ދިވެހި ފިލްމީ ދާއިރާގައި އެއް ވާނެއްގައި ގިނަ ދުވަސްތަކެއް ވާންދެން ހިފަހައްޓައިލެވޭ ތަރިންގެ ޢަދަދު ނިސްބަތުން މަދުކަމަށް ދެންނެވިދާނެއެވެ. ނަމަށް ކިލަނބުކަަމެއް ނައިސް، އަބަދުވެސް ސްކްރީނުން ފެންނަ މޫނުތައް އެހައި ގިނައެކޭ ނުދެންނެވޭނެއެވެ. ނަމަވެސް ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހާ ފިޔަޖެހުމަށް، އަލިކުރާ އަލިކަމަށް ފަނޑުކަމެއް އައުމެއް ނެތި، ރޭހުގެ އެންމެ ކުރީގައި މި ތަރި ހިފަހައްޓަމުން އަންނަތާ ހަމަ ގައިމުވެސް ދެ ދަހަރަށް ވުރެން ގިނަދުވަސް ވެއްޖެއެވެ.

އެކްޓިންއަށް އޭނާ ނުކުތީ 13 ޖޫން 1997 ގައެވެ. ޖަންބު ޙަސަން ޢަފީފް (ޖަމްބޭ) އާއި މަރްޔަމް ނިޝާ އާއެކު ވީޑިއޯ ލަވައަކުންނެވެ. އެއަށްފަހު، ޔޫސޭގެ “ދިރިއުޅުމަކީ މިއީބާ؟” އިން މި އެކްޓަރު ފެނިގެންދިޔައެވެ. “ދިރިއުޅުމަކީ މިއީބާ؟” އަކީ މި އެކްޓަރު ބުނާގޮތުން އޭނާގެ ފިލްމީ ކެރިއަރުގެ ފެށުމެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާޠުމަތު ނަހުލާ 2000 ވަނަ އަހަރު އުފެއްދި “ފަހުނޭވާ”އިން ފީޗާ ފިލްމަށް މި އެކްޓަރު ފުރަތަމަ ނޭވާލިއެވެ.

ޖުމްލަ 27އަށް ވުރެން ގިނަ ފީޗާ ފިލްމުގައި އެކްޓްކޮށްފައިވާއިރު މޯލްޑިވްސް ފިލްމު އެވޯޑްސްް-2 ން ފިލްމު “އިންސާފު” ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވުން، 07 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ވެސް ފިލްމު “އިންސާފު” ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

ހަމަ އެހެންމެ 07 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ފިލްމު “ލޫދިފާ” އިން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަރގެ އެވޯޑް ލިބިފައިވެއެވެ. ހަމަ އެ އެވޯޑްގައި ފިލްމު “އިންސާފު”ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު ސަޕޯޓިންގ އެކްޓަރަށް ނޮމިނޭޓްވެފައިވެއެވެ.

މީގެ އިތުރުން 08ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ފިލްމު “އަހްޝަމް”ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުގެ އެވޯޑް ލިބިފައިވެއެވެ. އެންމެ ފަހުން ބޭއްވި 09 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ފިލްމު “ވިޝްކާ”ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުގެ ރޯލަށްވެސް މި އެކްޓަރު ނޮމިނޭޓްވިއެވެ.

އަޙްމަދު ސަޢީދު (ސަޢީދު)އަށް ފިލްމީ ދާއިރާގައި ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 23 އަހަރުގެ ދިގު މުއްދަތެއް ފިލްމީ ދާއިރާގައި ހޭދަކުރަމުން އަންނައިރު، ނަމަށް ކިލަނބުކަމެއް އައުމެއްނެތި، އަބަދުވެސް ސްކްރީނުން ފެންނަ ފެނުމެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުން ސަޢީދު ދައްކާ އެކްޓިން ވަރަށް ‘ނެޗުރަލް’އެވެ.

މިވަގުތުވެސް ސަޢީދުގެ ފިލްމީ މަސައްކަތްތައް ހުރީ މެކުހަށް ޖަހާފައެވެ. ސަރުކާރުގެ ވަރުގަދަ ކުންފުންޏެއްގައި ޒިންމާދާރު މަޤާމެއް އަދާކުމުގެ ބުރަ މަސްޢޫލިއްޔަތުވެސް އުފުލަމުންނެވެ. ނިމިދިޔަ 2019 ވަނަ އަހަރަކީވެސް ދިވެހި ފިރިހެން އެކްޓަރުންގެ ތެރެއިން އެންމެ ގިނަ ފިލްމުތަކުގައި ސަޢީދު ހަރަކާތްތެރިވި އަހަރެވެ. އޭގެ ކުރީ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލިޔަސް މިކަން އޮތީ މިހެންނެވެ.

