ހދ. އަތޮޅުގެ 10 ސްކޫލަކާއި ގުޅިގެން ‘ތިލަ ދެކުނު މަލަސް’ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހުގެ ނިމުން މިމަހު 26 ވަނަ ދުވަހުގެރޭ ފާހަގަކޮށްފިއެވެ.

މިމަހުގެ 18 އިން 26އަށް ކުރިއަށްގެންދިޔަ މިކޯހުގައި ހދ. ހަނިމާދޫ ސްކޫލް، ފިނޭ ސްކޫލް، ނައިވައިދޫ ސްކޫލް، ހިރިމަރަދޫ ސްކޫލް، ކުރިނބީ ސްކޫލް، ކުމުންދޫ ސްކޫލް، މަކުނުދޫ ސްކޫލް، ނޮޅިވަރަމް ސްކޫލް، ނޮޅިވަރަންފަރު ސްކޫލް އަދި ނެއްލައިދޫ ސްކޫލުން 125 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ބުނީ ކޯހުގައި ބައިވެރިީ ޅެން ހެދުމަށް މާބޮޑަށް ޝައުގުވެރިވެގެން ނޫންކަމާއި ގޭގައި ތިބެން ޖެހިފައި އޮތުމުން ބައިވެރިވީ ކަމަށެވެ. އެހެން ނަމަވެސް ޅެން ހެދުމަށް މިހާރު ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިއްޖެކަމަށް އެ ދަރިވަރުން ބުނެއެވެ.

“މީގެ އިތުރު ބުރެއް ކުރިޔަށް ގެންގޮސް ދެއްވުމަށް އަޅުގަނޑުމެން ވާނީ އެދިފަ.” ދަރިވަރަކު ހާމަކުރިއެވެ. ދަރިވަރުންގެ އެދުމުގެ މަތިން މި ކޯހުގެ ދެވަނަ ބުރެއް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށް ކޯހުގެ މުދައްރިބު ޢީސާ ޝަރީފް ވިދާޅުވެފައިވެއެވެ.

“މި ޙަރަކާތަކީ ތިލަދެކުނުގެ ތާރީޚުގައި ލިޔެވިގެންދާނެ ޙަރަކާތެއް. ގިނަ އަދަދެއްގެ ސްކޫލުތައް ބައިވެރިވެގެން އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި ޙަރަކާތަކީ، މިފަދަ ފުރަތަމަ ޙަރަކާތްކަން ފާހަގަކޮށްލަން.” ޅެން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އާދަމް ވިދާވިއެވެ.

ތިލަ ދެކުނު މަލަސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިވައިދޫ ސްކޫލުގެ ޕްރިންސިޕަލް ޢަލީ ޝަރީފު ވަނީ ކޯހުގެ އުސްތާޛު ޢީސާ ޝަރީފުގެ މަސައްކަތްޕުޅަށް ނިހާއީ ތަޢުރީފެއް ކުރައްވައި ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރު ލެއްވުމަށް ވެސް ޝުކުރު އަދާ ކުރެއްވިއެވެ.

ކޯހުގެ މުދައްރިބު ޢީސާ ޝަރީފުގެ ވާހަކަފުޅުގައި މި ކޯސް ރޭވިގެން އައިގޮތް އޮޅުން ފިލުވައި ދެއްވިއެވެ. އެގޮތުން ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙަންމަދު އާދަމްގެ އިސްނެންގެވުމެއްގެ މަތިން ވަރަށް އާދައިގެ ގޮތަކަށް ދެކެވުނު ވާހަކައެއް ފުޅާވެ މިފަދަ މިންވަރަކަށް ބޮޑުވެގެން ދިއުމުން ވަރަށް އުފާކުރައްވާ ކަމަށް އީސަ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޮންލައިން ޅެން ކޯސް “އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)”ގެ ފުރަތަމަ ބެޗް ބޭއްވީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.