކު ނޭނގެއެވެ. ހޫނުގަދަވެ ލޮލަށް އުނދަނގޫވާތީ އަޅާލާނެ އަވިއައިނެއް، ގައިގައި އުނގުޅާލާނެ ލޯޝަންކޮޅެއް ގެންގުޅުނުއިރެއްވެސް ނޫނެވެ. އެހެންނަމަވެސް، އެދުވަސްވަރު ދުވަސް ދާގޮތްވެސް ނޭނގޭހާ މަޖާވެފާއި ހިތްގައިމެވެ. އެކެއްއަނެކެއްގެ އެކުވެރިކަމާ އެއްބަނޑުއެއްބަފާކަމުގެ ގުޅުންވަރުގަދައެވެ.

ދައްކާން މިއުޅެނީ މުޅިން އެހެންވާހަކައެކެވެ. ފޯނުން އިންޓަނެޓް ބޭނުންކުރާ ވާހަކައެއްނޫނެވެ. ފޫހިފިލުވަން ޓީވީބަލާ ވާހަކައެއްވެސް ނޫނެވެ. މުޅި ގައިގާ ލޯޝަންވަށާ ބޮލުގައި ޖެލްހާކާ ވާހަކައެއްވެސް ނޫނެވެ. މިއީ މުޅިން އެހެން ވާހަކައެކެވެ. އޭރުގެ ކުދިން ބޮޑެތިވެ މިހާރު މިތިބީ އެބުނާ ތަހުޒީބީޒަމާނުގައެވެ. މީހުނާ އިނދެ ދަރިން ލިބިފައެވެ. އެޒަމާނުގައި މަންމަ ގާތު ދެއްކި ބަހަނާތަކާއި، ހެދި މަކަރުތައް ހަނދާން ހުންނާނެއެވެ. ކިޔަވަންދާން ނޫނީ ނަމާދަށް ދާން ބުނުމުން ކަންތައްގަނޑެއް ލައްވައިނުލާ މީހަކު ހުރެދާނެހެނެއް ހިޔެއްނުވެއެވެ. ލައްކަ ތަޖުރިބާ ހުންނާނެތާއެވެ.

ހެނދުނު ކިޔަވަން ދާން ބުނުމުން އަތިރިޔަކަށް ދާންޖެހޭ ޖެހުމަކީ ކޮންމެ ކުއްޖަކު ވެސް ތިލަކޮށްލާނިކަންމޮޅު ބަހަނާއެކެވެ. އެ ގަޑިއަކީ ކުދިވެރިން އަތިރިމައްޗައް ޖަމާވާ ގަޑިއެވެ. ހީވާނީ ގަޑި ކިޔައިގެން އެގަޑިޔަށް އެއްތަންވާހެނެވެ. މިހެން އަތިރިމައްޗައް ދާ ކުދިންގެތެރޭ ކިޔަވައިގެން މަންމަގެ ހުއްދަލިބިގެން ދާ ކުދިންވެސް އުޅެއެވެ. އަތިރިމައްޗަށް ފުންކޮށްލާއިރު ހީވާނީ މިޒަމާނުގައިނަމަ ކުޑަކުދިންގެ ޕާކަކަށް ކުދިވެރިންއެއްވެ، ދުވެނަގާހެންނެވެ. ކޮންމެ ކުއްޖަކަށްވެސް ގޮނޑުދޮށަށް ފޭބޭއިރު ހުންނާނީ މުންޑުން ފޫގަޅައިލައިފައެވެ. އަތިރިމަތީ ގައި ހުންނަ ދަޅި ރުކަކުން ހެޔޮވަރުވަރުގެ ދިގު ފަންވަތެއް ދަމައިގަނެގެން އެހެންކުދިންނާ ބައިވެރިވެއެވެ.
ކުދިރާޅުތައް ބީއްސަމުންދާ ރީތި އަކިރިވެލިގަނޑަށް ރަށުގެ ރުއްގަހުގެ ހިޔާ އެޅިފައި އޮންނަ ހެނދުނުގެ ހިތްގައިމު މިވަގުތުގައި ގޮނޑުދޮށުން ކުދިކުދި ގުރުވަ (ލާމު ބަހުރުވައިން ‘ބުރިޔާ’) ހިފަން އެރި އުޅޭއުޅުމަކީ ލޯމަރާލާފައި ހިތަށް އަރުވާލިޔަސް މީހަރުވެސް ހިތަށް ހަމަޖެހުން ގެނުވާ މަންޒަރެކެވެ.

ގުރުވައެއް

އެއްބަސްވެފައިވާ ގޮތުގެމަތިން އެކުވެރި ކުދިންނާ ގުޅިގެން ބުރިޔަ ހިފުމުގައި އުޅެވެނީ މަންމަ ކިޔަވަންދާން ބުނި ހަނދާން ނައްތާލާފައެވެ. ރާޅުޖަހާ ރެސްފަށުގައި ކުދިކުދި ބުރިޔަ ދެކޮޅަށްދުވެދުވެ އުޅެއެވެ. ފަންވަތް ޖަހާ ދަމާ ހިކިތަނަށް އަރުވާލެވެނީ ކިތަކެއް ބުރިޔަ ކަމެއްވެސް ނޭނގެއެވެެ. ކޮންމެ ކުއްޖަކުވެސް ބުރިޔަ އަޅާނީ ނާށްޓަކަށެވެ. ދެތިން ކުއްޖަކު އެކުވެގެންނަމަ ގޮނޑުދޮށުގައި ވަޅެއްކޮނެ ބުރިޔަ އަޅައެވެ. މިހެން އުޅެނިކޮށް ފުރަތަމަ ރަނގަބީލު ޖަހައެވެ. ބޭބެއެއް ނޫނީ ކޮއްކޮއެއް މަންމަ ފޮނުވައިގެން އާދެއެވެ. އާނ! މިދަނީއޭބުނެ ބޮލުން ފޮޅާލެވެއެވެ. މިހެން އުޅެނިކޮށް ފުލް ހަތިޔާރުގައި މަންމަ އަންނަ ތަން ފެނެއެވެ. ހަމަ ފެނުމާއެކު ބުރިޔަ ހިފަން ގެންގުޅޭ ފަންވަތް ހުރާލާފައި ދުވެ ދަނީ ގޭދޮށަށެވެ. އޭރު ހުންނާނީ ތެމި ފޯވެފައެވެ. މަންމަ އައިސް އެއްޗެހިގޮވަން ފެށީމާ އަނެއްކާވެސް ދައްކާލަނީ މޮޅުބަހަނާއެކެވެ. “ސީދޮންނަން އިންދާ ބޮޑުރާޅެއްޖަހާ ތެއްމާލީއެވެ”.

ފެންވަރައިގެން ހެދުން ބަދަލުކޮށް ވަރަށް ބަސްއަހައިގެން ވަގުތުކޮޅެއް ގޭގައި ހޭދަކުރެއެވެ. ދެން ގެއިން ނިކުންނާނީ އެހެންދިމާއަކަށެވެ. ކުޅިވަރާ މަޖަލަށެވެ. ހިސާބުގަނޑުގެ އެކުވެރިންނާ އެކުގައެވެ. އެދުވަސް ހަނދާންހުރީ ކިތައް މީހުންހެއްޔެވެ. އެއީ މާޒީއެވެ. މާޒީން އިބުރަތް ހާސިލްކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.