ދެން އޮތީ މި އަހަރުގެ ވާހަކައެވެ. މި އަހަރު މިހައިތަނަށް އައިއިރު، އަޙްމަދު ޒަރީރުގެ ފިލްމު ކުންފުނިން ހަދާ ވަރުގަދަ ސިޔާސީ ފިލްމު “މަރްޔަމް”ގެ ލީޑްރޯލު ސަޢީދު ވަނީ ކުޅެފައެވެ. އޭގެ އިތުރުން ފިލްމު “ކޮސް ގިނަ މިސްޓޭކް” އަކީވެސް މި ލިސްޓަށް އިތުރުވާ ފިލްމެކެވެ. އެ ފިލްމުގައިވެސް ވަރަށް މުހިންމު އަދި ތަފާތު ކެރެކްޓަރ އަކުން ސަޢީދު ފެނިގެންދާނެއެވެ.

“ހުވާކޮށްފާ ބުނަން” ގައި ސައީދު – ފޮޓޯ: ޔޫއްޕެ ޕްރޮޑަކްޝަން

ޔޫއްޕެ ޕްރޮޑަކްޝަންސްގެ އަލަތު ޑްރާމާ ސީރީޒް “ހުވާކޮށްފާ ބުނަން“ގެ ވެސް މުހިންމު ކެރެކްޓަރ ރޯލަކުން ސަޢީދު ފެންނާނެއެވެ. މިއީ މިމަހު ދައްކަން ފެށުމަށް ހަމަޖެހިފައިވާ ތިން ސީޒަންގެ ދިގު ސީރީޒެކެވެ. މީގެ އިތުރުން ބައިސްކޯފުން މިމަހު 25ގައި ސްޓްރީމުކުރަން ފަށާ ވެބް ސީރީޒް “ގަމިނި”ގެ ސަޕޯޓިން އެކްތަރުގެ ރޯލުވެސް ކުޅެފައިވަނީ ސަޢީދުއެވެ. މިއީ މޫމިން ފުއާދު ޑައިރެކްޓްކޮށް ގެނެސްދޭ ވަރަށް ތަފާތު ސީރީޒެކެވެ.

އިތުރު ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ސަޢީދަށް ވަނީ ލިބިފައެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ޑައިރެކްޓްކުރާ ވެބް ސީރީޒަކާއި ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދުމަށް ވާހަކަ ލިޔަމުން އަންނަ ފީޗާ ފިލްމެއްވެސް ހިމެނެވެ.

“އަދި މި އަހަރު ފަހުކޮޅު، ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ ފިލްމެއްގައި މަސައްކަތްކުރަންވެސް އެބަ އޮތް، އެއީ ވަރަށް ބޮޑު ސަޕްރައިޒެއް.” ސަޢީދަށް ލިބިފައިވާ އެންމެ ފަހުގެ ފުރުޞަތުތައް އޮޅުންފިލުވައިލުމަށް ސުވާލުކޮށްލުމުން ބުންޏެވެ.

މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ހަމަ ކޮންމެ ޕްރޮޑަކްޝަންއެއްގައި ފެންނަ އެއް މޫނަކަށް ސަޢީދުވެސް ވާނެއެވެ. އެހެންކަމުން ސަޢީދުގެ މަސައްކަތާއި ސަޢީދުގެ އެކްޓިންގ އަދި މަސައްކަތުގެ އަޚްލާޤް އެންމެ ބޮޑަށް އެނގޭނެ އެކަކަށް ޔޫއްޕެ ވާނެއެވެ. އެހެންކަމުން މުނިއަވަސް އިން ޔުއްޕެގެ ބަހެއް ހޯދައިލީމެވެ.

“ސަޢީދަކީ އަޅުގަނޑުގެ ސީނިއަރެއް، ދެން މިހާރު މި ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ ވަރަށް ދުވަސްވީ ތަޖުރިބާކާރު، ހުނަރުވެރި ފަންނާނެއް. އެގޮތުން އަޅުގަނޑަކީ ވެސް ހަމަ ސައީދުގެ ވަރަށް ބޮޑު ފޭނޭކޭވެސް ބުނެވިދާނެ.” ސަޢީދާއި ދޭތެރޭ ޔޫއްޕެ ދެކޭގޮތް ހާމަކުރަމުން ބުންޏެވެ.

