ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތިވުމުން، ހުރިހައި ސިނާޢަތްތަކަކަށް، ހުރިހައި ދާއިރާއަކަށް އޭގެ ލޮޅުން އެރިއެވެ. ފިލްމީ ސިނާޢަތަކީ މި ބަލިމަޑުކަމުގެ އަސަރު ފޯރައި، ގާތްގަނޑަކަށް ހުއްޓުމަށް އެރި ދާއިރާ އެކެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. ރާއްޖެއިން ބޭރުގެވެސް ހާލަތަކީ މިއީއެވެ.

ގިނަ ގޮންޖެހުން ތަކަަކާއި ދަތިތަކަކާއި އެކުވެސް، ރާއްޖޭގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޑާކް ރެއިން އެންޓަޓެއިންމެންޓުގެ މަސައްކަތަކަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަޔަސް، ހުއްޓުމެއް ނެތި އެ ސްޓޫޑިއޯގައި މަސައްކަތްތަކެއް އަބަދުވެސް ކުރެވެމުން ދެއެވެ. ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމަށް ގިނަގުނަ ވީޑިއޯ ސްޕޮޓްތަކެއް ތައްޔާރުކޮށް ގެނެސްދިނެވެ. އޭރުވެސް، އެ ސްޓޫޑިއޯޯއިން ހަދަން ފަށާފައިވާ ބައެއް ފިލްމުތަކުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތާއި ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ގެންދިޔައީ އަދި ގެންދަނީ ކުރަމުންނެވެ.

ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް އިއްޔެ ވަނީ 14 އަހަރު ފުރިފައެވެ. މިދިޔަ އަހަރުވެސް ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ އެ ޕްރޮޑަކްޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަ، އަދި ކުރިއަށް ރޭވިފައިވާ ޕްރޮޖެކްޓަކުގެ މަޢުލޫމާތު އިއްޔެގެ ވަގުތެއްގައި ވަނީ އާއްމުކޮށްފައެވެ. އެ ފިލްމުތަކުގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

1- ފިލްމު “ނޮވެމްބަރ”- އެއްކޮށް މަސައްކަތް ނިމިފައި

ފިލްމު “ނޮވެމްބަރ” ގައި ވަޖީހް – ފޮޓޯ: ޑީއާރްއީ

މިއީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލް ލިޔެފައިވާ ސްކްރީންޕްލޭ އަކަށް، ޢަލީ ޝިފާޢު (ޗިއްޕެ) އާއި ޢާއިޝަތު ފުއާދު ތަޢުފީޤް ޑައިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ލ. ގަން-ފޮނަދޫ ސަރަހައްދު، ސިންގަޕޯ އަދި ގްރޭޓަރ މާލޭ އޭރިއާގައެވެ.

ފިލްމު ރިލިޒްކުރާނީ 2021 ގައި ކަމަށް ބެލެވެއެވެ.

2- ފިލްމު “ބަޅިނދު” އުފެއްދުމުގެ މަސައްކަތް ކުރިއަށް

މިއީ އަލަށް ސްކްރީން ރައިޓިން އަށް ނުކުތް ޒުވާން ލިޔުންތެރިޔާ ހޫދު އިބްރާހީމް ލިޔެ، ފިލްމު “ގޮށްރާޅު” ވެސް ޑައިރެކްޓްކުރި އަޙްމަދު ޝިނާނުގެ ޑައިރެކްޝަނެކެވެ. ފިލްމުގެ ކާސްޓަށް ބޮޑު ބަދަލެއް ގެނެސް އަލުން ޝޫޓިން ފަށާފައިވާކަމަށް ޑާކް ރެއިން އިން ހާމަކުރީ މިމަހު 14 ވަނަ ދުވަހުއެވެ.

ފިލްމުގެ ކާސްޓުގައި ކުރިން ހިމެނި ބައެއް ތަރިން އުނިކޮށް އެމީހުންގެ ބަދަލުގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނުޒްޙަތު ޝުޢައިބް، މަރްޔަމް މަޖުދާ އަދި ޝަރަފް ޢަބްދުﷲ ހިމަނާފައިވެއެވެ.

“ބަޅިނދު” ގެ 15 ޕަސަންޓް އޮތީ ނިމިފަ އެވެ.

3- ފިލްމު “ބީވީމާ” – ފިލްމުގެ 50 އިންސައްތަ ޝޫޓްކުރެވިފައި

މިއީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ މެއިން ކާސްޓްގައި ހިމެނެނީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އާއި ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އެވެ.

4- ކުރު ވެބް ސީރީޒް “ހަށިވާ” – މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަންގެ މަރުހަލާގައި

މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓްކުރާ މިނީ ވެބް ސީރީޒެކެވެ. ސީރީޒްގެ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

5- ޑާކް ރެއިން ކްރޮނިކްލްސް – ސީޒަން 1

މިއީ ޢަލީ ޝިފާޢު (ޗިއްޕެ) ލިޔެ ޑައިރެކްޓްކުރާ ސީރީޒެކެވެ.

6- ޑާކް ރެއިން އެންތޮލޮޖީ – ސީޒަން 1

މިއީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ. މި އެންތޮލޮޖީގައި ހިމެނެނީ:-

* ފުރޭތަ – ލިޔުނީ އަޙްމަދު ޠަލާލް އެވެ.

* ބައިސާ – ލިޔުނީ މޫމިން ފުއާދު އެވެ.

* ރެހެންދިޚަދީޖާ – ލިޔުނީ ޢާއިޝަތު ފުއާދު އާއި އަޙްމަދު ޠަލާލް އެވެ.

”ރެހެންދިޚަދީޖާ“ ޑައިރެކްޓްކުރަނީ ޑާކް ރެއިނުން ގެނެސްދިން ކާމިޔާބު ކްރައިމް ތުރިލާ ޑައިރެކްކުރި އަޙްމަދު ޝިނާން ކަމަށް ޑާކް ރެއިން އިން ބުނެފައިވެއެވެ.

”މިއީ އަހަރެމެން މިހާތަނަށް ހަދާ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެ. އަދި ވީ އެންމެ އަވަހަކަށް ބެލުންތެރިންނަށް ފިލްމު ގެނެސްދޭން މަސައްކަތްކުރާނަން.“ ފިލްމާމެދު އެ ޕްރޮޑަކްޝަނުން ފުރަތަމަ ފަހަރަށް މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

އައްސުލްޠާނާ ޚަދީޖާ ޝްރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދި ޚަދީޖާ) ގެ ޙަޔާތަށް ބިނާކޮށް ހަދާ ”ރެހެންދި ޚަދީޖާ“ ފިލްމުގައި އެ ޒަމާން، ގެނެސްދެވެން އޮތް އެންމެ ފުރިހަމައަށް ގެނެސްދިނުމަށާއި އޭރުގެ ސަހުސިއްޔަތުތައް (ކެރެކްޓާތައް)، ހެދުން، ބަސްމަގު، މިއުޒިކް އަދި ހާދިސާތައް ހިނގައިދިޔަ ތަންތަން (ލޮކޭޝަންތައް) އެންމެ ފުރިހަމައަށް، ވީހައިވެސް އަސްލާއި އެއްގޮތަށް ގެނެސްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ވެސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.