މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ބާއްވާ ނޫސްވެރިކަމުގެ އިނާމުގެ 2019 އަށް ލިބިފައިވާ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައި އެ ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ފަސް ބޭފުޅުން ކަމަށެވެ.  އެ 5 ބޭފުޅުންނަކީ؛

1. އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހިމް:
ޢަބްދުﷲ ނަޢީމް އަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އާފަތިސް ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ ނޫސް ހިންގުމުގައި އޭނާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

2. އަލްފާޟިލް މުޙައްމަދު ނާޝިދު:
ސަރުކާރުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ނާޝިދު ވަނީ ހާރިޖީ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައެވެ. އަދި ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމްގެ އިސްވެރިއެއްގެ ގޮތުގައި 8 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެއްވިއެވެ. ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

3. އަލްފާޟިލް ޢަލީ ނިޝާން:
ޢަލީ ނިޝާނަކީ ފޮޓޯގްރަފީގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އޭނާގެ ކެރިއަރު ފެށިފައި ވަނީ، ހަވީރު ނޫހުގައި ފޮޓޯ ޖާނަލިސްޓެއްގެ ވަޒީފާއިންނެވެ. ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯދާފައިވެއެވެ. މިހާރުވެސް އޭނާ އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ފްރީލާންސްކޮށް މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި ފޮޓޯގްރަފީގެ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވައެވެ.

4. އަލްފާޟިލް މުޙައްމަދު އަފްރާހު:
މުޙައްމަދު އަފްރާހު ވަނީ ޓީވީ މޯލްޑިވްސްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ބްރޯޑްކާސްޓިންގ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފަފައެވެ.

5. އަލްފާޟިލާ އަޝްވާ ފަހީމް:

އަޝްވާ ފަހީމް އަކީ މެލޭޝިއާގެ ސެގީ ޔުނިވަރސިޓީއިން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އިނގިރޭސިވިލާތުގެ ދި މޮންޓްފޯޑް ޔުނިވަރސިޓީއިން އޭނާ ވަނީ ފޮޓޯގްރަފީގެ ދާއިރާއިން މާސްޓަރޒް ހާސިލް ކުރައްވައިފައެވެ. އެއަށްފަހު، އޭނާ ވަނީ ވީޑިއޯ ޖާނަލިސްޓް އަދި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ރާއްޖެޓީވީގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ރޮއިޓާޒް ފަދަ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކަށް ފްރީންލާންސްކޮށް ފޮޓޯ ނަގައިދިނުމާއި ފްރީލާންސްކޮށް ވީޑިއޯޖާނަލިޒަމްގެ މަސައްކަތްތައް އޭނާ އަންނަނީ ކުރައްވަމުންނެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އުންމީދީ ނޫސްވެރިޔާގެ ބަޔަށް ލިބިފައިވާ ހުށަހެޅުންތަކަށް ވެސް އިންސާފު ކުރައްވާނީ މި ފަނޑިޔާރުންގެ ޕެނަލުން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ 11 ދާއިރާއަށް 80 ހުށަހެޅުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިފައިވާކަމަށް އެތަނުން ހާމަކުރައްވައެވެ.

އެ ގޮތުން މި އިނާމު ދިނުމަށް ކަނޑައަޅާފައިވާ 11 ދާއިރާއަށް ހުށަހެޅުންތައް ލިބިފައިވާ އަދަދުތައް ތިރީގައި އެވަނީއެވެ.

# ދާއިރާ ޕްރިންޓް/އޮންލައިން ކެޓަގަރީ ބްރޯޑްކާސްޓިންގ ކެޓަގަރީ
1 ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް) 2  
2 އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން 10 1
3 ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ 2 1
4 ސިޔާސީ 6 3
5 ޝަރުއީ އަދި ޤާނޫނީ 4  
6 ވިޔަފާރިއާއި އިޤުތިޞާދު 5 1
7 ކުޅިވަރު 3 1
8 ފީޗަރ / ރިޕޯޓް 24 5
9 ފޮޓޯ ޖާރނަލިޒަމް 5  
10 ވީޑިއޯ ޖާރނަލިޒަމް   2
11 އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު 5

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.