“ދެން ސައީދުގެ މަސައްކަތްތަކަކީ ވަރަށް ކުރިއްސުރެވެސް ބަލައިގަނެވުނު، ވަރަށް ހުނަރުވެރި، މޮޅު އެކްޓަރެއްގެ ގޮތުގަ ފާހަގަކޮށްލަން.” ޔޫއްޕެ ބުނީ ޑައިރެކްޝަންގެ ދާއިރާއަށް ނުކުތުމަށްފަހު ފިލްމުތައް ޕްރޮޑިއުސްކުރަން ފެށި ހިސާބުން ޔޫއްޕެގެ ފިލްމުތަކުގައި ސަޢީދުގެ ފެނިލުން ބޭނުންވެގެން ދިޔަކަމަށެވެ.

“ޚާއްޞަކޮށް އަޅުގަނޑުގެ ފިލްމުތަކުގަ ސަޢީދު ހިމަނަން ބޭނުންވި. އެހެންވީމަ އެގޮތުން ސަޢީދަށް ހުށައެޅީ އަދި ސަޢީދު ވެސް ހަމަ އެކަން ޤަބޫލުކޮށް ފިލްމުތަކުގަ ބައިވެރިވުން އެއީ ހަމަ ގައިމުވެސް އަޅުގަނޑުގެ އުފެއްދުންތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ ސަޢީދު ކަހަލަ މޮޅު، ހުނަރުވެރި ހީވާގި ފަންނާނަކު ޚާއްޞަކޮށް އަހަރެންގެ ފިލްމުތަކުގަ ފެނިގެން ދިއުން.” ޔޫއްޕެގެ ފިލްމުތަކުގައި ސަޢީދު ހިމަނާ ސަބަބު ހާމަކުރަމުން ބުންޏެވެ.

ޔޫއްޕެ އިތުރަށް ބުނީ ސަޢީދު ފަދަ ހުނަރުވެރި ފަރާތްތައް ގެއްލިގެން ދިޔަ ނުދީ ކުރެވެން އޮތް މަސައްކަތްތަކެއްވެސް ކުރަން ބޭނުން ކަމަށެވެ. އެގޮތުން ޔޫއްޕެގެ އުފެއްދުންތަކުގައި ސަޢީދު ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ބުންޏެވެ.

“ސަޢީދަކީ މަސައްކަތް ކުރަންވެސް ފަސޭހަ، އެހާމެ ހުނަރުވެރި ފަރާތަކަށް ވާތީއާ ޚާއްޞަގޮތެއްގަ ސްކްރިޕްޓް ދިނުމަށްފަހު ސްކްރިޕްޓަށް ވަރަށް ރަނގަޅަށް ވަދެ ކެރެކްޓަރ ނަގައިގެން ފިލްމުކުޅޭ ފަރާތެއްކަން ވަރަށް ބޮޑަށް ފާހަގަކުރަން. ޚާއްޞަގޮތެއްގަ ދިވެހިރާއްޖޭގަ ނުހުންނާނެކަން ނޭނގެ އެހާ ގިނަ ކެރެކްޓަރ ރޯލުތަކެއް ކުޅުނު ފަރާތެއް.” ޔޫއްޕެ ބުނީ އެއީވެސް ސަޢީދަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޔޫއްޕެ ތަކުރާރުކޮށް ބުނީ ސަޢީދަކީ ވަރަށް ހުނަރުވެރި، ހީވާގި، މަސައްކަތްތެރި، ވަގުތަށް ފަރުވާތެރި، އެހެން މީހުންގެ މަސައްކަތް ބަލައިގަންނަ، އެހެން މީހުންނަށް ހިތްވަރުދޭ ކާމިޔާބު މޮޅު އެކްޓަރެއް ކަމަށެވެ.

ޔޫއްޕެގެ ވާހަކަތަކަކީ ހަމަ ގައިމުވެސް ދާއިރާ ދަންނަ ހުރިހައި ފަރާތަކުންވެސް ސަޢީދު ސިފަކުރާނެ ގޮތްކަމަށް ޤަބޫލުކުރެވެއެވެ. އެހެން ފަންނާނުންގެ ކުރިއެރުމަށް މަސައްކަތްކޮށްދޭކަން އަމަލީގޮތުންވެސް ސަޢީދު އަންނަނީ ދައްކަމުންނެވެ.

ސަޢީދަކީ އަބަދުވެސް ދިވެހި ފިލްމީ ދާއިރާއާއި މެދު އެންމެ ބޮޑަށް ވިސްނާ އެއް އެކްޓަރަށް ވާނެކަން މުނިއަވަސް އިން، ފިލްމީ މަސައްކަތަށް މި ކުރާ ދަތުރުގައި އެނގިގެން ގޮސްފައިވެއެވެ. ފިލްމީ އަދި ޒަވާޖީ ޙަޔާތުގައިވެސް ސަޢީދަށް ބާއްޖަވެރި، އަރުތަވެރި ދުވަސްތަކަކަށް މުނިއަވަސް ޓީމާއި ކިޔުންތެރިންގެ ފަރާތުން އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.